ނޫރު: "މެންދަން" ޑައިރެކްޓް ކުރީ އޭނަ.
26 މެއި 2019 - 08:31
"ލޫދިފާ" ފަދަ ކާމިޔާބު ފިލްމުތައް އުފެއްދި ޕްރޮޑިއުސަރު ހުސައިން (ނޫރު) ނޫރައްދީން ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "މެންދަން" އަންނަ ފިތުރު އީދު ދުވަހު ބައިސްކޯފް އެޕުން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން ޓީވީއެމްގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ސްޓެލްކޯގެ "ކަޅާއި ހުދު" ޑައިރެކްޓްކޮށްގެން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ވެސް ހޯދި ނޫރުގެ އަލަތު ވެބް ސީރީޒަކީ މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފަސް އެޕިސޯޑްގެ އެއްޗެކެވެ. މީގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
"މެންދަން" ގައި ކިޔައި ދޭނީ ކައިވެންޏަކަށް ފަހު، ފިރިމީހާގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބި، ބީރައްޓެހި ރަށަކަށް ދަރިފުޅާ އެކު ބިކަވާ އަންހެނެއްގެ ވާހަކަ އެވެ. "މެންދަން" ގެ މައިގަނޑު ރޯލްތަކުން ފެންނަނީ އެކްޓަރު އަހުމަދު އާސިމްގެ އަންހެނުންނާއި އަލީ (އަޖޫ) އަޖްނާޒެވެ. މީގެ އިތުރުން ކުޑަކުއްޖެއްގެ ހާއްސަ ރޯލެއް ވެސް ފެނިގެން ދާނެ އެވެ.
ފ. ނިލަންދޫގައި އެއްކޮށް ޝޫޓްކޮށްފައިވާ "މެންދަން" އިން މަރިޔަމް ޝަކީލާ އާއި ނޫރު އަދި އާސިމް ވެސް ފެންނާނެ އެވެ.
"އަދި މީގެ އެކިއެކި ރޯލްތަކުން ނިލަންދޫގެ ވަރަށް ގިނަ ބަޔަކު ފެންނާނެ،" މި އަހަރު ކުރީކޮޅު ރިލީޒް ކުރި ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޓެކްނިކަލް ޓީމާ އެކު ހެދި ވެބް ސީރީޒްއާ ބެހޭ ގޮތުން ނޫރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި "މެންދަން" އަކީ މި އަހަރުގެ އޮފީސް ޑްރާމާ މުބާރާތަށް ސްޓެލްކޯ އިން ހަދަން އުޅުނު ޑްރާމާ އެވެ. އެކަމަކު ބައެއް ސަބަބުތައް ދިމާވެގެން މި އަހަރު ސްޓެލްކޯ އިން މުބާރާތުގައި ވާދަ ނުކުރަން ނިންމުމުން ނޫރުގެ އަމިއްލަ ވެބް ސީރީޒެއްގެ ގޮތުގައި "މެންދަން" ގެނެސް ދޭން ނިންމީ އެވެ.
"މެންދަން" ގެ ޓީޒާ.
"ފުރަތަމަ މީތި ލިޔުނު އިރު ހަމަ އޮފީސް ޑްރާމާތައް ހަދާ ޑިއުރޭޝަނަށް ފައްތާފައި އޮންނާނީ. އެކަމަކު ވެބް ސީރީޒަކަށް ހަދަން ނިންމުމާ އެކު ވާހަކަ އިތުރަށް ދަންމާލައި، ވާހަކަ އިތުރު ޑިވެލޮޕްކޮށްފައި އޮންނާނީ." ސްޓެލްކޯގައި ވަޒީފާ ވެސް އަދާ ކުރާ ނޫރު ބުންޏެވެ.
ފިލްމު "ލަވް ސްޓޯރީ" ވެސް ގެނެސް ދިން ޕްރޮޑިއުސަރު ބުނީ "މެންދަން" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ކަހަލަ އެއްޗަކަށް ވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަން
26 May 2019
ނޫރު ތީ ގަދަ މީހެއް. މަ ވަރަށް ސަޕޯޓް