16 ޖޫން 2019 - 07:37
މިދިޔަ މަހު ޝޫޓިން ފެށި އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީގެ ސަސްޕެންސް ތުރިލާ "ޗެހެރޭ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.
ކުރިން ތާވަލު ކުރި ވަރަށް ވުރެ ވެސް އަވަހަށް ފިލްމުގެ ޝޫޓިންގެ ފުރަތަމަ ފޭހުގެ މަސައްކަތް ނިންމައިލިކަން އޭގެ ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. "ޗެހެރޭ" އަކީ އަމީތާބާއި ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާއާ އެކު 2008 ގެ "ގޯޑް ތުސީ ގްރޭޓް ހޯ" ގެނެެސް ދިން ޑައިރެކްޓަރު ރޫމީ ޖެފްރީ ޑައިރެކްޓްކުރާ ފިލްމެކެވެ.
"ޗެހެރޭ" ކާސްޓުންގެ ތެރޭގައި ކްރިތީ ކަރުބަންދާ، ރިއާ ޗަކްރަބަތީ އަދި ބަތަލާ ޝްރަދާ ކަޕޫރްގެ ބޭބެ ސިދާންތު ކަޕޫރް ހިމެނެ އެވެ.
އަމީތާބް ވަރަށް ތަފާތު ލުކަކުން ވެސް ފެނިގެން ދާނެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ފެބްރުއަރީ، 21، 2020 ގަ އެވެ.
ސެލެބްރިޓީން ހިމަނައިގެން ސްޓާ ޕްލަސް އިން ގެނެސް ދޭ ޑާންސް ޝޯ "ނަޗްބަލިޔޭ" ގެ ނުވަ ވަނަ ސީޒަނަށް ތައްޔާރު ވާން ފަށައިފި އެވެ.
Guess what's the next happening thing!!! #NachBaliye9!! Stay tuned for more! pic.twitter.com/RoXSlACI8s
— StarPlus (@StarPlus) June 8, 2019
ސަލްމާން ހާން ޕްރޮޑިއުސް ކުރާ މި ޝޯގެ ޕްރޮމޯއެއް ވެސް މިހާރު އެ ޗެނެލުން ދައްކަމުން އަންނަ އިރު، މާ ލަހެއް ނުވެ ޝޯ ދައްކަން ފަށާނެ ކަމަށް ސްޓާ ޕްލަސް އިން ބުންޏެވެ.
މި ފަހަރު ޝޯ ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖޯޑުންގެ ގޮތުގައި ކުރީގެ ލޯބިވެރިން ހިމަނައިގެންނެވެ. އެހެންވެ "ނަޗްބަލިޔޭ 9" މާ ބޮޑަށް ވެސް ޝައުގުވެރި ވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޝޯ އިން ފެންނާނެ ޖޯޑުތައް އަދި އިއުލާނެއް ނުކުރެ އެވެ.
މި ފަހަރު ޝޯ ހޯސްޓް ކުރާނީ މަޝްހޫރު ކޮމެޑީއަން/އެކްޓަރު ސުނިލް ގްރޯވާ އާއި ޓީވީ ބަތަލާ ޖެނިފާ ވިންގެޓެވެ.
"ނަޗްބަލިޔޭ" އަކީ 2005 އިން ފެށިގެން ސްޓާޕްލަސް އިން ގެނެސްދޭ ޝޯއެކެވެ. މީގެ 8 ވަނަ ސީޒަން ގެނެސް ދިނީ 2017 ގަ އެވެ. އެ ފަހަރު ޝޯ ކާމިޔާބު ކުރީ ދެމަފިރިން އަދި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕަތީ އާއި ވިވެކް ދަހިޔާ އެވެ.
އިންޑިއާގެ އަންހެން ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ފިލްމު "ސައިނާ" ގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހު ފަށާ ގޮތަށް ނިންމައިފި އެވެ.
Hi everyone, we have NOT started the shoot of #Saina yet. I am still learning how to play Badminton! We will start in October once I get better at it!! 4 MONTHS TO GO!😍 #Saina @TSeries
— Parineeti Chopra (@ParineetiChopra) June 13, 2019
މި ފިލްމުގެ ބަތަލާ ޕްރިނީތީ ޗޯޕްޅާގެ ބެޑްމިންޓަންގެ ތަމްރީނުތަކެއް މިދިޔަ އެޕްރީލް މަހުން ފެށިގެން ހަދަމުން އަންނަ އިރު، އޭނާ ކުރި ޓްވީޓެއްގައި ވެސް ވަނީ އޮކްޓޯބަރުގައި ޝޫޓިން ފަށާނެ ވާހަކަ ހިއްސާކޮށްފަ އެވެ.
އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ "ސައިނާ" ކުރިން ކުޅެން ލިބުނީ ޝްރަދާ ކަޕޫރަށެވެ. އެކަމަކު އޭނާ އެހެން ޕްރޮޖެކްޓްތަކެއްގައި މާ ބޮޑަށް ބިޒީކޮށް އުޅެން ޖެހުމުން ވާހަކަ ދައްކައިގެން، ޝްރަދާގެ އަތުން ފިލްމު ނަގާފައި ޕަރިނީތި އަށް ދިނީ އެވެ. އޭރު ޝްރަދާ ވަނީ ސައިނާއާ އެކު ފިލްމަށް ކޮންމެވެސް ވަރަކަށް ތަމްރީނު ވެސް ހަދައިފަ އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ "ސައިނާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މާޗް މަހު "ކޭސަރީ" އިން ފެނިގެން ދިޔަ ޕަރިނީތީގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓް 2 ގައި ރިލީޒް ކުރާ "ޖަބަރިޔާ ޖޯޅީ" އެވެ.
ބުލީ ކުރުމުގެ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ ފިލްމު "ނޯބްލްމެން" މި މަހުގެ 28 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
#Noblemen #BootheBully pic.twitter.com/BAAAkaPPN2
— Kunal Kapoor (@kapoorkkunal) June 14, 2019
އެހާ މަޝްހޫރު ނޫން ތަރިންތަކެއް ހިމެނޭ މި ސައިކޮލޮޖިކަލް ޑްރާމާގެ އެންމެ ހާއްސަ އެއް އެކްޓަރަކީ "ރަންގް ދެ ބަސަންތީ" ފަދަ ފިލްމުތައް ކުޅުނު ކުނާލް ކަޕޫރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ ހާޖީ، މުހައްމަދު އަލީ މީރް، މުސްކާން ޖެފްރީ، ޝާން ގްރޯވާ އަދި ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ހިމެނެ އެވެ.
ޔޫޑްލީ ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ "ނޯބްލްމެން" ޑައިރެކްޓްކޮށްފައި ވަނީ ވަންދަނާ ކަޓާރިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy