30 އޯގަސްޓް 2019 - 08:48
އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ނޮވެމްބަރު މަހު އިންޑިއާގައި ޕަފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ އިންޑިއާގައި ޕަފޯމްކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު މުމްބާއީގައި، ޗައިނާގެ ޓެކް ކުންފުނި ވަންޕްލަސް އިން އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ވަންޕްލަސް 6ޓީ ލޯންޗްކުރުމާ އެކު ފަށާ "ވަންޕްލަސް މިއުޒިކް ފެސްޓިވަލް" ގެ އޯޕަނިންގަ އެވެ.
މި ފެސްޓިވަލް ވާނީ ކޭޓީ މުމްބާއީގައި ޕަފޯމްކުރާ ފުރަތަމަ ފަހަރަށެވެ.
އެކަމަކު މިއީ އޭނާ އިންޑިއާ އަށް އަންނަ ފުރަތަމަ ފަހަރެއް ނޫނެވެ. މިހާރު އެކްޓަރު އޮލެންޑޯ ބްލޫމްއާ އެންގޭޖްވެގެން އުޅޭ ކޭޓީގެ އަލަތު ކައިވެނި އިނގިރޭސިވިލާތުގެ ކޮމީޑިއަން/އެކްޓަރު ރަސަލް ބްރޭންޑާ 2010 ގައި ކުރީ އިންޑިއާގެ ރާޖަސްތާނުގަ އެވެ. އަދި 2012 ވަނަ އަހަރު ކޭޓީ ވަނީ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގެ އޯޕެނިންގައި ޗެންނާއީގައި ޕަފޯމްކޮށްފަ އެވެ.
ކޭޓީ ބުނީ އިންޑިއާގެ މުނިފޫހިފިލުމުގެ މައި މަރުކަޒު މުމްބާއީ ޕަފޯމްކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. ފެސްޓިވަލް ކުރިއަށް ދާނީ މުމްބާއީ ޑީވައި ޕަޓިލް ސްޓޭޑިއަމްގަ އެވެ.
"އިންޑިއާގައި ތިބި އަހަރެންގެ ހުރިހާ ފޭނުންނާ ދިމާވެލައި އެ މީހުންގެ ކުރިމަތީގައި ޕަފޯމްކޮށްލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" އިންސްޓަގްރާމްގައި އޭނާ ބުންޏެވެ. "އަހަރެން ބަލާނަން ފޭނުން ހިތްހަމަޖެހޭ ކަހަލަ ޕަފޯމަންސްތަކެއް ގެނެސްދެވޭތޯ."
ފެސްޓިވަލް އިންތިޒާމު ކުރާ ވަންޕްލަސްގެ އެއް ބާނީ ކާލް ޕެއި ބުނިގޮތުގައި އެތަނުން އިންޑިއާގައި ބާއްވާ ފުރަތަމަ ފެސްޓިވަލުގައި ކޭޓީ ކަހަލަ ފަންނާނަކު ބައިވެރުމަކީ އޭގެ ފޯރި އާއި ޖޯޝް އިތުރުވެގެން ދާނެ ކަމެކެވެ.
"މިއީ ވަރަށް ބޮޑު ޝަރަފެއް އަދި ކާމިޔާބީއެއް ވެސް މެ،" އޭނާ ބުންޏެވެ.
"ވަންޕްލަސްގެ މިއުޒިކް ފެސްޓިވަލް" ގައި ހިއްސާވާ ޔުނިވާސަލް މިއުޒިކް ގްރޫޕްގެ އިންޑިއާ އާއި ދެކުނު އޭޝިއާ ރީޖަންގެ ސީއީއޯ/މެނެޖިން ޑިރެކްޓަރު ދޭވްރާޖް ސަނިއަލް ބުނިގޮތުގައި ކޭޓީ އަކީ އިންޑިއާގައި ބޮޑު ފޭންބޭސްއެއް އޮތް ފަންނާނެކެވެ.
"އެހެންވީމާ އިންޑިއާގެ ފޭނުންގެ ކުރިމަތީގައި ކޭޓީގެ އެންމެ ހިޓް ލަވަތައް ފެސްޓިވަލް ތެރޭގައި އިވިގެން ދާނެ،" އޭނާ ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފެސްޓިވަލްގައި އިނގިރޭސި ލަވަކިޔުންތެރިޔާ ޑުއަ ލިޕާ ވެސް ޕަފޯމްކުރުމުގެ ފުރުސަތު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy