28 ޖުލައި 2019 - 08:09
މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ކަހީ ތޯ ހޯގާ" ރިބޫޓް ވާޝަނެއް ތަފާތު ކާސްޓަކާ އެކު ވެބް ސީީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އާމްނާ ޝަރީފް ކަޝިޝްގެ ރޯލް އަދި ރަޖީވް ކަންޑެލްވާލް ސޫޖަލްގެ ކެރެކްޓާ އިން ފެނިގެން ދިޔަ ސިލްސިލާ ތިނެސްކަން ލޯބީގެ ވާހަކައެއް ގޮތަށް އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައި އިރު އޭގެ ނަމަކީ "ކަހީ ތޯ ހޯގާ ޔުނައިޓެޑް" ކަމަށްވެ އެވެ.
އަދި މި ފަހަރު ސީރީޒްގެ ވާހަކަ އެނބުރޭނީ މުސްލިމް ދެ އާއިލާއެއްގެ މެދުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. ސިލްސިލާގެ މައިގަނޑު ކެރެކްޓާތަކުގެ ނަންތައް ވެސް ބައެއް މީޑިއާތަކުން ހިއްސާކޮށްފައިވެ އެވެ. އެއީ ސުފިޔާން އާއި އިމްތިއާޒްގެ އިތުރުން ކާއިނާތު އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކާއިނާތުގެ ރޯލު ކުޅޭނީ ތެލެގޫ ބަތަލާ ހީބާ ޕަޓޭލް އެވެ. ނަމަވެސް އަނެއް ދެ ކެރެކްޓާ ކުޅޭ ތަރިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ކަހީ ތޯ ހޯގާ ޔުނައިޓެޑް" ގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު، އެ ސްޓްރީމްކުރަން ފަށާނެ އިރެއް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
"ކަހީ ތޯ ހޯގާ" އިން ލިބުނު މަޝްހޫރުކަމާ އެކު ކަޝިޝް އާއި ސޫޖަލް ރާއްޖެ އައިސް، ރާއްޖޭގެ ތަރިންނާ އެކު ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވެ އެވެ. އެގޮތުން އާމްނާގެ ލަވަ ކުޅުނީ ޔޫސުފް (ޔޫއްޕެ) ޝަފީއުއާ އެކީގަ އެވެ. ސޫޖަލްއާ އެކު ލަވަ ކުޅުނީ ކުރީގެ ބަތަލާ ސޯނިއާ އެވެ.
"ކަހީ ތޯ ހޯގާ" އަށް ފަހު، އެ ދެ ތަރިން ވަނީ ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފަ އެވެ.
އެކްތާގެ ބަލާޖީން "ކަހީ ތޯ ހޯގާ" ގެނެސް ދިނީ 2003-2007 އަށެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 799 އެޕިސޯޓް ސްޓާ ޕްލަސް އިން ގެނެސް ދީފައިވެ އެވެ.
އެކްތާ މިހާރު އަންނަނީ އޭނާ ކުރިން ގެނެސް ދިން "ކަސޯޓީ" ގެ އާ ސީޒަނެއް ވެސް މުޅިން ތަފާތު ކާސްޓަކާ އެކު ސްޓާ ޕްލަސް އިން ގެނެސް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy