10 މެއި 2019 - 08:55
ލޯބީގެ މައްސަލަގަނޑެއްގައި މިހާރު ދެ ހަތުރުންނަށްވެފައިވާ ރިތިކް ރޯޝަނާއި ކަންގަނާ ރަނާވަތުގެ ފިލްމުތަކެއް އަނެއްކާ ވެސް އެއް ދުވަހަކަށް ތާވަލުކޮށްފި އެވެ.
ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައިވާ، ރިތިކްގެ "ސުޕަ 30" އަކީ މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކުރި ކަންގަނާގެ "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އާ އެއް ދުވަހެއްގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ. ނަމަވެސް އެ ފިލްމުގެ ޑައިރެކްޓަރު ވިކާސް ބާލްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތާ އެކު "ސުޕަ 30" ގެ މަސައްކަތް ނުނިމި، ފިލްމު ޖެހުނީ ފަސްކުރާށެވެ.
އެގޮތުން ފަހުން އެ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހަކަށް އިއުލާންކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެ ތާރީހަށް މިހާރު ވަނީ ކަންގަނާގެ "މެންޓަލް ހޭ ކިޔާ" ބަދަލުކޮށްފަ އެވެ.
މިއީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ރިލީޒްކުރާ ތާރީހު ބަދަލު ކުރި ތިން ވަނަ ފަހަރެވެ.
My decision my film.....so all brickbats directed to me pls! I’m my own person !!! https://t.co/xRLtAzzzXN
— Ekta Kapoor (@ektaravikapoor) May 7, 2019
އެންމެ ފުރަތަމަ މިދިޔަ ފެބްރުއަރީ މަހުގެ 22 އަށް ތާވަލުކުރި ފިލްމު ފަހުން ޖޫން، 21 އަށް ބަދަލުކޮށްފައި މިހާރު ނިންމާފައި ޖުލައި 26 ގައި ރިލީޒް ކުރާށެވެ. މިކަމާ ބެހޭ ގޮތުން އެކްތާ ކުންފުނި ބަލާޖީން ނެރުނު ބަޔާނެއްގައި ބުނީ "މެންޓަލް ހޭ ކިޔާ" ރިލީޒް ކުރަން ފަސްކުރީ ޑިސްޓްރިބިއުޓަރުންނާއި ޓްރޭޑް އެނަލިސްޓުންނާއި ރިސާޗް ޓީމްތަކުގެ ލަފާގެ މަތިން ކަމަށެވެ.
އެހެންވެ މި ބަދަލަކީ ވަކި ފިލްމަކާ ދެކޮޅަށް ނިންމި ނިންމުމެއް ނޫން ކަަމަށް ބުންޏެވެ.
Here comes the *OFFICIAL* confirmation about #Super30... No, the Hrithik Roshan starrer is *not* postponed/pushed ahead... The release date remains the same: 26 July 2019.
— taran adarsh (@taran_adarsh) May 7, 2019
ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ "މެންޓަލް ހޭ ކިޔާ" ގެ ލީޑް ރޯލް ކުޅެފައި ވަނީ ކަންގަނާ އާއި ރާޖްކުމާރު ރާއޯ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ސޕަ 30" ގެ ޓީމުން މިހާރު ވަނީ އެ ފިލްމު އޮގަސްޓަށް ފަސްކޮށްފަ އެވެ. އެކަމަކު ފިލްމު ލަސްނުކުރާކަން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާގެ ޓްވީޓްގައި ބުނީ ރިތިކްގެ ފިލްމު ޖުލައި 26 ގައި ރިލީޒް ކުރާނެ ކަމަށެވެ.
ކޮންމެއަކަސް ކަންގަނާ އާއި ރިތިކްގެ ދެ ފިލްމު އެއް ދުވަހެއްގައި ރިލީޒް ކުރުމަކީ ފިލްމީ ހަބަރުތައް ދިރާސާ ކުރާ މީހުން ވަރަށް ވެސް ޝައުގުވެރި ކަމަކަށް ވާނެ އެވެ. އަނެއްކޮޅުން ކޮންމެ ފަހަރަކު ރިތިކްގެ ފިލްމަކާ ކުރިމަތިލާން ކަންގަނާގެ ފިލްމެއް ނުކުންނަނީ ރިތިކްގެ ފިލްމު ދުރާލައި، ތާރީހު އިއުލާންކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy