ނަހުލާގެ ފިލްމަކަށް އިންތިޒާރުކުރާ މީހުންނަށް "ސޮރީ"

އަސަރުގަދަ ލޯބީގެ ފިލްމުތައް ގެނެސް ދޭން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަނެއްކާ ވެސް ހަމަ އެ އިހްސާސްތަކުގެ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.


އޭނާގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމުގެ ނަމަކީ "ސޮރީ" އެވެ. ނަމަވެސް އަދި ފިލްމުގެ ޑައިރެކްޓަރުގެ ނަން ހާމަކުރަން ތައްޔާރު ނޫން ކަމަށް ނަހުލާ ބުންޏެވެ.

"ސޮރީ" ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ އާއި ޔޫސުފް (ޔޫއްޕެ) ޝަފީއުގެ އިތުރުން އިތުރު ބަތަލާއަކާއި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ އެކްޓަރަކު ވެސް ހިމެނޭނެ އެވެ.

"އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނަން. ފިލްމުގެ ޕޭޕަ ވޯކްސްގެ އެންމެ ފަހު މަރުހަލާގައި މިހާރު އޮތީ،" އަމިއްލަ ފިލްމު ކުންފުނި ކްރިސްޓަލް އެންޓަޓައިންމަންޓުން ހަދާ ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ބުންޏެވެ. "ފިލްމުގެ މަންޒަރުތައް ނަގާނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށެއްގައި."

ނަހުލާ ބުނީ "ސޮރީ" ގައި ޖުމްލަ 7 ލަވަ ހިމެނޭނެ ކަމަށާއި ފިލްމުގެ ހުރިހާ ލަވަތަކަކީ ވެސް އަމިއްލަ ރާގުތައް ކަމަށެވެ.

"ލަވަތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަހަރެން ބުނާނީ މި ފިލްމަކީ ވެސް ކުރިން އަހަރެން ގެނެސް ދީފައިވާ ކަހަލަ ލޯބީގެ ހަމަ ވަރަށް އަސަރު ގަދަ އަދި ރޮވޭ ކަހަލަ ހާދިސާތަކެއް ވެސް ހިމެނޭނެ ވަރަށް ރީތި ލަވަތަކެއް ވެސް ހުންނާނެ ފިލްމަކަށް ވާނޭ،" އޭނާ ބުންޏެވެ. "ޔަގީނުން ވެސް ކުރީގެ މާޒީ މަތިން ހަނދާން އާވާ ކަހަލަ ފިލްމަކަށް ސޮރީ ވާނެ. މިއީ އިބުރަތްތެރި އާއިލީ ފިލްމެކޭ އަހަރެން ބުނާ ހިތް ވަނީ."

އައްޒަ: "ސޮރީ" ގެ އެއް ބަތަލާއަކީ އޭނަ.

"ސޮރީ" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ފައިނަލެއް ނުކުރެ އެވެ.

"ކަޔާޔާ ނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފު" ފަދަ މަގުބޫލު ފިލްމުތައް ގެނެސް ދިން ނަހުލާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2017 ގައި އޭނާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ލޯބީގެ ފިލްމު "ބޮސް" އެވެ.

ނަހުލާގެ ޑައިރެކްޝަނަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައި ފިލްމަކީ އަހުމަދު ޝީނާންއާ ގުޅިގެން 2016 ގައި ގެނެސް ދިން ބިރުވެރި ފިލްމު "4426" އެވެ.