01 ސެޕްޓެމްބަރ 2019 - 08:17
އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި އެމްއެސް ދޯނީ ފިލްމު ޕްރޮޑިއުސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަބަދުވެސް ފިލްމުތަކަށް ވަރަށް ބޮޑަށް ލޯބިކުރާ ދޯނީ ފިލްމު ޕްރޮޑިއުސްކުރާނީ ބޮލީވުޑްގެ ޕްރޮޑިއުސަރުންނާއި ކާމިޔާބު ބައެއް ޕްރޮޑަކްޝަން ހައުސްތަކާ ގުޅިގެންނެވެ. އެގޮތުން އޭނާގެ ފުރަތަމަ ޕްރޮޖެކްޓަކަށް ވާނީ ޖޭއޭ އެންޓަޓައިންމަންޓްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގާ އެކްޓަރު ޖޯން އަބްރަހަމްއާ ގުޅިގެން ހަދާ ފިލްމެއް ކަމަށްވެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ދޯނީ ވަނީ އޭނާ ޕްރޮޑިއުސްކުރާނެ ބައެއް ޕްރޮޖެކްޓްތައް މިހާރު ފައިނަލް ވެސްކޮށްފަ އެވެ. އަދި ހުރިހާ ކަމެއް ނިންމައިލެވުމުން ފިލްމު ކުންފުނި ރަސްމީކޮށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ އެންމެ ހުނަވެރި ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަދި ގައުމީ ޓީމްގެ ކެޕްޓަންކަން ވެސް އެތައް ފަހަރަކު ކޮށްފައިވާ ދޯނީގެ ވާހަކަ ކިޔައިދޭ ފިލްމެއް މީގެ ތިން އަހަރު ކުރިން "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓްރީ" ގެ ނަމުގައި ޑައިރެކްޓަރު ނީރަޖް ޕާންޑޭ ގެނެސްދީފައިވެ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގައި ދޯނީގެ ރޯލް ކުޅުނީ ސުޝާންތު ސިންގް ރާޖްޕޫތެވެ.
ދޯނީ، 38، އަކީ މަޝްހޫރު ވަރަށް ގިނަ ޕްރޮޑަކްޓްތައް އިޝްތިހާރުކޮށް ދީގެން ބޮޑު އާމްދަނީއެއް ވެސް ހޯދާ ތަރިއެކެވެ. ޓީވީ އިޝްތިހާރުތަކުން އެންމެ ގިނައިން ފެންނަ އިންޑިއާގެ ކްރިކެޓް ތަރިއަކީ ވެސް އޭނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން އަލީ
01 September 2019
އިންޑިޔާގައި ފިލްމް އިންޑަސްޓްރީއަކީ ވަރަށް ފައިދާވާ ކަމެއް. ލާރި ހުރިއްޔާ ބިޒްނަސް އަށް ކުރަން ހަމަ ރަނގަޅު، ދޯނީ ވިޔަސް އެހެން މީހަކު ވިޔަސް.