27 އޯގަސްޓް 2019 - 08:05
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، ސަލްމާން ހާނާއި އާލިއާ ބަޓާ އެކު އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމި ފިލްމު "އިންޝާﷲ" އެ ތާރީހުގައި ރިލީޒްނުކުރަން ނިންމައިފި އެވެ.
ޓްވިޓާގައި އެކަން ހިއްސާކުރަމުން ސަލްމާން ބުނީ "އިންޝާﷲ" ރިލީޒްކުރުން ފަސްކޮށްފައިވާ ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ ފިތުރު އީދުގައި އޭނާގެ އެހެން ފިލްމެއް ގެނެސްދޭނެ ކަމަށް ބުންޏެވެ. އެކަމަކު އެއީ ކޮން ފިލްމެއްކަމާއި "އިންޝާﷲ" ދެން ގެނެސްދޭނެ ތާރީހަކާއި ފިލްމު ފަސްކުރި ސަބަބެއް ވެސް ހިއްސާއެއް ނުކުރެ އެވެ.
އެ ފިލްމު އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމީ ކަރަން ޖޯހަރާއި ރޯހިތު ޝެޓީ ގުޅިގެން ގެނެސްދޭން ނިންމި އަކްޝޭ ކުމާރާއި ކެޓެރީނާ ކެއިފް ލީޑް ރޯލް ކުޅޭ ފިލްމު "ސޫރިޔާވަންޝީ" މާ ކުރިން އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން އިއުލާންކޮށްފައި ވަނިކޮށެވެ.
The film with Sanjay Leela Bhansali is pushed but I will still see you all on Eid, 2020. Insha-Allah!!
— Salman Khan (@BeingSalmanKhan) August 25, 2019
ނަމަވެސް ބަންސާލީގެ ފިލްމު އިއުލާންކުރުމާ އެކު ސަލްމާން ވަނީ ރޯހިތާ ވާހަކަ ދައްކައިގެން "ސޫރިޔާވަންޝީ" ރިލީޒްކުރާ ތާރީހު ބަދަލުކުރުވައިފަ އެވެ. އެ ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް މަހުގެ 27 އަށެވެ.
Salman Khan makes big announcements...
— taran adarsh (@taran_adarsh) August 25, 2019
⭐ #Inshallah - the film that reunites Salman and Sanjay Leela Bhansali - *won't* arrive on #Eid2020.
⭐ Salman will retain #Eid2020 release week. Will bring another film instead.
"އިންޝާﷲ" ފިތުރު އީދުގައި ރިލީޒްނުކުރަން ނިންމި އިރު، އެ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. ސަލްމާން މިހާރު އަންނަނީ ޑިސެމްބަރު 20 ގައި ރިލީޒްކުރާ "ދަބަންގް 3" ގެ މަސައްކަތް ކުރަމުންނެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭނީ ސަލްމާން ކޮން ފިލްމެއްކަން ކަށަވަރު ނުވިޔަސް އެ ފިލްމަކީ ފަހަރުގައި "ކިކް 2" އަށް ވެދާނެ އެވެ. އޭގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ވަނީ އަންނަ އަހަރު އެ ފިލްމުގެ ގެނެސްދޭން އަމާޒު ހިފައިފަ އެވެ. "ކިކް 2" އަކީ އޭނާ 2015 ގައި ޑައިރެކްޓްކުރި "ކިކް" ގެ ދެވަނަ ބައެވެ.
ސަލްމާން ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ވެސް ހިމެނެ އެވެ. އެ ދެ މީހުންގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy