އަކްޝޭ އާއި ކެޓްރީނާ "ގަލޭ ލަގް ޖާ" ލަވައިގައި.
18 ޖޫން 2019 - 06:29
ރޯހިތު ޝެޓީ މިދިޔަ އަހަރު ގެނެސްދިިން "ސިމްބާ" އަކީ ވެސް ކުރީގެ ލަވައެއްގެ އާ ވާޝަނެއް ހިމަނައިގެން ބޮޑު ތަރުހީބެއް ހޯދި ލަވައެކެވެ. އެއީ "އާންކް މާރޭ" އެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން އޭނާގެ އާ ފިލްމު "ސޫރިޔާވަންޝީ" އިން ވެސް ބޮލީވުޑްގެ އައިކޮނިކް ލަވައެއްގެ އާ ވާޝަނެއް ހިމަނަން ވަނީ ނިންމައިފަ އެވެ.
އެއީ "ސޫރިޔާވަންޝީ" ގައި ވެސް ބަތަލުގެ ރޯލް ކުޅޭ އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން 1994 ގައި ކުޅުނު ފިލްމު "މޮހޮރާ" ގެ ހިޓް ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" އެވެ. މި ލަވަ ވެގެން ގޮސްފައި ވަނީ ބޮލީވުޑްގެ ފިލްމަކުން ގެނެސްދިން ވާރޭތެރޭގެ "އެންމެ ލޯބި" އެއް ލަވަޔަކަށެވެ. އަދި މި ލަވައިގައި ރަވީނާ ބޭނުންކޮށްފައިވާ ރީނދޫ ކުލައިގެ ޝިފޯން ސާޅީއަކީ މިފަދަ ލަވަތަކުގައި ފަހުން އެންމެ ބޮޑަށް ބޭނުންކުރާ އެއް ކުލަ ވެސް މެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕީޕިންމޫން އިން ބުނި ގޮތުގައި "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ ރައިޓްސް ހޯދައި، އެ ލަވައިގެ އާ ވާޝަނުގެ ޝޫޓިން ފެށުމަށް ރޯހިތު މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަކްޝޭއާ އެކު މި ފަހަރު ލަވައިން ފެނިގެން ދާނީ ކެޓްރީނާ ކެއިފެވެ.
މީޑިއާތަކުން ބުނީ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ލަވަ ޝޫޓް ކުރާނީ ހައިދަރުއާބާދުގެ ރާމޮޖީ ފިލްމު ސިޓީގައި ކަމަށެވެ. ނަމަވެސް މި ފަހަރު ލަވައިގެ އަޑުގެވެރިންނަކީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. އޮރިޖިނަލް ލަވަ ކިޔާފައި ވަނީ އަލްކާ ޔަގްނިކާއި އުދިތު ނާރާޔަން އެވެ. ލަވައިގެ މިއުޒިކް ވިޖޫ ޝާޖް ހަދާފައިވާ އިރު ޅެން ލިޔެފައި ވަނީ އާނަންދު ބަކްޝީ އެވެ.
"ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަނެއް އަކްޝޭ އާއި ކެޓްރީނާއާ އެކު "ސޫރިޔާވަންޝީ" ގައި ހިމަނާ އިރު، އެ ދެ ތަރިން ކުރިން ވެސް މި ސްޓައިލްގެ ލަވައެއް ކުޅެފައިވެ އެވެ. އެއީ 2009 ގެ "ދޭ ދަނާ ދަން" ގަ އެވެ. އެ ފިލްމުގައި ހިމެނޭ ވާރޭތެރޭގެ ލަވައަކީ "ގަލޭ ލަގް ޖާ" އެވެ.
ރޯހިތު ޝެޓީ އާއި ކަރަން ޖޯހަރު ގުޅިގެން ގެނެސްދޭ ކޮޕް ޑްރާމާ "ސޫރިޔާވަންޝީ" ސިނަމާތަކަށް އަންނާނީ މާޗް، 27، 2020 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަރސަން
19 June 2019
އަސްލު ލަވަ އެއީ ދެން ވަރަށް ހަބޭސް ލަވައެއް، ރީމޭކް ކިހިނެތްވާނެބާ
ބޯހަކާކު
18 June 2019
އަދިވެސް ބަލަހައްޓައިގެން އޮންނަނީތަ އެންބިއުލަންސަށް ގުޅާބަ އޭނަ މަރުވެފައެއްނުން އެއޮތީ.