ނިކޮލަސް އެރިކާ ކޮއީކޭ.
30 މާޗް 2019 - 21:51
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ނިކޮލަސް ކޭޖްގެ އޭނާގެ ހަތަރު ވަނަ ކައިވެނި ކުރިތާ ހަތަރު ދުވަސް ފަހުން އެ ކައިވެނި ރޫޅައިލަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ 55 އަހަރުގެ އެކްޓަރު ލޯބިވެރިޔާ އެރިކާ ކޮއީކޭއާ ކައިވެނިކުރީ މި މަހުގެ 23 ވަނަ ދުވަހު ލަސް ވެގަސްގައި ކަމަށާއި ކައިވެނި ރޫޅައިލަން ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
ނަމަވެސް ކައިވެނި ކުރިތާ އެންމެ ހަތަރު ދުވަސް ފަހުން ވަރިވާން ނިންމި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހައިރާންވާ ވަރުގެ ނިންމުމެއް ކޭޖް ނިންމީ ކައިވެނި ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށްވާތީ އެވެ.
އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ކޭޖް އަދި 80 ގެ އަހަރުތަކުގައި ފިލްމު "ވެލީ ގާލް" އާއި "ބާޑީ" އަދި "މޫންސްޓްރަކް" ފަދަ ފިލްމުތައް ކުޅެގެން މަޝްހޫރުކަން ހޯދި އެކްޓަރު އެންމެ ފުރަތަމަ ކައިވެނިކުރީ "ޓްރޫ ރޮމޭންސް" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ޕެޓްރީޝިއާ އާކްއެޓްއާ އެވެ. އެ ދެ މީހުން 1995 ގައި ކުރި ކައިވެނި ރޫޅުނީ 2001 ގަ އެވެ.
އޭގެ ފަހުން ކޭޖް ކައިވެނިކުރީ ކުރީގެ މަޝްހޫރު މިއުޒިކް ލެޖެންޑް އެލްވިސް ޕްރިސްލީގެ ދަރިފުޅު ލީސާ މާރީ ޕްރިސްލީ އާ އެވެ. އެކަމަކު 2002 ވަނަ އަހަރު ކުރި އެ ކައިވެނި ދެމިއޮތީ އެންމެ ދެ އަހަރެއްހާ ދުވަހަށެވެ. ކައިވެނިން ބޭރުން ކޭޖާއި ދަ ގާލް ވިތު ހަންގްރީ އައިސް (1995) ގެ ބަތަލާ ކްރިސްޓީނާ ފަލްޓަން އަށް ވެސް ދަރިއަކު ލިބިފައިވެ އެވެ. އެއީ 28 އަހަރުގެ ވެސްޓަން ކަޕޯލޯ ކޭޖެވެ.
ކޭޖްގެ ތިން ވަނަ ކައިވެނި 12 އަހަރު ފަހުން 2016 ގައި ރޫޅުނު އިރު، އެލީސް ކިމް އާއި ކޭޖަށް ވެސް ދަރިއަކު ލިބިފައިވެ އެވެ. އެއީ މިހާރު 13 އަހަރުގެ ކާލް-އެލް ކަޕޯލޯ ކޭޖެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކްޑޭމް
31 March 2019
ކޭޖެއްގައި އުޅެން ގިނަކުދިން ބޭނުން ނުވަނޯ ތޯޗެ؟
ކަރީމުއްދީން ބާޝާ
30 March 2019
ކޭޖު މީ ގަދަގޮލައެއް.