ރަށްވެހިކަމާ ދޭތެރޭ ސުވާލު އުފައްދާތީ އަކްޝޭ ހިތްހަމަނުޖެހިފައި

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ރަށްވެހިކަން ކެނެޑާ އަށް އޮންނާތީ އެކަމާ ސުވާލު އުފައްދައި، ބައެއް މީހުން އޭނާ އަށް ފާޑުކިޔާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


މިހާރު އިންޑިއާގައި ކުރިއަށްދާ އާންމު އިންތިހާބުގައި އަކްޝޭ އަށް ވޯޓެއް ވެސް ނުލެވެ އެވެ. އަދި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ މިދިޔަ ހަފުތާގައި ވޯޓްލާން ނުކުމެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ، އަކްޝޭ ކޮބައިތޯ އަހައި ދިމާކޮށްފައިވެ އެވެ.

މިކަންކަމަށް ރައްދު ދެމުން އަކްޝޭ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ރަށްވެހިކަމާ ދޭތެރޭ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި ބައެއް މީހުންގެ ބޭނުމަކީ ބޭކާރު ކަންކަމުން ނެގަޓިވިޓީ ގެނައުން ކަމަށެވެ.

"އަހަރެން އެއް އިރެއްގައި ވެސް ސިއްރެއް ނުކުރުން ކެނެޑާގެ ޕާސްޕޯޓް އޮންނަ ކަމަކަށް. އެކަމަކު އަހަރެން މި އުޅެނީ އިންޑިއާގައި. މަސައްކަތް ކުރަނީ އިންޑިއާގައި. ހުރިހާ ޓެކުހެއް ދައްކަނީ އިންޑިއާ އަށް،" އަކްޝޭ ބުންޏެވެ.

އެހެންވެ މި ސަބަބުތަކާ ހެދި، އިންޑިއާ އަށް އޮންނަ ލޯތްބާއި އިހުތިރާމު ބަޔަކަށް އިތުރަށް ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި ގައުމަށްޓަކައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ކުރާނެ ކަމަށް ބުންޏެވެ.

"އަހަރެންގެ ރަށްވެހިކަމާ ދޭތެރޭ ބަޔަކު ކަންބޮޑުވިޔަސް އެއީ އަހަރެންގެ ޒާތީ މައްސަލައެއް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 51 އަހަރުގެ އެކްޓަރު ބުންޏެވެ. "އެއީ ގާނޫނީ ގޮތުން އޮތް ހައްގެއް. އަދި އެއީ ސިޔާސީ ކަމަކާ ގުޅުވަން ޖެހޭ ކަމެއް ވެސް ނޫން."

އަކްޝޭއަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި އިންތިހާބު ކުރިއަށް ދަނިކޮށް ދާދި ފަހުން އޭނާ ވަނީ މޯދިއާ އެކު ބޭއްވި ބައްދަލުވުމެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ވެރިކަން ކުރާ ބީޖޭޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ވެސް އެދިފަ އެވެ. މިކަމާ ގުޅިގެން ވެސް ވަރަށް ގިނަ ބަޔަކު އަކްޝޭ އަށް ފާޑު ކިޔާފައިވެ އެވެ.

އަދި 2017 ގައި ރިލީޒް ކުރި އަކްޝޭގެ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އާއި މިދިޔަ އަހަރު ރިލީޒް ކުރި "ޕެޑްމޭން" އަކީ ބީޖޭޕީން ފަންޑްކޮށްގެން، މޯދީގެ ސިޔާސީ ވައުދުތައް ޕްރޮމޯޓްކޮށް ދޭން ހަދާފައިވާ ފިލްމުތަކެއް ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ދާދި ފަހުން ތުހުމަތުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ފެށި އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓްލުން މި މަހުގެ 19 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ވޯޓް ގުނަން ފަށާނީ މި މަހުގެ 24 ގަ އެވެ. މި އިންތިހާބަކީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބެވެ.