އަންނަ މަހު ރިލީޒްކުރާ ފިލްމު "ބަތުލާ ހައުސް" ގައި ހިމެނޭ ނޯރާ ފަތެހީގެ އައިޓަމް ލަވަ "އޮ ސާކީ ސާކީ" ދައްކާލައިފި އެވެ.
ޖޯން އަބްރަހަމް އާއި މުރުނާލް ތާކޫރު ލީޑް ރޯލު ކުޅޭ މި އެކްޝަން ތުރިލާގައި ހިމެނޭ އައިޓަމް ލަވަ އަކީ 2004 ގައި ނުކުތް ފިލްމު "މުސާފިރު" ގައި ހިމެނޭ ލަވައިގެ އާ ވާޝަނެކެވެ. އާ ލަވައިގެ މިއުޒިކާ ތަނިޝްގް ބަގްޗީ ކުޅެފައިވާ އިރު، ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރާއި ތުލްސީ ކުމާރުގެ އިތުރުން ބީ ޕްރާކެވެ.
"އޮ ސާކީ ސާކީ" ގެ އޮރިޖިނަލް ލަވަ ވިޝާލް-ޝޭކަރުގެ މިއުޒިކަށް ހަދާފައިވާ އިރު، އެ ލަވަ ކިޔާފައިވާ ސުނީދީ ޗޯހަން އާއި ސުކްވިންދަރު ސިންގެވެ.
"ބަތުލާ ހައުސް" ގައި ހިމެނޭ ލަވައަކީ މިދިޔަ އަހަރު ރިލީޒް ކުރި ޖޯންގެ "ސަތިޔަމޭވް ޖަޔަތޭ" ގައި ވެސް ނޯރާ ފެނިގެން ދިޔަ "ދިލްބަރު" ކަހަލަ ފޯރި ގަދަ އަދި ކުލަގަދަ ލަވައެކެވެ.
ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 15 ގަ އެވެ.
އަނެއްކާ ވެސް ނީނާ އާއި ގަޖްރާޖް
މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ބަދާއީ ހޯ" ގައި އަޔޫޝްމަން ކުރާނާގެ މައިންބަފައިންގެ ރޯލް ކުޅުނު ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯ އަނެއްކާ ވެސް ހަމަ އަޔޫޝްމަންގެ މައިންބަފައިންގެ ރޯލް ކުޅެން ސޮއިކޮށްފި އެވެ.
މި ފަހަރު ދެ ތަރިން ސޮއިކޮށްފައި ވަނީ 2017 ގައި ރިލީޒް ކުރި އަޔޫޝްމަންގެ "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބައި "ޝުބް މަންގަލް ޒާދާ ސާވްދާން" އަށެވެ. ޑައިރެކްޓަރު އާނަންދު އެލް ރާއީ ޕްރޮޑިއުސް ކުރާ މި ފިލްމަކީ ހިތޭޝް ކެވަލަޔާ ޑައިރެކްޓް ކުރާ ފިލްމެކެވެ.
ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގަ އެވެ.
ނަވާޒުއްދީންގެ ރެޕް ލަވައެއް
މި މަހުގެ 25 ގައި ރާޖަސްތާނުގައި ޝޫޓިން ފަށާ ފިލްމު "ބޯލެ ޗޫޅިޔާން" އަށް ފިލްމުގެ ބަތަލު ނަވާޒުއްދީން ސިއްދީގީ ރެޕް ލަވައެއް ރެކޯޑްކޮށްފި އެވެ.
ކުމާރު ޅެން ހަދާފައިވާ އަދި "ސްވިގީ ޗޫޅިޔާ" ގެ ނަން ދީފައިވާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ސަނީ އާއި އިންދަރު ބަވްރާ އެވެ. ލަވައިގެ ރެކޯޑިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް ވަނީ ޓްވިޓާގައި ދައްކާލައިފަ އެވެ.
"ބޯލެ ޗޫޅިޔާ" އަކީ ނަވާޒުއްދީންގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމެކެވެ. މި ފިލްމުގެ ބަތަލާއަކަށް މިހާރު ހަމަޖައްސާފައި ވަނީ ތަމަންނާ ބާޓިއާ އެވެ. ކުރިން ފިލްމަށް ސޮއި ކުރި ބަތަލާ މޯނީ ރޯއި ވަނީ ފަހުން ފިލްމު ދޫކޮށްލައިފަ އެވެ.
"ސުޕަ 30" ލީކްކޮށްލައިފި
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30" ލީކްކޮށްލައިފި އެވެ.
އިންޓަނެޓްގައި ފިލްމު ލީކްކޮށްލާފައި ވަނީ މި އަހަރު ރިލީޒް ކުރި ބައެއް އެހެން ފިލްމުތައް ވެސް ލީކްކޮށްލި ޓަމިލްރޮކާޒް އިންނެވެ.
"ސުޕަ 30" އަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ރޯލް ރިތިކް ކުޅެފައިވާ ބައޮޕިކެކެވެ. ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާއަކީ މުރުނާލް ތާކޫރެވެ.
ފިލްމު ލީކްކޮށްލި އިރު، އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން "ސުޕަ 30" އަށް ހޯމަ ދުވަހާ ހަމައަށް 47.37 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ރިތިކްގެ މޮޅު އެކްޓިންއެއް "ސުޕަ 30" އިން ފެނިގެން ދިޔަ ނަމަވެސް މިއީ އުންމީދު ކުރި ވަރުގެ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ފިލްމެއް ނޫނެވެ.