ޝައިނީ
19 މާޗް 2019 - 07:26
ގޭގައި ގެންގުޅުނު ޒުވާން ނޯކަރަކު ރޭޕްކޮށްގެން 2009 ގައި ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހި ފިލްމީ ކެރިއަރު ގެއްލުނު އެކްޓަރު ޝައިނީ އަހޫޖާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޝައިނީގެ ވާހަކައަކީ ސްކްރީނުގައި ކިޔައި ދޭން ޝައުގުވެރި ވާހަކައަކަށްވާނެތީ، އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމާފައި ވަނީ "ރެއިޑް" އާއި "އާކާޝް ވާނީ" އަދި "އޯމްކާރާ" ފަދަ ފިލްމުތައް ގެނެސް ދިން ޕްރޮޑިއުސަރު ކުމާރު މަންގަތެވެ.
ނަމަވެސް ޑެކަން ކްރޮނިކަލްސް އިން ބުނި ގޮތުގައި ޝައިނީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ހުއްދައަކަށް ހެދުމުން އޭނާ ވަނީ އެކަމާ އެއްބަސްނުވެފަ އެވެ. އަދި މިކަމާ ބެހޭ ގޮތުން ކުމާރު ވެސް މި ވަގުތު ހުރީ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ތައްޔާރަކަށް ނޫނެވެ.
އުމުރުން 18 އަހަރުގެ މެއިޑް ރޭޕްކުރި މައްސަލަ ޝައިނީގެ މައްޗަށް ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައި ދުވަސްތަތަކެއް ވަންދެން ޖަލުގައި އޮންނަން ޖެހުނު ނަމަވެސް، 2011 ގައި ކަފާލާތުގެ ދަށުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އަދި 2015 ގައި ރިލީޒްކުރި އަނީސް ބަޒްމީގެ "ވެލްކަމް ބެކް" ގެ ސަޕޯޓިވް ރޯލަކުން ވެސް ޝައިނީ ފެނިފައިވެ އެވެ.
އެކަމަކު ފަހުން އޭނާ އަށް ކުޅޭނެ އެއްވެސް ފިލްމެއް ނުލިބި މިހާރު ވަނީ ބޮލީވުޑުން ގެއްލިފަ އެވެ.
ޝައިނީ، 43، ބޮލީވުޑަށް ތައާރަފުވީ 2005 ގެ "ހަޒާރޯ ހުވޭއިޝޭ އެއިސީ" އިންނެވެ.
އޭގެ ފަހުން އޭނާ ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ކަންގަނާ ރަނާވަތާ އެކު ކުޅުނު ގޭންގްސްޓާ (2006) އާއި ވޯ ލަމްހޭ (2006)، ޝިލްޕާ ޝެޓީއާ އެކު ކުޅުނު ލައިފް އިން އަ...މެޓްރޯ (2007) އަދި ވިދިޔާ ބާލަންއާ އެކު ކުޅުނު ބޫލް ބުލައްޔާ (2007) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy