އަލޯކް، އަޖޭ އަދި ތަނުޝްރީ.
19 އެޕްރީލް 2019 - 09:19
ބޮލީވުޑްގައި މިދިޔަ އަހަރު ހިލިގެން ދިޔަ "މީޓޫ" މޫވްމަންޓާ އެކު، ޖިންސީ ފުރައްސާރައިގެ ތުހުމަތު އެޅިފައިވާ މީހަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް ބުނެ އަޖޭ ދޭވްގަން ވާހަކަ ދައްކާފައި ވަނިކޮށް އެތައް ތުހުމަތެއް ކުރެވުނު އެކްޓަރު އަލޯކް ނާތާ އެކު އަޖޭ މަސައްކަތްކޮށްފައިވާތީ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ތަނުޝްރީ އަކީ އެކްޓަރު ނާނާ ޕަޓޭކަރްގެ ފަރާތުން ފިލްމުގެ ސެޓެއްގައި ޖިންސީ ފުރައްސާތަކާ ކުރިމަތިވި ކަމަށް ބުނެ ބޮލީވުޑްގައި "މީޓޫ" ހިންގާލި ބަތަލާ އެވެ.
އޭނާ ބުނީ އަންނަ މަހުގެ 17 ގައި ރިލީޒްކުރާ "ދޭ ދޭ ޕިޔާރު ދޭ" ގައި އަލޯކްއާ އެކު އަޖޭ މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ އަޖޭ ކުރިން ދެއްކި ވާހަކައާ އިދިކޮޅަށް ކޮށްފައިވާ ކަމެއް ކަމަށް ބުންޏެވެ. އެ ފިލްމުގައި އަލޯކް ކުޅެފައި ވަނީ އަޖޭގެ ބައްޕަގެ ރޯލެވެ.
Half Century poori ho gayi! Meri taraf se chhota sa gift- #DeDePyaarDeTrailerhttps://t.co/XGA2gLupfc@DeDePyaarDe #Tabu @Rakulpreet @AkivAli@TSeries @LuvFilms @itsBhushanKumar @luv_ranjan @gargankur
— Ajay Devgn (@ajaydevgn) April 2, 2019
އަލޯކްއާ އެކު މަސައްކަތްކުރީ ކީއްވެގެންތޯ "ދޭ ދޭ ޕިޔާރު ދޭ" ގެ ޓްރެއިލާ ލޯންޗް ކުރަން މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ހަފުލާގައި ވެސް އަޖޭ އަށް މީޑިއާތަކުން ސުވާލުކުރި އެވެ. ޓްރެއިލާ ރިލީޒް ކުރުމުގެ ކުރިން އެ ފިލްމުގައި އަލޯކްގެ ރޯލެއް ހިމެނޭކަން ވެސް އޮތީ ނޭނގި އެވެ.
މީޑިއާތަކުން ކުރި ސުވާލުގެ ޖަވާބުގައި އަޖޭ ބުނީ "ދޭ ދޭ ޕިޔާރު ދޭ" އަކީ އަލޯކްގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމުގެ ކުރިން ޝޫޓްކޮށް ނިމިފައި އޮތް ފިލްމެއް ކަމަށެވެ. އެހެންވެ އެ ސުވާލު މި ދަނޑިވަޅަށް މުނާސަބު ނޫން ކަމަށް ބުންޏެވެ.
އަޖޭގެ އެ ވާހަކަތަކަށް ވެސް އިޝާރާތްކޮށް ތަނުޝްރީ ބުނީ "ދޭ ދޭ ޕިޔާރު ދޭ" ގައި އަލޯކް އުޅޭކަން އެ ފިލްމުގެ ޓީމުން ކުރިން ސިއްރުކޮށްގެން އުޅުމަކީ ވެސް ގޯހުން ކޮށްފައި އޮތް ކަމެއް ކަމަށެވެ.
I’m disturbed by all the happenings with regards to #MeToo. My company and I believe in providing women with utmost respect and safety. If anyone has wronged even a single woman, neither ADF nor I will stand for it.
— Ajay Devgn (@ajaydevgn) October 12, 2018
"އެކަމުގައި އަޖޭ ވެސް ވަނީ ބައިވެރިވެފައި. އެހެންވީމާ އޭނާއަކީ ބަހާއި އަމަލާ ދިމާނުވާ ބޮޑާ އެކްޓަރެއް،" ތަނުޝްރީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެތައް އަންހެނަކު އަލޯކްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ އިރު އެކަންކަމަށް އިހުމާލުކޮށް، އެފަދަ އެކްޓަރުންނަށް ހިތްވަރު ދޭން ބަޔަކު މަސައްކަތް ކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
"އަލޯކަށް ތުހުމަތު ކުރެވުނީ ފިލްމުގެ ޝޫޓިން ނިމިފައި އޮއްވައި ކަމަށް ވިޔަސް، އޭނާގެ މަންޒަރުތައް ފިލްމުގައި ނުހިމަނަން ނިންމައި އެހެން އެކްޓަރަކު ލައްވައި އެބައި ޝޫޓް ވެސް ކުރެވުނީސް. އެކަމަކު އެކަން ދޭ ދޭ ޕިޔާރު ދޭގެ ޓީމުން ނުކުރުމަކީ ބޮލީވުޑްގެ ބައެއް މީހުންނަކީ ދެފުށްދެގޮށް ބައެއްކަން ސާބިތުކޮށްދޭ ކަމެއް،" ތަނުޝްރީ ބުންޏެވެ. "މިފަދަ ކަންކަމުން އެނގެނީ ޝިކާރައަކަށްވާ އަންހެނުންގެ ހައްގުގައި މަސައްކަތްކުރަން އަދި އެފަދަ މީހުންނަށް ހިތްވަރު ދީ އިހުތިރާމު ލިބޭ ގޮތަށް ކަންކަން ކުރަން ވެސް ބޮލީވުޑްގައި ތިބޭ ނުފޫޒު ގަދަ މީހުންނަށް ނޭނގޭކަން."
އެތައް ފިލްމެއްގައި ނަމޫނާ ބައްޕައެއްގެ ރޯލް ކުޅެފައިވާ 63 އަހަރުގެ އަލޯކްގެ މައްޗަށް މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ޖިންސީ ގޯނާގެ ތުހުމަތު އެންމެ ފުރަތަމަ ކުރީ ކުރިން ޓީވީ ސިލްސިލާތަކެއް ގެނެސް ދިން ޑައިރެކްޓަރު ލިޔުންތެރިޔާ/ލިޔުންތެރިޔާ ވިންތާ ނަންދާ އެވެ.
އޭނާ ވެސް ވަނީ އަޖޭ، އަލޯކްއާ އެކު މަސައްކަތްކޮށްފައިވާތީ އެއީ އަޖޭގެ ފަރާތުން އުންމީދު ކުރި ކަމެއް ނޫން ކަމަށާއި އެކަމާ ދެރަވާ ކަމަށް ބުނެފަ އެވެ.
އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" އަކީ ޓީ ސީރީޒާއި ލަވް ފިލްމްސް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. އެ ދެ ކުންފުނީގެ ވެރިން ކަމަށްވާ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ލަވް ފިލްމްސްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ލަވް ރަންޖަންގެ މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއް މިދިޔަ އަހަރު ކުރެވުނެވެ. އެކަމަކު އެ ދެ މީހުންގެ ވާހަކަ ވަކި ހިސާބަކުން ވަނީ އޮބިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy