15 މެއި 2019 - 08:34
މީގެ 12 އަހަރު ކުރިން ރިލީޒްކުރި، އަކްޝޭ ކުމާރުގެ ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބޫލްބުލައްޔާ" ގެ ދެވަނަ ބައި ހަދަން ނިންމައިފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރި އެ ފިލްމާ ބެހޭ ގޮތުން ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ފިލްމުގެ ދެވަނަ ބައި ލިޔެ، ޑައިރެކްޓް ކުރަން ފަރުހާދު ސަމްޖީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ މިހާރު އަންނަނީ އަންނަ އޮކްޓޯބަރު މަހުގެ 25 ގައި ރިލީޒްކުރާ "ހައުސްފުލް 4" ގެ މަސައްކަތް ކުރަމުންނެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ "ބޫލްބުލައްޔާ" ގެ ސީކްއެލްއެއް ހަދަން އެ ފިލްމު ރިލީޒް ކުރީއްސުރެ ޕްރޮޑިއުސަރު ބުޝަން ކުމާރު ބޭނުންވެފައި އޮތް ކަމަށެވެ. އަދި އެ ވާހަކަ ކުރިއަށް ގެންދަން ބޭނުންވެ އެކި ފަހަރު މަތިން އެ ވާހަކަ އަކްޝޭ ގާތު ވެސް ދައްކާފައިވާ ކަމަށް ބުންނެވެ. ނަމަވެސް ފިލްމުގެ ދެވަނަ ބައިން އޭނާ ފެންނާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ޕްރިޔާދަރުޝަން ޑައިރެކްޓް ކުރި "ބޫލްބުލައްޔާ" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަކްޝޭ އާއި ވިދިޔާ ބަލަން، ޝައިނީ އަހޫޖާ، އަމީޝާ ޕަޓޭލް، ރާޖްޕަލް ޔާދަވް، ޕަރޭޝް ރާވަލް އަދި އާސްރާނީ އެވެ.
މި ފިލްމަކީ 1993 ގައި ރިލީޒް ކުރި މަލަޔާޅަމް ފިލްމު "މަނިޗިތުރަތަޒޫ" ރިމެކެކެވެ. އެ ފިލްމުގެ ތަރިންނަކީ މޯހަން ލާލާއި ޝޮބާނާ އެވެ.
މީގައި ކިޔައި ދެނީ ރޫހާނީ ބާރުތަކެއްގެ އަސަރުކޮށްފައިވާ ޒަމާންވީ ގަނޑުވަރެއްގައި އުޅޭ އާއިލާއެއްގެ ބަޔަކު ޖިންނި އަވަލާތީ އެ މީހުން ސަލާމަތް ކުރަން ޑޮކްޓަރަކު ކުރާ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy