ފިލްމީ ދާއިރާގެ ދަތިތައް މިނިސްޓަރަށް ހުށަހަޅައިފި

ރާއްޖޭގެ ފިލްމީ ދާއިރާ އަށް ކުރިމަތިވެފައި ހުރި މައްސަލަތައް ފިލްމީ ފަންނާނުން އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާ މިރޭ ހިއްސާކޮށް، ދާއިރާގައި ހުރި ކަންބޮޑުވުންތައް މިރޭ ފާޅުކޮށްފި އެވެ.


ފިލްމީ ފަންނާނުންނަށް ހާއްސަކޮށްގެން އޮލިމްޕަސް ސިނަމާގައި ބޭއްވި ފޯރަމްގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ފިލްމީ ތަރިން ވެސް ބައިވެރިވި އެވެ. ނަމަވެސް ފޯރަމްގައި ބައިވެރިވެފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ ފަންނާނުންކަން ފާހަގަކޮށްލެވެ އެވެ.

ފޯރަމްގައި އެކިއެކި ފަންނާނުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ވަރަށް ތަފުސީލުކޮށް ހިއްސާކޮށްފަ އެވެ.

ފިލްމީ ފަންނާނުން ފާހަގަ ކުރި މައިގަނޑު މައްސަލަތައް:

* އާޓްސްއާ ގުޅުން ހުރި ދާއިރާތަކަށް ތައުލީމީ ނިޒާމުގެ ތެރެއިން އިހުމާލުވުން

* ފިލްމު ހަދަން ސަރުކާރުގެ ތެރެއިން ފަންޑް ނުލިބުން

* ރާއްޖޭގެ ރަސްމީ ސިނަމާ އޮލިމްޕަހުގެ ފެންވަރު ދަށްވުން

* އޮލިމްޕަސް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށުގައި ހުރުން

* ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތު ނުލިބުން

* ފިލްމީ ދާއިރާ އަށް މީހުން ބިނާ ކުރަން މަސައްކަތް ނުކުރުން

* ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ދޯހަޅިވުން

* މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އަށް ގާނޫނީ ބާރު ނެތުން

* ފިލްމުތައް މާކެޓް ކުރެވޭނެ ޑިސްޓްރިބިއުޝަން ނިޒާމެއް ނެތުން

* ރަށްރަށުގައި ފިލްމުތައް އަޅުވަން ތަންތަން ހޯދަން ދަތިވުން

* ފިލްމުތައް އާކައިވް ނުކުރެވުން

* ރަށްރަށާއި މާލޭގައި ވެސް ފިލްމުތައް ޝޫޓް ކުރަން ދަތިތަކެއް ހުރުން

* ފިލްމީ ފަންނާނުންގެ އަގު އެކަށީގެންވާ ގޮތަށް ވަޒަން ނުކުރެވުން

* ހަމައެކަނި ސާކް ފިލްމު ފެސްޓިވަލްގައި ފިލްމުތައް ބައިވެރި ކުރަން ޖެހުން

* ފިލްމު އެވޯޑް ހަފުލާ ދޯދިޔާވުން

ފަންނާނުންނަށް ވަނީ އެ މީހުންގެ ކަންބޮޑުވުންތަކުގެ އިތުރަށް ހުރި މައްސަލަތައް ހައްލު ކުރަން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް ހިޔާލު ފާޅު ކޮށްފަ އެވެ. އެގޮތުން ބައެއްކަން ފާހަގަކޮށްފައިވެ އެވެ.

ހައްލު ކުރެވިދާނެ ބައެއް ގޮތްތައް:

* އެޑިއުކޭޝަނާ ގުޅިގެން އާޓްސް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރުން

* އޮލިމްޕަސް މިހާރުން މިހާރަށް ޕީއެސްއެމްގެ އަތުން އަތުލުން

* ފިލްމު ހަދަން ފަންޑް ބޭނުންވާ މީހުންނަށް ލޯނު ލިބޭނެ ގޮތްތަކެއް ފަހިކޮށް ދިނުން

* ކައުންސިލްތަކާ ގުޅިގެން ފިލްމުތައް ރަށްރަށުގައި ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުން

* ފިލްމު ޝޫޓް ކުރަން ގާނޫނީ ހައިސިއްޔަތު އޮންނަ ހުއްދައެއް ދޫކުރުން

* އެމްއެފްއޭ އަށް އެހެން ޖަމިއްޔާތަކާ އެއްގޮތަށް ގާނޫނީ ބާރު ދިނުން

* ރަށްރަށުގެ ސްކޫލްތަކާއި ޔޫތު ސެންޓަރު ފަދަ ތަންތަނުގައި ފިލްމު ދެއްކޭނެ ގޮތް ހެދުން

* މައްސަލަތައް ހައްލު ކުރަން ކޮމިޓީއެއް އެކުލަވައިލުން

ފިލްމީ ފަންނާނުން ހިއްސާ ކުރި ކަންބޮޑުވުންތަކާއި ހައްލުތަކަށް އިޝާރާތް ކުރައްވައި ޔުމްނާ ވިދާޅުވީ އޭނާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓްރީގެ ޒިންމާއަކީ ރާއްޖޭގެ ފަންނާނުންނާއި އެކި ކަހަލަ ފަންނުވެރިކަން ކުރިއެރުވުން ކަމަށްވާތީ، މިކަމަށް މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފިލްމީ ފަންނާނުންނަށް ބޭއްވި ފޯރަމްގެ ތެރެއިން. ފޮޓޯ/ އެންސީއޭ

ޔުމްނާ ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި އާޓާ ގުޅުން ހުރި ދާއިރާތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާ އެކު މިހާރު މަޝްވަރާތަކެއް ކުރެވިފައިވާ އިރު، ފިލްމީ ދާއިރާ އަށް އިކޮނިމިކް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށް ދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން ވެސް މިހާރު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެ އިތުރުން ކައުންސިލްތަކާ ވާހަކަ ދައްކައިގެން ރަށްރަށުގައި ފިލްމުތައް ފަސޭހަ އިން ދެއްކޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދޭން ވެސް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކުއްލިއަކަށް ހުރިހާ ކަމެއް ވާނެއެކޭ އަޅުގަނޑު ނުދަންނަވާނަން. އެހެން ނަމަވެސް އެބަހުރި ބައެއް ކަންކަން ބޮޑެތި ހަރަދުތަކެއް ނުގޮސް މިހާރު ވެސް ސަރުކާރުގެ އެހެން އިދާރާތަކާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ކޮށްދޭން އެ މަސްއޫލިއްޔަތުތައް އަދާކޮށް ދޭން މި ޒިންމާތަކާ ހަވާލުވެގެން މި ތިބީ."

ޔުމްނާ ވިދާޅުވި ގޮތުގައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރެވިދާނެ އެވެ.