އަރްބާޒް ލޯބިވެރިޔާއާ އެކު.
14 އޯގަސްޓް 2019 - 09:47
މި ފަހުން އިންޑިއާގެ ސައުތުގެ ފިލްމުތަކުން ފުރުސަތުތައް ލިބެމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަރްބާޒް ހާންގެ ބިދޭސީ ލޯބިވެރިޔާ ޖިއޯޖިއާ އެޑްރިއާނީ ވެސް އިންޑިއާގައި އެކްޓިން އަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިޓަލީ އަށް އުފަން މޮޑެލް/ބަތަލާ/ނެށުންތެރިޔާ މިހާރު ވަނީ ތަމަޅަ ބަހުން ހަދާ ވެބް ސީރީޒަކަށް ސޮއިކޮށްފަ އެވެ. ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ މި ވެބް ސީރީޒްގެ ނަމަކީ "ކެރޮލައިން ކަމަކްޝީ" އެވެ.
މީޑިއާތަކުން ބުނީ އޭގައި ޖިއޯޖިއާ ކުޅޭނީ ފްރާންސްގެ އަންޑަކަވާއެއްގެ ރޯލް ކަމަށެވެ.
އިންޑިއާ އިން ލިބުނު ފުރަތަމަ އެކްޓިން ޕްރޮޖެކްޓެއް ލިބުނުކަން ކަށަވަރުކޮށް ދެމުން އޭނާ ބުނީ "ކެރޮލައިން ކަމަކްޝީ" އިން ފުރުސަތު ލިބުނީ އޭގެ ޕްރޮޑަކްޝަން ހައުސް އަށް ހިންދީ ބަހުން ޑައިލޮގް ކިޔާފައި އެކްޓްކޮށްފައިވާ ވީޑިއޯކޮޅެއް ފޮނުވުމުން އެ މީހުންނަށް އެ ކަމުދިއުމުން ކަމަށެވެ.
"ދެން އެ މީހުން ސީރިޒްގެ މަންޒަރެއް އަހަންނަށް ނެރޭޓްކޮށްދީފައި އެއަށް އެކްޓްކުރަން އެދުނީމަ އަހަރެން އެކްޓްކޮށްފައި ފޮނުވި ކްލިޕް ވެސް ޓީމަށް ވަރަށް ކަމުދިޔައިމަ ފުރުސަތު ލިބުނީ،" އަރްބާޒާ ރައްޓެހިވެގެން އުޅޭތާ މިހާރު ދޮޅު އަހަރެއްހާ ދުވަސްވެފައިވާ ޖިއޯޖިއާ ބުންޏެވެ.
ޖިއޯޖިއާ އާއި އަރްބާޒްގެ ގުޅުމުގެ ވާހަކަ ތިލަވާން ފެށީ އޭނާ އާއި މަލައިކާ އަރޯރާގެ 18 އަހަރުވީ ކައިވެނި 2017 ގައި ނިމުމަމަކަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މަލައިކާ މިހާރު އުޅެނީ ޒުވާން އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެންގެންނެވެ.
އަރްބާޒްގެ ބިދޭސީ ލޯބިވެރިޔާ އަށް އިންޑިއާގައި ކެރިއަރެއް ބިނާކޮށް ދޭން މަސައްކަތް ފަށާފައިވާ އިރު، އޭނާގެ ބޭބެ ސަލްމާން ހާނާ އަޑި ނޭނގޭ ގުޅުމެއް އޮންނަ ރުމޭނިއާގެ މޮޑެލް އޫލިއާ ވަންތޫރަށް ސަލްމާން ވެސް ވަނީ ބޮލީވުޑުން ފުރުސަތުތަކެއް ހޯދައި ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy