"ގޮށްރާޅު" އަށް ފަހު ޝިނާންގެ ބިރުވެރި ފިލްމެއް

ފާތުމަތު ނަހުލާއާ ގުޅިގެން 2016 ގައި "4426" ގެ ނަމުގައި ބިރުވެރި ފިލްމަކުން ޑައިރެކްޝަނަށް ނުކުތް އަހުމަދު ޝިނާން އަނެއްކާ ވެސް ބިރުވެރި ފިލްމެއް ގެނެސްދޭން ނިންމައިފި އެވެ.


މިދިޔަ މަހު ޑާކް ރެއިން އެންޓަޓައިންމަންޓްގެ ތައްގަނޑުގައި ފުރަތަމަ ސޯލޯ ޑައިރެކްޝަން "ގޮށްރާޅު" ގެނެސް ދިން ޝިނާންގެ ދެވަނަ ފިލްމަކީ ޑާކް ރެއިނަށް ހަދާ ފިލްމެކެވެ. އެކަން ޔަގީންކޮށްދީ އެ ސްޓޫޑިއޯ އިން ވަނީ ޓްވީޓެއް ވެސްކޮށްފަ އެވެ.

ނަމަވެސް ޝިނާން ހަދާ ދެވަނަ ބިރުވެރި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. މޫމިން ފުއާދުގެ ސްކްރިންޕްލޭއަކަށް ގެނެސް ދިން ކްރައިމް ތުރިލާ "ގޮށްރާޅު" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

ޑާކް ރެއިނުން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ ބޮޑު ކާސްޓަކާ އެކު ޖުލައި 1 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "މާމުއި" އެވެ. އެ ފިލްމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ އިރު، އޭގެ ސްޕިން އޯފްއެއް ވެސް ގެނެސް ދޭން ވަނީ ނިންމައިފަ އެވެ.

ޑާކް ރެއިނުން އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށްފައިވާ "މާމުއި" އިން ކުރިފަޅުވައި ގެނެސްދޭ ފިލްމުގެ މައިގަނޑު ތަރިންނަކީ އަބްދުﷲ (ފުބޫ) ޝާފިއު އާއި ނުޒުހަތު (ނުޒޫ) ޝުއައިބާއި ސަމާހަތާއި އަލީ ޝަޒްލީމާއި ޗައްނާ އާއި ލަވަކިޔުންތެރިޔާ ހަމޫދު ކަމަށެވެ.

މީގެ އިތުރުން "ނޮވެމްބަރު" ގެ ނަމުގައި މިދިޔަ އަހަރު އެ ސްޓޫޑިއޯ އިން އިއުލާން ކުރި ފިލްމުގެ ކާސްޓުންނަކީ ކޮބައިކަން އަންނަ މަހުގެ 5 ގައި ހިއްސާ ކުރަން ވަނީ ނިންމައިފަ އެވެ. އެ ފިލްމަކީ ވެސް ޗިއްޕެ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ޝިނާން ދެވަނަ ބިރުވެރި ފިލްމަކަށް ތައްޔާރުވަމުން އަންނަ އިރު، ނަހުލާގެ ސްކްރީންޕްލޭއަކަށް ހެދި "4426" އަކީ މީގެ ކުރިން ދިވެހި ފިލްމުތައް ގެނެސް ދީފައިވާ ގޮތާ މުޅިން ތަފާތު ގޮތަކަށް ގެނެސް ދީފައިވާ ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.