ވެޑިން ކޮމެޑީއަކަށް ޕްރިޔަންކާ

ހޮލީވުޑްގެ ބަތަލާ މިންޑީ ކޭލީ ލިޔެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެން ހަމަޖެހިފައިވާ ވެޑިން ކޮމެޑީއަކަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ސޮއިކޮށްފި އެވެ.


އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމާ ބެހޭ ގޮތުން ވެރައިޓީން ބުނީ ފިލްމު ޕްރޮޑިއުސް ކުރާނީ މިންޑީގެ ކުންފުނި ކޭލީ އިންޓަނޭޝަނަލް އާއި ޕްރިޔަންކާގެ ފިލްމު ކުންފުނި ޕާޕަލް ޕެބެލް ޕިކްޗާޒް (ޕީޕީޕީ) ގުޅިގެން ކަމަށެވެ. އަދި މީގެ އިތުރުން ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ޑޭން ގޫ ވެސް ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާ ވާނެ އެވެ.

މީގެ ސްކްރީންޕްލޭ ލިޔަނީ ޑޭން އާއި މިންޑީ ގުޅިގެންނެވެ. މީޑިއާތަކުން މި ވެޑިން ކޮމެޑީ ސިފަކޮށްފައި ވަނީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ކްރޭޒީ ރިޗް އޭޝިއަންސް" އާއި 2002 ގައި ރިލީޒްކުރި "މައި ބިގް ފެޓް ގްރީކް ވެޑިން" ކަހަލަ ފިލްމެއްގެ ގޮތުގަ އެވެ.

ނަމަވެސް މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޕްރިޔަންކާ އާއި ޑޭންއާ އެކު ނަގާފައިވާ ފޮޓޯއެއް މިންޑީ ޓްވިޓާގައި ހިއްސާ ކުރަމުން ބުނީ މި ފިލްމުގެ މަސައްކަތް ފަށަން މިހާރު ކެތްމަދުވެފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ޕްރިޔަންކާ ވެސް ޓްވިޓާގައި ބުންޏެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ހޮލީވުޑް ފިލްމަކީ ފެބްރުއަރީ މަހު ރިލީޒް ކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ. ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ ތިން އަހަރު ފަހުން ފެނިގެންދާ ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 11 ގަ އެވެ.

އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ގައި ހޮލީވުޑަށް ދިޔަ ބަތަލާ މިހާތަނަށް ކުޅުނު ހޮލީވުޑް ފިލްމުތަކަކީ "އިޒިންޓް އިޓް ރޮމޭންޓިކް؟" ގެ އިތުރުން "އަ ކިޑް ލައިކް ޖޭކް" އާއި "ބޭވޮޗް" އެވެ.