19 އޯގަސްޓް 2019 - 08:15
މިދިޔަ އަހަރު އިޝްގް އެފްއެފުމުން ގެނެސްދިން ޗެޓް ޝޯ "ވަޓް ވިމެން ވޯންޓް" ގެ ނަމުގައި ޗެޓް ޝޯއެއް ހޯސްޓް ކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް އަނެއްކާ ވެސް މިކަހަލަ ޝޯއަކަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކަރީނާ ހޯސްޓް ކުރާ ދެވަނަ ޝޯ އަކީ މަޝްހޫރު ޑިޖިޓަލް ޕްލެޓްފޯމަކުން ސްޓްރީމް ކުރާނެ އެއްޗެކެވެ. އެކަމަކު އެއީ ކޮން ޕްލެޓްފޯމެއް ކަމަށް ނުބުނެ އެވެ.
އެ ނޫހުން ބުނި ގޮތުގައި ޝޯ އަށް ކަރީނާ ފެހި ސިގްނަލް ދީފައިވާތީީ، އޭތި މިހާރު އޮތީ ޕްރި-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. އަދި ކަރީނާ މިހާރު ޖަޖެއްގެ ގޮތުގައި ބައިވެރިވާ ޒީޓީވީގެ ޑާންސް ޝޯ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ނިމުމުން ކަރީނާގެ އާ ޗެޓް ޝޯ އިއުލާން ކުރާނެ ކަމަށްވެ އެވެ. އެހެންވެ މި ޝޯ ވާނީ ޑިޖިޓަލް ޝޯއަކުން ކަރީނާ ފެންނާނެ ފުރަތަމަ ފަހަރަށެވެ.
މިދިޔަ އަހަރު "ވީރޭ ދީ ވެޑިން" އިން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޑިސެމްބަރު މަހުގެ 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" އެވެ. ކަރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަނގްރޭޒީ މީޑިއަމް" އާއި "ތަހުތު" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy