އަޖޭ ބޮޑުވަޒީރު މޯދީއާ އެކު.
03 ޖޫން 2019 - 08:27
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ބައްޕަ މަރުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއިލާ އަށް ހާއްސަ ސިޓީއެއް ފޮނުއްވައިފި އެވެ.
އަޖޭގެ ބައްޕަ އަދި މަޝްހޫރު ސްޓަންޓް ޑައިރެކްޓަރު ވީރޫ ދޭވްގަން މަރުވީ މިދިޔަ މަހުގެ 27 ގަ އެވެ.
އެކަމާ ގުޅިގެން އާއިލާ އަށް ލިބުނު ހިތާމަ އަށް ހަމްދަރުދީ ފާޅުކުރައްވައި ވީރޫގެ ހުވަފަތް އަންހެނުން ވީނާ ދޭވްގަން އަށް އެޑްރެސް ކުރައްވައި މޯދީ ފޮނުއްވި ސިޓީގައި ވިދާޅުވީ ވީރޫގެ ވަކިވުމަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެއީ ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. އަދި ވީރޫ އަކީ ހަމައެކަނި އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ނޫން ކަމަށާއި އެއީ އެކްޓްކޮށް، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި އެ ނޫން ވެސް ގޮތްގޮތުން ފިލްމީ ދާއިރާ އަށް ވަރަށް ހިތްވަރާ އެކު ހިދުމަތްކުރި ފަންނާނެ ކަމަށް ވިދާޅުވި އެވެ.
My Mother & entire Devgan family are deeply touched & humbled in silence by this thoughtful gesture from our Honourable Prime Minister @narendramodi.
— Ajay Devgn (@ajaydevgn) June 2, 2019
Thank you Sir. 🙏 pic.twitter.com/sJzFRzvMZb
މިދިޔަ މަހު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް މޯދީގެ ސިޓީގައި ވިދާޅުވީ ފިލްމު އިންޑަސްޓްރީ އަށް ވީރޫ ކޮށް ދިން ހިދުމަތްތަކުގެ މަތިން އަބަދުވެސް ހަނދާން އާ ކުރާނެ ކަމަށާއި އެއީ ފަނޑު ނުވާނެ ނަމެއް ކަމަށެވެ.
މިދިޔަ މަހުގެ 28 ގައި މޯދީ ލިޔުއްވި ސިޓީ އަޖޭ ވަނީ ޓްވިޓާގައި ހިއްސާކޮށް، ބޮޑުވަޒީރުގެ ފަރާތުން އެފަދަ ސިޓީއެއް ލިބުމަކީ މުޅި ދޭވްގަން އާއިލާ އަށް ލިބުނު ހިތްވަރަކާއި ޝަރަފެއް ކަމަށް ބުނެފަ އެވެ.
އުމުރުން 85 އަހަރުގައި ވީރު މަރުވި އިރު އޭނާ ވަނީ 150 އަށް ވުރެ ގިނަ ފިލްމުތަކުގައި ސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި އޭގެ އިތުރަށް ބައެއް ފިލްމުތަކުގައި އެކްޓްކޮށް، ޕްރޮޑިއުސްކޮށް އަދި ފިލްމެއް ޑައިރެކްޓް ވެސްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy