ކަލަންކް: އުންމީދުކުރި ވަރެއް ނޫން

އޭ-ލިސްޓް ބޮޑު ކާސްޓަކާ އެކު މިއަދު ސިނަމާތަކަށް ގެނައި ފިލްމު "ކަލަންކް" އަކީ އުންމީދުކުރި ވަރުގެ ފިލްމެއް ނޫން ކަމަށް ގިނަ ކްރިޓިކުން ބުނެފި އެވެ.


ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ލިޔެ/ޑައިރެކްޓް ކުރި ފިލްމަށް ގިނަ ކްރިޓިކުން ދީފައި ވަނީ ފަސް ތަރިން 2-3 އާ ދޭތެރޭ ރޭޓިންއެކެވެ. މިއީ ހަގީގަތުގައި "ކަލަންކް" އަށް އުންމީދު ކުރި ވަރަށް ބަލާއިރު ވަރަށް ދަށް ރޭޓިންއެކެވެ.

މި ފިލްމަށް އެތައް ބަޔަކު އެންމެ ބޮޑު އިންތިޒާރުކުރި އެއް ސަބަބަކީ ވަރުގަދަ ތަރިންތަކެއް ހިމެނުމެވެ. އޭގެ ތެރޭގައި މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރް ހިމެނެވެ.

"ކަލަންކް" އާ ބެހޭ ގޮތުން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބުނީ މިއީ އުންމީދުކުރި ވަރުގެ ފިލްމަކަށް ނުވި ކަމަށާއި މި ފިލްމަކީ ބޮޑު "ޑިސަޕޮއިންޓްމަންޓެއް" ކަމަށެވެ.

އޭނާގެ ރިވިއުގައި ފާހަގަކުރި ގޮތުގައި ފިލްމުގެ އެންމެ ބޮޑު މައްސަލައަކީ މާ ބޮޑު އޮއްޓަރެއް، އަސަރެއް ނެތް، ފީކަޅާ ސްކްރީންޕްލޭ އެވެ. އޭގެ ސަބަބުން ފިލްމުގެ ސްޓޯރީ ލައިނުގައި މާ ޝައުގުވެރި ކަންތައްތަކެއް ނެތް ކަމަށާއި ފިލްމަކީ ފޫހިކަންމަތީ ބަލަން އިނދެވޭ ކަހަލަ ފިލްމެއް ކަމަށް ބުންޏެވެ.

ތަރަން ފާހަގަ ކުރި ގޮތުގައި ޑައިރެކްޓަރު އަބީޝެކް ވަރުމަން 2014 ގައި ގެނެސް ދިން އޭނާގެ އަލަތު ޑައިރެކްޝަން "2 ސްޓޭޓްސް" ގެ ޑައިރެކްޝަން ވަރަށް ފުރިހަމަ ނަމަވެސް "ކަލަންކް" އެއާ މުޅިން އިދިކޮޅެވެ. އޭނާ ބުނީ ފިލްމުގެ ސްކްރީންޕްލޭ ވެސް ވަނދުވުމުގެ ސަބަބުން އަބީޝެކްގެ ޑައިރެކްޝަން އޮތީ އޮޅުންބޮޅުންވެފައި ކަމަށެވެ.

ބޮޑު ބަޖެޓަކުން ހެދި އަދި ކަރަންގެ ދަރުމާ އިން ގެނެސް ދިން ފުރަތަމަ ތާރީހީ ލޯބީގެ ފިލްމު "ކަލަންކް" އަކީ 1940 ގެ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. މީގައި ކިޔައި ދެނީ އަނބިމީހާ (ސޮނާކްޝީ) އަށް ކެންސަރު ޖެހިފައިވާތީ އޭނާ އަވަހަށް މަރުވެދާނެ ކަމުގެ ބިރު އޮތުމުން ފިރިމީހާ (އަދިތިޔާ) އަށް ދެވަނަ އަންބަކު (އާލިއާ/ރޫޕް) ހޯދައި ދިނުމުން ދިމާވާ ކަންތައްތަކެއްގެ ވާހަކަ އެވެ.

މަދޫރީ ވާހަކައިގެ ތެރެއަށް އަންނަނީ އާލިއާގެ ހަޔާތަށް ވެރިވެފައި އޮންނަ އަނދިރިކަމާއި އެކަނިވެރިކަމުން ފޫހި ފިލުވަން އެހީވެދޭ މިއުޒިކް ޓީޗަރެއްގެ ގޮތުގަ އެވެ. އޭގެ ތެރެއިން ދެން ރޫޕްއާ ދިމާވަނީ ވަރުން (ޒަފަރު) އެވެ. އަދި އެކަކު އަނެކަކު ދެކެ ލޯބިވެ އެވެ. ސަންޖޭ (ބަލްރާޖް) ގެ ރޯލަކީ ފިލްމުގެ ހާއްސަ ފެނިލުމެކެވެ. އޭނާ ކުޅެފައި ވަނީ އަދިތިޔާގެ ބައްޕަގެ ރޯލެވެ.

ތަރަން ބުނި ގޮތުގައި "ކަލަންކް" ގެ ވާހަކައިގެ ހާދިސާތަކުގައި އެހާ ގަބޫލު ކުރެވޭ ކަހަލަ ކަންތައްތަކެއް ނެތެވެ. އަދި މިއީ ސްކްރީންޕްލޭގައި ބަދަހި ކަމެއް ނެތް، ވަދު އަދި ކޫސަނި ވާހަކައެއް ކަމަށް ބުންޏެވެ.

ތިން ގަޑިއެއްހާ އިރަށް ދެމިގެންދާ ފިލްމުގެ ސްޓޯރީ ލައިން ފޫހިވިޔަސް، ތަރިންގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށް ތަރަން ބުންޏެވެ. ވަކިން ހާއްސަކޮށް އާލިއާ އާއި ވަރުންގެ ލޯބީގެ ޓްރެކަކީ މުޅި ފިލްމުން ވެސް އެންމެ ޝައުގުވެރި ބައި ކަމަށާއި އެ ދެ ތަރިން ވަރަށް މޮޅު އެކްޓިންއެއް ދައްކާފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން މަދޫރީ އާއި އަދިތިޔާ ވަރަށް ފުރިހަމަ އަށް އެކްޓިންއެއް ދައްކާފައިވާ ކަމަށް ބުންޏެވެ.

"ކަލަންކް" ގެ ރަނގަޅު ކަންކަމުގެ ތެރޭގައި ހިމެނެނީ ފިލްމު ބިނާކޮށްފައި އޮތް ދުވަސްރު ޕްރެޒެންޓްކޮށް ދޭން ކޮށްފައި އޮތް މަސައްކަތެވެ. އެގޮތުން ފިލްމުގެ ސެޓްތަކާއި ކޮސްޓިއުމާއި ސިނަމޮޓޯގްރީ ފަދަ ކަންކަން ފުރިހަމަ ކަމަށް ގިނަ ކްރިޓިކުން ވެސް ބުނެފައިވެ އެވެ.

އެކަމަކު ކަރަންގެ ތައްގަނޑުގެ ގެނެސް ދިން ފިލްމަކާ ބަލާފައި މި ފިލްމަކީ އެހާ ކަމުދާ ފިލްމެއް ނޫން ކަމަށް ގިނަ ކްރިޓިކުން އިއްތިފާގުވެފައިވެ އެވެ.

ތަރަން ބުނި ގޮތުގައި "ކަލަންކް" އަކީ އެހާ ހިނގާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދެއް ނެތެވެ. އަދި ފިލްމު ބަލާ މީހުން ވެސް މިއާ ބެހޭ ގޮތުން ދައްކަން ހުރި ނެގަޓިވް ވާހަކަތައް ގިނަކަމުން ފިލްމުގެ ވިޔަފާރި ވެސް ދަށްވާނެ ކަމަށް ބުންޏެވެ.

ފިލްމު ބެލި ބައެއް މީހުން ވެސް މިހާރު ވެސް ވަނީ މީގެ ފީކަޅާކަމުގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.