"ކަލަންކް" އާ އެކު ކަރަން ޖޯހަރް ޖަޒުބާތީވެފައި

އަންނަ މަހުގެ 17 ވަނަ ދުވަހު "ކަލަންކް" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު އެ ފިލްމަކީ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ބެލުންތެރިންނަށް ފިލްމު ދޫކޮށްލާ އިރު، ވަރަށް ބޮޑަށް ޖަޒުބާތީވެފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފި އެވެ.


އޭނާ އިންސްޓަގްރާމްގައި ބުނީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއް ކިޔައިދޭ މި ފިލްމު އެންމެ ހާއްސަވާ އެއް ސަބަބަކީ "ކަލަންކް" އަކީ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ގެނެސް ދޭން އުޅުނު ފިލްމަކަށްވުން ކަމަށެވެ.

އެގޮތުން 2003 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ކަލް ހޯ ނަ ހޯ" އަށް ފަހު، ބައްޕަ ގެނެސް ދޭން ބޭނުންވި ފިލްމަކީ "ކަލަންކް" ކަމަށް ބުންޏެވެ.

"މި ފިލްމު ކުރިން ޑައިރެކްޓް ކުރާ ގޮތަށް ވެސް އޮތީ އަހަރެން. އެކަމަކު އެކި ސަބަބުތަކާ ހުރެ ފިލްމުގެ ނެހެދި ލަސްވެގެން ދިޔައީ. ހަގީގަތުގައި ވެސް މިއީ އަހަރެންގެ ހިތާ ވަރަށް ގާތް ފިލްމެއް. ފިލްމު ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، އަހަރެން މިހިރީ ވަރަށް އުފަލުން އަދި އެހާމެ ހާސްވެ، ޖަޒުބާތީވެފައި،" ކަރަން ބުންޏެވެ. "އެންމެ ބޮޑު އެއް އުފަލަކީ ބައްޕަ ގެނެސް ދޭން ބޭނުންވި ފިލްމެއް ގެނެސްދީ އެ ހުވަފެން ހަގީގަތަކަށް ހަދައި ދެވޭތީ."

ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ކަރަންގެ ބައްޕަ ޔާޝް މަރުވީ 2004 ގަ އެވެ. ކަރަންގެ ދަރުމާ އިން ގެނެސްދޭ ކޮންމެ ފިލްމެއް ފަށާ އިރު، ޔާޝްގެ ހަނދާންތައް ވެސް އާ ކުރެ އެވެ.

ބޮޑު ކާސްޓަކާ އެކު "ކަލަންކް" ސިނަމާތަކަށް ގެނެސް ދެނީ ކަރަން އަށް 2014 ގައި "2 ސްޓޭޓްސް" ޑައިރެކްޓްކޮށް ދިން އަބީޝެކް ވަރުމަންގެ ޑައިރެކްޝަނާ އެކީގަ އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރެވެ.

އަދި ފިލްމުގެ ކާސްޓުން އިތުރު ގިނަ ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

ބެލުންތެރިން މުޅިން ތަފާތު ޒަމާނަކަށް ގެންގޮސް ދޭނެ "ކަލަންކް" އަކީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.