ޝިލްޕާ ޝިންޑޭ ކޮންގްރެސް ޕާޓީ އަށް ސޮއިކޮށް، ސިޔާސީ ދާއިރާ އަށް

ދެހާސް ސަތާރަ ވަނަ އަހަރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 11 ކާމިޔާބު ކުރި އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޝިލްޕާ ޝިންޑާ އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސް އަށް ސޮއިކޮށް، ސިޔާސީ ދާއިރާ އަށް ނުކުމެއްޖެ އެވެ.


އުމުރުން 41 އަހަރުގެ ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއްގައި ބުނި ގޮތުގައި ސިޔާސީ ދާއިރާއަކީ އަބަދު ވެސް އޭނާ ވިސްނަމުން ދިޔަ ދާއިރާއެކެވެ. އެކަމަކު އިންޑިއާގެ އާންމު އިންތިހާބު ބާއްވަން ކުޑަތަންވެފައި ވަނިކޮށް، ސިޔާސީ މައިދާނަށް ނުކުތީ ފިލްމީ ދާއިރާގެ އެއްވެސް މީހަކާ މަޝްވަރާކޮށްފައި ނޫން ކަމަށް ބުންޏެވެ.

"އަހަންނަކީ އަބަދު ވެސް އަހަރެންގެ އަމިއްލަ ހައްގުތަކަށް މަސައްކަތް ކުރާ މީހެއް. މިހާރު މިއީ ރައްޔިތުންގެ ހައްގުގައި އަހަރެން ނުކުމެ މަސައްކަތް ކުރަންވީ ވަގުތު ކަމަށް ދެކެނީ،" ޓީވީ ސިލްސިލާ "ބާބީޖީ ގަރްޕަރް ހޭ" ގައި ކުރިން އެކްޓްކޮށްފައިވާ ބަތަލާ ބުންޏެވެ. "އަހަރެން ގަބޫލު ކުރާ ގޮތުގައި ސިޔާސީ ދާއިރާ އަށް ނުކުމެ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަށް އަހަންނަށް ވަކާލާތުކޮށް، އަޑު އުފުލޭނެ."

ޝިލްޕާ ބުނި ގޮތުގައި ސިޔާސީ ދާއިރާ އަށް ނުކުތީ ކޮންމެހެން ވަކި ކަހަލަ މަގާކަށް ދިއުމުގެ ވިސްނުމުގައެއް ނޫނެވެ.

ޝިލްޕާގެ އިންޓަވިއު.

"އަދި ކިރިޔާ މިކަމަށް މި ނުކުމެވުނީ. އެހެންވީމާ އަދި އަހަންނަނަށް ނޭނގޭ ކޮން ހިސާބަކަށް ކަމެއް ދާންވީ. ޔަގީނުން ވެސް ކޮންގްރެސް ޕާޓީ ކުރާ މަސައްކަތުގައި އަހަރެންގެ ހިއްސާ ދެން އޮންނާނެ،" އޭނާ ބުންޏެވެ. "އަދި އަހަންނަށް ކުރިއަށް ދާމަ މަގު ޕާޓީން ހުޅުވައި ދޭނެ ކަމަށް މި ބަލަނީ."

އަންނަ އެޕްރީލް ނޫނީ މެއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަށް ޕާޓީތަކުން މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، ގޮނޑިއަކަށް ޝިލްޕާ ވާދަ ކުރާނެ ކަމެއް އަދި ނޭނގެ އެވެ.

އޭނާ ސިޔާސީ ދާއިރާ އަށް ނުކުމުތުން ވަކިން ހާއްސަކޮށް ކޮންގްރެސްއާ ގުޅުމުން ބައެއް ފޭނުން ވަނީ ޓްވިޓާގައި އެކަމަށް ފާޑު ކިޔައިފަ އެވެ. އެއް ބަޔަކު ބުނީ ތި ހިޔާރު ކުރެވުނީ ނުބައި ދިމާލެއް ކަމަށާއި ލިބޭނެ ރީތި ނަމެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ބައެއް ފޭނުން ވަނީ ޝިލްޕާ އަށް "ބިގް ބޮސް" ކާމިޔާބުކޮށް ދޭން ވޯޓް ދެވުނީތީ މިހާރު ދެރަވާ ކަމަށް ބުނެފަ އެވެ.

ކަލާޒްގެ "ބިގް ބޮސް 11" ކާމިޔާބު ކުރުމަށް ފަހު، ޝިލްޕާ ވަނީ ސްޓާ ޕްލަސް އިން ގެނެސް ދިން ކޮމެޑީ ޝޯއެއްގައި ސުނިލް ގްރޯވާއާ އެކު މަސައްކަތްކޮށްފަ އެވެ.

އަދި އޭނާ ވަނީ ސަލްމާން ހާނާ ގާތް ގުޅުމެއް އޮންނަ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ރާދާ ކިޔު ގޯރީ، މޭ ކާލާ ކިޔު" ގެ ރޯލެއް ވެސް ކުޅެފަ އެވެ. އެ ފިލްމު މި އަހަރު ރިލީޒް ކުރާނެ އެވެ.