އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ދިފާއުގައި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ސްކޮޑްރަންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ކޮމާންޑަރު ވިޖޭ ކަރްނިކް ކުރި ހިތްވަރުގަދަ މަސައްކަތަށް ބިނާކޮށް ހަދާ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ޝޫޓިން ފަށައިފި އެވެ.
މިހާރު ހައިދަރުއާބާދުގެ ރާމޮޖީ ފިލްމު ސިޓީގައި ޝޫޓިން ކުރިއަށްދާ އަދި އަބީޝެކް ދުދައްޔާ ޑައިރެކްޓް ކުރާ ފިލްމުގެ މައިގަނޑު ތަރިންނަނީ އަޖޭ ދޭވްގަން، ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު، ޕަރިނީތީ ޗޯޕްޅާ، ރާނާ ދަގޫބަތީ އަދި އައްމީ ވާކެވެ.
"ބޫޖް" ގައި ކިޔައި ދޭނީ 1971 ގެ އިންޑޯ-ޕާކް ހަނގުރާމައިގެ ތެރޭގައި ބޫޖްގައި ގާއިމުކޮށްފައިވާ އެއާފޯސް އެއާސްޓްރިޕް ހަލާކުކޮށްލުމުން، ކަރްނިކް އިސްކޮށް ހުރެގެން ބޫޖާއި އެ އަވަށާ ކައިރީގައި ހުރި އަވަށްތަކުގެ ތިންސަތޭކައެއްހާ އަންހެނުންގެ ވެސް އެހީއާ އެކު އަލުން އެއާސްޓްރިޕް ގާއިމުކުރަން ކުރި މަސައްކަތެވެ.
މި ފިލްމުގައި ވިޖޭ ކަރްނިކްގެ ރޯލް ކުޅޭނީ އަޖޭ އެވެެ.
"ބޫޖް" ސިނަމާތަކަށް އަންނާނީ އޮގަސްޓް 14، 2020 ގަ އެވެ.
"ބާގީ 3" މާ ވަރުގަދަ ވާނެ
މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ބާގީ 2" އަށް ފަހު މި ސީރީޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، ކުރީގެ ފިލްމަށް ވުރެ މާ ވަރުގަދަ އެކްޝަންތަކެއް މި ފަހަރު ފިލްމުގައި ހިމެނޭނެ ކަމަށް ބަތަލު ޓައިގާ ޝްރޮފް ބުނެފި އެވެ.
އޭނާ ބުނީ މިހާރު ޝޫޓިން އަށް ތައްޔާރުވުމުގެ ގޮތުން ކުރިން ޓްރޭނިން ނުހަދާ ވައްތަރުގެ ބައެއް ކަހަލަ އެކްޝަން ފޯމްތަކަށާއި ހަތިޔާރުތައް ބޭނުން ކުރަން ވެސް މިހާރު ދަސްކުރަމުން އަންނަ ކަމަށެވެ.
"ބާގީ 2" ވެގެން ދިޔައީ ޓައިގާ އެ ފިލްމުގައި ދައްކުވައި ދިން ވަރުގަދަ އެކްޝަން މަންޒަރުތަކާ އެކު، ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ވަރުގަދަ ޒުވާން އެކްޝަން ހީރޯއަށެވެ. "ބާގީ 3" ވެސް ޑައިރެކްޓް ކުރާނީ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރި އަހުމަދު ހާނެވެ.
އަދި ތިން ވަނަ ފިލްމުގެ ބަތަލާއަކީ "ބާގީ" ގެ ފުރަތަމަ ބައިގެ ބަތަލާ ޝްރަދާ ކަޕޫރެވެ. އަދި ފިލްމުގެ ގެ ރޯލަކުން ރިތޭޝް ދޭޝްމުކް ވެސް ފެނިގެން ދާނެ އެވެ.
މޮރޮކޯ، ތުރުކީ، މިސްރު އަދި ސައިބީރިއާ ފަދަ ގައުމުތަކުގައި ޝޫޓް ކުރާ "ބާގީ 3" ސިނަމާތަކަށް އަންނާނީ މާޗް 6، 2020 ގަ އެވެ.
އަކްޝޭގެ "ކޭސަރީ" ޖަޕާނަށް
މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަކްޝޭ ކުމާރުގެ ހަނގުރާމަ ފިލްމު "ކޭސަރީ" ޖަޕާނުގައި ދައްކަން ހަމަޖެހިއްޖެ އެވެ.
އެކަން ޓްވިޓާގައި ހިއްސާ ކުރަމުން އަކްޝޭ ބުނީ ފިލްމު ޖަޕާނުގައި ދައްކަން ފަށާނީ އޮގަސްޓް މަހުގެ 16 އިން ފެށިގެން ކަމަށެވެ. ޖަޕާނު ބަހުން ތައްޔާރުކޮށްފައިވާ "ކޭސަރީ" ގެ ޕޯސްޓަރެއް ވެސް އޭނާ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސް ކުރި މި ފިލްމަކީ އަފްޢާނިސްތާނުގެ 10،000 ވުރެ ގިނަ މީހުންނާ ދެކޮޅަށް ސީކުންގެ 21 އަސްކަރީ އޮފިސަރުންތަކެއް ހަނގުރާމަކޮށް، ހޯދާ އާދަޔާހިލާފު ފަތަހައިގެ މައްޗަށް ބިނާކޮށް ހަދފައިވާ ފިލްމެކެވެ. އެ ހަނގުރާމަ މަޝްހޫރުވެފައި ވަނީ "ބެޓްލް އޮފް ސަރްގާޙީ" ގެ ނަމުންނެވެ.
އަނޫރާގް ސިންގް ޑައިރެކްޓް ކުރި "ކޭސަރީ" ގެ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.
މި ފިލްމަކީ ބޮކްސް އޮފީހުގައި 204.82 ކްރޯޑް ރުޕީސް (29,550,405 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
އަނޫޕަމްގެ ބައޮގްރަފީ އޮގަސްޓްގައި
އިންޑިއާގެ ހުނަރުވެރި އެކްޓަރު އަނޫޕަމް ކޭރްގެ ބައޮގްރަފީ އަންނަ އޮގަސްްޓްގައި ނެރެން ނިންމައިފި އެވެ.
"ލެސެންސް ލައިފް ޓޯޓް މީ އަންނޯވިންލީ" ގެ ނަން ދީފައިވާ ބައޮގްރަފީ ނެރެނީ ޕެންގްއިން ރެންޑަމް ހައުސްގެ ތައްގަނޑުގަ އެވެ. ބައޮގްރަފީ ނެރޭނީ އޮގަސްޓް މަހުގެ 5 ގަ އެވެ.
އަނޫޕަމްގެ ބައޮގްރަފީ ނެރޭކަން އޭނާ އެންމެ ފުރަތަމަ އިއުލާން ކުރީ އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ ފިލްމު "ވަން ޑޭ: ޖަސްޓިސް ޑެލިވާޑް" ގެ ޕްރޮމޯޓް ކުރަން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި މި މަހުގެ ކުރީކޮޅު ބައިވެރިވި އެޕިސޯޑެއްގަ އެވެ.
ހޮލީވުޑްގައި ވެސް މަސައްކަތް ކުރާ އިންޑިއާގެ މަދު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަނޫޕަމްގެ ބައޮގްރަފީގައި އޭނާގެ އުމުރުން 10 އަހަރުން ފެށިގެން މިހާތަނަށް ދިރިއުޅުމުގައި ހިނގާފައިވާ ކަންތައްތައް ކިޔައި ދޭނެ އެވެ.
އުމުރުން މިހާރު 64 އަހަރުގެ އަނޫޕަމް "ލެސެންސް ލައިފް ޓޯޓް މީ އަންނޯވިންލީ" ސިފަ ކުރަނީ މަސާލާ ޑްރާމާއެއްގެ ގޮތުގަ އެވެ. އެގޮތުން ކިޔުންތެރިން ބޭނުން ވާނެ ހުރިހާ ރަހައެއް އޭގައި ހުންނާނެ ކަމަށް ބުންޏެވެ.