14 އޯގަސްޓް 2019 - 09:46
މީގެ ކުރިން ވެސް އެކީގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން އަޖޭ އާއި ކާޖޮލް ލޯބީގެ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި ދެ ތަރިން އެކީގައި އުޅޭ ރޮމޭންޓިކް ކޮމެޑީ އަށް ކިޔާނެ ތިން ނަމެއް ވެސް އަޖޭގެ ފިލްމު ކުންފުނިން މިހާރު ރަޖިސްޓްރީ ވެސް ކޮށްފައިވެ އެވެ. އެއީ "ރޮމޭންސް އޯރް ދޯކާ" އާއި "ދޯކާ އެރައުންޑް ދަ ކޯނާ" ގެ އިތުރުން "ދޯކާ" އެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި މިހާރު ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ނިންމައި އިތުރަށް، ޕޮލިޝް ކުރަމުން އަންނަ އިރު، މި ފިލްމުގައި ކިޔައިދޭނީ ލޯބިން އުޅުނު ދެ މީހަކު ވަކިވެ، ހިތްހަލާކުވުމުން ދިމާވާ ކަންތައްތަކެކެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި ފަހަރުގައި މި ފިލްމަކީ އަޖޭ ޑައިރެކްޓް ވެސް ކޮށްފާނެ ފިލްމެކެވެ.
ނަމަވެސް މިއާ ބެހޭ ގޮތުން އަޖޭ އާއި ކާޖޮލް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަންނަ އަހަރަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އަޖޭ އާއި ކާޖޮލްގެ ޖޯޑު ސްކްރީނުން ފެންނާނެ އަހަރެކެވެ. އެއީ ޖެނުއަރީ 10 ގައި ރިލީޒް ކުރާ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އިންނެވެ.
ދެ ދަރިން ވެސް ތިބި އަޖޭ އާއި ކާޖޮލް އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުތަކަކީ ލޯބީގެ ވާހަކަތަކެއް ކިޔައި ދިން ޕިޔާރު ތޯ ހޯނާ ހިތާ (1998) އާއި ދިލް ކިޔާ ކަރޭ (1999) އެވެ.
އަޖޭގެ އަލަތު ޑައިރެކްޝަނަކީ ވެސް ދެމަފިރިން އެކީގައި ކުޅުނު ލޯބީގެ ފިލްމެކެވެ. އެއީ 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy