ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަކްޝޭ ކުމާރު 2012 ގައި ކުޅުނު ކާމިޔާބު ފިލްމު "ރައުޑީ ރާތޯޑް" ގެ ދެވަނަ ބައިގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމައިފި އެވެ.


އެ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ އާއި ރޯނީ ސްކްރޫވާލޭ ގުޅިގެން ގެނެސް ދިން ފިލްމެކެވެ. ބަންސާލީގެ ޕްރޮޑަކްޝަނުގައި މަސައްކަތް ކުރާ ޕްރޮޑިއުސަރު ޝަބީނާ ހާން ބުނީ "ރައުޑީ ރާތޯޑް" ގެ ސީކްއެލްގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފަހަރު ވެސް ފިލްމުން އަކްޝޭ ފެންނާނެ ކަމަށެވެ.

ނަމަވެސް ވަރަށް ބިޒީކޮށް އެހެން ފިލްމުތަކެއްގައި މަސައްކަތް ކުރަމުން އަންނަ އަކްޝޭ މިކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. "ރައުޑީ ރާރޯޑް" އާ އެއްގޮތަށް އޭނާ މިހާރު އަންނަނީ ފުލުހެއްގެ ރޯލް ކުޅޭ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" އެވެ.

ޕްރަބޫދޭވާ ޑައިރެކްޓް ކުރި "ރައުޑީ ރާތޯޑް" ގައި އަކްޝޭއާ އެކު ބަތަލާގެ ރޯލް ކުޅުނީ ސޮނާކްޝީ ސިންހާ އެވެ. ޖުމްލަ 45 ކްރޯޑް ރުޕީސް (6,489,900 ޑޮލަރު) އިން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 185 ކްރޯޑް ރުޕީސް (26,680,700 ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ޝާހްރުކަށް ހިރާނީގެ ފިލްމެއް

ޝާހްރުކް ހާން އެކްޓިން ބްރޭކެއް ނަގާ ވާހަކަ ބުންޏަސް އޭނާއާ ގުޅުވައިގެން ކޮންމެ ދުވަހަކު ވެސް އާ ފިލްމެއްގެ ވާހަކަ ނުދެކެވޭ ދުވަހެއް ނާދެ އެވެ.

މިހާރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު "ސަންޖޫ" ގެނެސް ދިން ރާޖްކުމާރު ހިރާނީ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެއް ޝާހްރުކަށް ވަނީ ހުށަހަޅައިފަ އެވެ. މީގެ ކުރިން ވެސް އޭނާގެ ފިލްމެއް ޝާހްރުކަށް ހުށަހެޅި އެވެ. އެއީ މީގެ 16 އަހަރު ކުރި "މުންނާބާއީ އެމްބީބީއެސް" އެވެ. އެކަމަކު އެ ފުރުސަތު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އެހެންވެ މިހާތަނަށް ހިރާނީ ފިލްމެއްގައި ޝާހްރުކް މަސައްކަތެއް ނުކުރެ އެވެ.

ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހިރާނީގެ ފިލްމެއް ޝާހްރުކަށް ހުށަހަޅާފައިވާ އިރު، އެ ފިލްމު ޕްރޮޑިއުސް ވެސް ކުރާނީ ދެ މީހުން ގުޅިގެންނެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ޝާހްރުކް މި ފަހުން ކުޅުނު ހުރިހާ ފިލްމެއް ފްލޮޕްވެފައިވާ އިރު، ހިރާނީއަކީ މިހާރު ޖިންސީ ގޯނާގެ ތުހުމަތު ވެސް ކުރެވިފައިވާ ޑައިރެކްޓަރަކަށްވުމެވެ.

"އަންދާދުން" ގެ ވެސް ރިމެކެއް

މިދިޔަ އަހަރު ރިލީޒް ކުރި އަޔޫޝްމަން ކުރާނާގެ ފިލްމު "ބަދާއީ ހޯ" ތަމަޅަ އާއި ތެލެގޫ ބަހުން ހަދަން ނިންމާފައި ވަނިކޮށް، އަޔޫޝްމަންގެ "އަންދާދުން" ގެ ރިމެކެއް ވެސް ހަދަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އަންދާދުން" އަކީ ސްރީރާމް ރަގްވަން ޑައިރެކްޓް ކުރި ސަސްޕެންސް ތުރިލާއެކެވެ. މި ފިލްމު ތަމަޅަ ބަހުން ހަދަން ނިންމާފައި ވަނީ "ކޮލާވަރީ ޑީ" ގެ ނަމުން މަޝްހޫރު ތަމަޅަ އެކްޓަރު ދަނޫޝް އެވެ.

އޭނާ ބުނީ "އަންދާދުން" ގެ ރިމެކިން ރައިޓްސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ ފިލްމަކީ ވަރަށް ވެސް ޝައުގުވެރި މޮޅު ފިލްމެއް ކަމަށެވެ.

ރަޖްނީކާންތުގެ ދަނބިދަރިއަކީ ބޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި "ރާންޖަނާ" އާއި "ޝަމީތާބް" ހިމެނެ އެވެ.

"ސްޓްރީޓް ޑާންސާ" ގެ ދުބާއީ ޝެޑިއުލް ނިމިއްޖެ

ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ދުބާއީ ޝެޑިއުލް ވެސް ނިންމާލައި، ކާސްޓާއި ކްރޫ އެނބުރި އިންޑިއަށް ހިނގައްޖެ އެވެ.

މި ފިލްމުގެ މަންޒަރުތަކެއް ދުބާއީގައި ނަގާފައި ވަނީ ކުރިން ލަންޑަނުގައި ވެސް ބޮޑު ބައެއް ބައެއް ޝޫޓް ކުރުމަށް ފަހު އެވެ. އަދި ފިލްމުގެ މަންޒަރުތަކެއް ވަނީ އިންޑިއާގެ ޕަންޖާބްގައި ވެސް ނަގައިފަ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ރޭސް 3" އަށް ފަހު ރެމޯ ގެނެސްދޭ "ސްޓްރީޓް ޑާންސާ" އަކީ ނަށާ ގްރޫޕްތަކެއްގެ މެދުގައި ހިނގާ ކުރިމަތިލުންތަކެއް ފެނިގެން ދާނެ ފިލްމެކެވެ. ފިލްމުގެ މުހިއްމު ތަރިންނަކީ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރާއި ނޯރާ ފަތެހީގެ އިތުރުން ޕްރަބޫދޭވާ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ "ސްޓްރީޓް ޑާންސާ" ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 24، 2020 ގަ އެވެ.