ދީޕިކާ އިނީ ބަލިވެ؟

މިދިޔަ އަހަރު އެކްޓަރު ރަންވީރު ސިންގްއާ ކައިވެނިކުރި ބަތަލާ ދީޕިކާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނެ، އެ ވާހަކަ ސޯޝަލް މީޑިއާގައި ފޭނުން ވަރަށް ގަދައަށް ދައްކަން ފަށައިފި އެވެ.


މި ވާހަކާ މާ ގަދައަށް ދެކެވެން ފެށީ ރަންވީރުގެ އިންސްޓަގްރާމް ޕޯސްޓަރަކަށް ދީޕިކާ ކުރި ކޮމެންޓަކުންނެވެ. އޭގައި "ހައި ޑެޑީ" ލިޔެފައި ކުއްޖެއްގެ އިމޯޖީއަކާއި އަތްތިލަ ބަޑިއަކާއި ހިތެއް ހިމަނާފައިވެ އެވެ. މި ކޮމެންޓް ގިނަ ބައެއްގެ ސަމާލު ކަމަށް އައިސް، ދީޕިކާ އިނީ ބަލިވެ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން ދީޕިކާ އާއި ރަންވީރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ދީޕިކާގެ ކޮމެންޓް އެންމެ ތިރީގައި.

ނަމަވެސް ބައެއް މީހުން ބުނެފައިވާ ގޮތުގައި ދީޕިކާ ބަނޑުބޮޑެއް ނޫނެވެ. އަދި "ޑެޑީ" އޭ ކިޔާފައި ރަންވީރަށް، ދީޕިކާ މުހާތަބު ކުރީ ލޯބިން އޭނާ އަށް ފިރިމީހާ "ބޭބީ" އޭ ކިޔާތީ ކަމަށް ބައެއް މީހުން ބުންޏެވެ.

ރަންވީރާއި ދީޕިކާ މި ވަގުތު އަންނަނީ ޑައިރެކްޓަރު ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" ގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލް ރަންވީރު ކުޅޭ ފިލްމުގައި ދީޕިކާ ފެންނާނީ ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލުންނެވެ. މިއީ ކައިވެނި ކުރި ފަހުން މި ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ދީޕިކާ އާއި ރަންވީރު ކުރިން އެކީގައި ހަތަރު ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. ދެ ތަރިން ކައިވެނި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިޓަލީގަ އެވެ. އަދި ހަނީމޫން ހޭދަކުރީ ރާއްޖޭގަ އެވެ.