ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑޭޓިން އެޕެއްގެ ސަބަބުން ކުރިމަތިވާ ހާދިސާތަކަށް މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ބަތަލާގެ ރޯލަށް ކިއާރާ އަދުވާނީ ސޮއިކޮށްފައި ވަނިކޮށް، ފިލްމުގެ ބަތަލުގެ ރޯލަށް އަދިތިޔާ ސީލް ހަމަޖައްސައިފި އެވެ.


މެއި މަހު ރިލީޒް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ރޯލަކުން ވެސް ފެނުނު އެކްޓަރު ވަނީ އޭނާ ފިލްމަށް ސޮއި ކުރިކަން ވެސް ކަށަވަރުކޮށް ދީފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި އަދިތިޔާ ބުނީ އޭނާ އަށް "އިންދޫ ކީ ޖަވާނީ" އިން ކުޅެން ލިބުނީ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށެވެ. އަދި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް "ތުމް ބިން 2" ގެ ވެސް ބަތަލު ބުންޏެވެ.

"އިންދޫ ކީ ޖަވާނީ" އަކީ މަޝްހޫރު ބެންގާލީ ޑައިރެކްޓަރު އަބީރު ސެންގުޕްތާ ޑައިރެކްޓްކުރާ ފުރަތަމަ ހިންދީ ފިލްމެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ 2003 ގެ "ކަލް ހޯ ނަ ހޯ" ގެނެސް ދިން ޑައިރެކްޓަރު ނިކިލް އަދުވާނީ އެވެ.

"އިންދޫ ކީ ޖަވާނީ" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފަށަން ވަނީ ނިންމައިފަ އެވެ. މިއީ އަންނަ އަހަރި ބެލުންތެރިންނަށް ގެނެސް ދޭނެ ފިލްމެކެވެ.

އަކްޝޭގެ ރެޕް ލަވައެއް

މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާ ކޮމެޑީ ފިލްމު "ހައުސްފުލް 4" ގައި އަކްޝޭ ކުމާރުގެ ރެޕް ލަވައެއް ހިމަނަން ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީގެ އެދުމަކަށް ފިލްމަށް ރެޕް ލަވައެއް ރެކޯޑް ކުރަން އަކްޝޭ ނިންމީ އެ ލަވައިގެ މިއުޒިކް ވެސް ކަމުދިޔަލެއް ބޮޑުކަމުންނެވެ. އަދި ފަހަރުގައި މި ލަވައަކީ އަކްޝޭގެ ސޯލޯ ނުވަތަ ލަވަކިޔުންތެރިޔާ މިކާ ސިންގްއާ ހިއްސާވާ ގޮތަށް ގެނެސްދޭ ލަވައަކަށް ވެދާނެ ކަމަށް އެ ނޫހުން ބުންޏެވެ.

އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ "ހައުސްފުލް 4" ގެ ކާސްޓުންގެ ތެރޭގައި ކްރިތީ ސެނަން، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް، ޕޫޖާ ހެގްޅޭ އަދި ރާބާ ދަގޫބަތީ ހިމެނެ އެވެ.

އަކްޝޭ މިހާރު އަންނަނީ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" ޕްރޮމޯޓް ކުރަމުންނެވެ.

"ސާހޯ" ގެ އާ ޕޯސްޓަރެއް

ރިލީޒްކުރާ ތާރީހު މިހާރު ފަސްކޮށްފައިވާ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ "ސާހޯ" ގެ އާ ޕޯސްޓަރެއް ފިލްމު ނެރޭ ހުރިހާ ބަހަކުން ދައްކާލައިފި އެވެ.

އަންނަ މަހުގެ 15 އިން މިހާރު އަންނަ މަހުގެ 30 އަށް ފަސްކުރި ފިލްމުން މި ފަހަރު ދައްކައިލީ ލީޑް ދެ ތަރިންނާ އެކު ލޯބީގެ ޕޯސްޓަރެކެވެ. އޭގައި ފެންނަނީ ޕްރަބާސް އާއި ޝްރަދާ ކަޕޫރެވެ.

ސުޖީތު ޑައިރެކްޓްކޮށްފައިވާ އެކްޝަބް ތުރިލާ "ސާހޯ" އަކީ ބޮލީވުޑާއި ސައުތުގެ ތަރިންތަކެއްގެ މަސްހުނި ކާސްޓަކާ އެކު ގެނެސްދޭ ފިލްމެކެވެ. އެގޮތުން ޖެކީ ޝްރޮފް، ނީލް ނިތިން މުކޭޝް، މަންދިރާ ބޭދީ، ޗަންކީ ޕާންޑޭ އަަދި އެވެލީން ޝަރުމާ ފަދަ ތަރިން ފިލްމުން ފެނިގެން ދާނެ އެވެ.

"ސުޕަ 30" އަށް 100 ކްރޯޑް

މި މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރި ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30" ވެސް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފި އެވެ.

އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ފިލްމު އިންޑިއާ އިން 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހަމަކުރީ އާދީއްތަ ދުވަހު އެވެ.

ފިލްމަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 147.89 ކްރޯޑް ރުޕީސް (21 މިލިއަން) ޑޮލަރަށް އަރައިފަ އެވެ. "ސުޕަ 30" ހަދާފައި ވަނީ 115 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ރިތިކާ އެކު މި ފިލްމުގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ މުރުނާލް ތާކޫރެވެ.