މަސްތުވާތަކެއްޗާ ދެކޮޅަށް އަންނަ މަހު އިންޑިއާގައި ކުރިއަށް ގެންދާ ކެމްޕޭނެއްގައި ބައިވެރިވާން، ކުރިން މަސްތުވާތަކެތީގެ ޝިކާރައަކަށްވި މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ނިންމައިފި އެވެ.
މި މަހުގެ 18 އާއި 19 ގައި ޗަންދީގަރާއި ހިސާރުގެ ޔުނިވަސިޓީތަކަކުން އިންތިޒާމުކޮށްގެން، މަސްތުވާތަކެއްޗާ ދެކޮޅަށް "ޑްރަގް ފްރީ އިންޑިއާ" ގެ ނަމުގައި ހިންގާ ކެމްޕޭނުގައި ސަންޖޭގެ އިތުރުން ވެސް ބޮލީވުޑްގެ ފަންނާނުންތަކެއް ބައިވެރި ވާނެ އެވެ. އޭގެ ތެރޭގައި ސޮނާކްޝީ ސިންހާ، ޕަރިނީތީ ޗޯޕްޅާ، ވަރުން ޝަރުމާ، ލަވަކިޔުންތެރިޔާ ސޯނޫ ނިގާމާއި ރެޕާ ބާދްޝާ ވެސް ހިމެނެ އެވެ.
ގާތްގަނޑަކަށް ލައްކައަކަށް ވުރެ ގިނަ ޒުވާނުންނަށް އަމާޒުކޮށްގެން މި ފަހަރު ކުރިއަށް ގެންދާ ކެމްޕޭނުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމަށް ހިންގާ އެކި ހަރަކާތްތަކުގައި ފަންނާނުން ބައިވެރި ވާނެ އެވެ. އޭގެ ތެރޭގައި ރޯޑްޝޯތަކެއް ވެސް ހިމެނެ އެވެ.
ސަންޖޭ ބުނީ އޭނާ މި ކެމްޕޭނުގައި ހިއްސާވާން ނިންމި މައިގަނޑު ސަބަބަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އަމިއްލަ އަށް ކުރަން ޖެހުނު ހިތްދަތި ތަޖުރިބާތަކުގެ ވާހަކަތަކުން އެހެން މީހުންނަށް މެސެޖްތަކެއް ފޯރުކޮށްދިނުމެވެ. އޭނާގެ ކެރިއަރުގެ ވަރަށް ކުރީކޮޅު މަސްތުވާތަކެތީގެ ވަބާގައި ޖެހި، ވަރަށް ގިނަ ގޯސް ކަންތައްތަކެއްގެ ތެރެއަށް ގެންގޮސް، ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ވެސް ހޭދަކުރަން ޖެހުނެވެ.
މިދިޔަ އަހަރު ސިނަމާތަކަށް ގެނައި ސަންޖޭގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" ގައި ވެސް އެ ވާހަކަ ކިޔައި ދީފައިވެ އެވެ.
"މިހާރު އަހަންނަކީ މަސްތުވާތަކެތީގައި ދެން ދުވަހަކު ވެސް އަތް ނުލާން އަޒުމް ކަނޑައަޅައިގެން ހުރި މީހެއް. އަދި އަހަންނަށް އެނގިގެން އެފަދަ ކަމެއްގެ ތެރެއަށް އެއްވެސް މީހަކު ދިޔަ ވެސް ނުދޭނަން،" އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.
ސަންޖޭ، 59، ބުނި ގޮތުގައި މަސްތުވާތަކެތީގެ ތެރެއަށް މީހާ ދިއުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު އެއިން އަރައިގަތުމަކީ އުނދަގޫ ކަމެއް ކަމަށް ބުންޏެވެ.
"އެހެންވެ އެންމެ ރައްކާތެރި ގޮތަކީ މަސްތުވާތަކެއްޗާ އެއްވެސް ގޮތަކަށް ގާތް ނުވުން. އެ އެއްޗެހި ބޭނުން ކުރުމަކީ ކޫލް ކަމެއް ނޫން،" އަންނަ އެޕްރީލް 19 ގައި ރިލީޒް ކުރާ "ކަލަންކް" ގެ އެކްޓަރު ބުންޏެވެ. "ފުޅާކޮށް ބޮޑެތި ކެމްޕޭންތައް ހިންގައިގެން އެބަޖެހޭ މި ނުރައްކާތެރި ވަބާއިން ކުރިމަގުގެ ޖީލު ސަލާމަތް ކުރަން. އެ މަސައްކަތުގައި އަހަރެންގެ ހިއްސާ އަބަދު ވެސް އޮންނާނެ."
"ޑްރަގް ފްރީ އިންޑިއާ" އަކީ މުޅި އިންޑިއާ އަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭނެކެވެ.