އައިޝްވާރިޔާ އާއި އަބީޝެކް ދަރިފުޅާ އެކު ނިޔަމަ ރިސޯޓްގައި.
20 އެޕްރީލް 2019 - 09:24
މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.
އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ދެ ތަރިން ދަރިފުޅު އަރަދިއާ ބައްޗަންއާ އެކު މި ފަހަރު ޗުއްޓީ ހޭދަކުރަނީ ދާދި ފަހުން އެކްޓަރު އަރުޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ވެސް ޗުއްޓީ ހޭދަކުރި ނިޔަމަ ރިސޯޓްގަ އެވެ.
އައިޝްވާރިޔާ އާއި އަބީޝެކްގެ އިންސްޓަގްރާމްގައި ވަނީ ނިޔަމައިގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ރިސޯޓްގެ ވިލާއެއްގެ ޑެކްމަތީގައި އައިޝްވާރިޔާ އިށީނދެގެން އިން ފޮޓޯއެއް ހިއްސާކުރަމުން ކެޕްޝަނުގައި ލިޔެފައި ވަނީ "ހަނީ އެންޑް ދަ މޫން" އެވެ. އެ ފޮޓޯ އިން ހަނދު ވަރަށް ރީތިކޮށް ފެންނަން ހުރެ އެވެ.
އައިޝްވާރިޔާގެ އިންސްޓާގައި ނިޔަމަ ރިސޯޓްގެ މަންޒަރެއް ހިއްސާކޮށްފައިވެ އެވެ.
ކުރީގެ ރީތީގެ ރާނީ މި ވަގުތު އެއްވެސް ފިލްމެއްގައި މަސައްކަތް ކުރަމުން ނުދާ އިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ފަނޭ ހާން" އިންނެވެ. ފިރިމީހާ އަބީޝެކާ އެކު "ގުލާބް ޖާމޫ" ކިޔާ ފިލްމަކަށް ސޮއިކުރުމަށް ފަހު، ދެ ތަރިން އެ ފިލްމު ދޫކޮށްލާފައިވާ އިރު، އަބީޝެކްގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރު 6 ގައި ރިލީޒްކުރާ އަނޫރާގް ބާސޫގެ އަދި ނަން އިއުލާންކޮށްފައި ނުވާ އެންތޮލޮޖީ ފިލްމެވެ.
މިދިޔަ އަހަރު "މަންމަރުޒިޔާ" އިން ފެނިގެން ދިޔަ އަބީޝެކް މިހާރު އަންނަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ބްރީތު" ގެ ދެވަނަ ސީޒަނުގެ މަސައްކަތް ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމާދު
20 April 2019
އަހަރުމެންގެ ފިލްމީތަރިއެއް ތަނަކަށް ޗުއްޓީ ހޭދަ ކޮށްލަން ދިޔަސް ޚަބަރަކަށްނުވޭ