ހޮލީވުޑުން ވެސް ފުރުސަތުތަކެއް ލިބުނު: އަކްޝޭ ކުމާރު

ހޮލީވުޑްގެ ބައެއް ފިލްމުތަކުން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު ހިތްހަމަޖެހޭ ވަރުގެ ޕްރޮޖެކްޓަކާ މިހާތަނަށް ދިމާނުވާ ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.


އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ވެސް ހިމެނޭ 51 އަހަރުގެ އަކްޝޭ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ހިތްހަމަޖހޭ ވަރުގެ ފުރުސަތެއް ހޮލީވުޑުން ލިބުނު އިރަކުން އޭގެ ބޭނުން ހިފާނެ ކަމަށެވެ.

"މިހާތަނަށް ލިބުނު ފުރުސަތުތަކަށް ބަލާ އިރު އެހާ ބޮޑު އަދި އެހާ ކަމުދާ ކަހަލަ ކެރެކްޓާއެއް ކުޅެން ލިބުނު ފިލްމަކާ ދިމައެއް ނުވޭ،" ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލު ބުންޏެވެ. "އެކަމަކު އަހަރެން ހިތްހަމަޖޭ ވަރުގެ އޮފާއެއް ލިބިއްޖެ ނަމަ ބޭނުން ހިފާނަން."

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަކްޝޭ ބުނި ގޮތިގައި އޭނާއަކީ އަބަދު ވެސް ތަފާތު ޖޯންރާތަކުގެ ފިލްމުތައް ތަޖުރިބާ ކުރަން ބޭނުންވާ މީހެކެވެ. އެގޮތުން މި ފަހަކަށް އައިސް އިޖުތިމާއީ ބައެއް ކަހަލަ މައްސަލަތަކަށް ފިލްމު ހަދައިގެން، ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބުންޏެވެ.

"އަހަރެންގެ ކެރިއަރުގައި އަންހެނުން [ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ] ގެ ހިއްސާ ވެސް ބޮޑު. އެކަމަކު މީގެ މާނައެއް ނޫން އަހަރެން ކުޅޭ ކޮންމެ ފިލްމަކަށް އެއްބަސް ވަނީ ޓްވިންކަލްއާ ސްކްރިޕްޓް ހިއްސާކޮށްފައޭ،" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "ފިލްމަކަށް އެއްބަސްވާ އިރު ވަރަށް ގިނަ ފަހަރަށް އޭނަގެ ހިޔާލު ހޯދާލަން. އަދި އެ ސްކްރިޕްޓަކީ އެހާ ކަމުދާ އެއްޗެއް ނޫން ކަމަށް ސީދަލަށް ޓްވިންކަލް ބުނެފި ނަމަ އަހަރެން އެ ފިލްމަކަށް އެއްބަސްވުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަންް."

މާޗް މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ކޭސަރީ" އަށް ފަހު އަކްޝޭ މިހާރު އަންނަނީ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" ޕްރޮމޯޓް ކުރަމުންނެވެ.

މި އަހަރު އޭނާ ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ "ހައުސްފުލް 4" އާއި ޑިސެމްބަރު 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" ހިމެނެ އެވެ.