ކޭޖާއި އެލިސް: ދެ މީހުން ވަނީ 12 އަހަރު ފަހުން ވަކިވެފައި.
26 ޖޫން 2016 - 17:15
"ކޮން އެއާ" އާއި "ނެޝަނަލް ޓްރެޝާ" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ނިކޮލަސް ކޭޖާއި އަންހެނުން އަދި ބަތަލާ އެލިސް ކިމްގެ 12 އަހަރުވީ ކައިވެނި ރޫޅިއްޖެ އެވެ.
ކޭޖްގެ ތަރުޖަމާނު ވެސް ވަނީ މިކަން ކަށަވަރުކޮށް ދީފަ އެވެ. އެ ދެ މީހުންގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަން ރަސްމީކޮށް ހާމަކޮށްފައި މި ވަނީ އިއްޔެ އެވެ.
އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޭޖް، 52، އާއި އެލިސް، 32، އާ މައްސަލަތަކެއް ޖެހި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދެ މީހުން އުޅެމުން ދަނީ ވެސް ވަކިންނެވެ.
ބާރަ އަހަރު ފަހުން ކައިވެނި ނިމުކަމަކަށް އައި އިރު ދެ މީހުންނަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 10 އަހަރުގެ ކަލް-އިލް ކޮޕޯލާ އެވެ.
ކޭޖާ އާ އެކު ނެކްސްޓް (2007) ގައި ބަތަލާގެ ރޯލް ވެސް ކުޅުނު އެލިސް އާއި ކޭޖް އެންމެ ފުރަތަމަ ދިމާވީ ލޮސް އެންޖަލިސްގެ ރެސްޓޯރަންޓެއްގައި އެލިސް ވެއިޓަރެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ދުވަސްވަރު އެވެ. އެތަނުން ދެ މީހުން ބައްދަލުވެ ގުޅުން ބަދަހިވެ ރައްޓެހިވީ އެވެ. ދެ މީހުން ކައިވެނި ކުރީ 2004 ގަ އެވެ.
އެލިސް އާ ކައިވެނި ކުރުމުގެ ކުރިން ވެސް ކޭޖް ވަނީ ދެ ކައިވެނިކޮށްފަ އެވެ.
ކޭޖާއި އެލިސް އެ މީހުންގެ ދަރިފުޅާ އެކު.
އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ "ޓްރޫ ރޮމޭންސް" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ޕެޓްރީޝިއާ އާކްއެޓް އާ އެވެ. އެ ދެ މީހުން 1995 ގައި ކުރި ކައިވެނި ރޫޅުނީ 2001 ގަ އެވެ.
އޭގެ ފަހުން ކޭޖް ކައިވެނި މަޝްހޫރު ލަވަ ކިއުންތެރިޔާ އެލްވިސް ޕްރިސްލީގެ ދަރިފުޅު ލީސާ މާރީ ޕްރިސްލީ އާ އެވެ. އެކަމަކު 2002 ވަނަ އަހަރު ކުރި އެ ކައިވެނި ދެމިއޮތީ އެންމެ ދެ އަހަރެއްހާ ދުވަހަށެވެ.
ކައިވެނިން ބޭރުން ކޭޖާއި ދަ ގާލް ވިތު ހަންގްރީ އައިސް (1995) ގެ ބަތަލާ ކްރިސްޓީނާ ފަލްޓަން އަށް ވެސް ދަރިއަކު ލިބިފައިވެ އެވެ. އެއީ ވެސްޓަން ކޮޕޯލާ ކޭޖް، 25، އެވެ. އޭނާއަކީ ވެސް އެކްޓަރެކެވެ.
ވެސްޓް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި ރޭޖް (2014) އަދި ލޯޑް އޮފް ވޯ (2005) ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy