04 ސެޕްޓެމްބަރ 2019 - 07:45
އިންޑިއާގެ ކުޅިވަރު ޝަހުސިއްޔަތުންގެ ވާހަކަ ކިޔައިދޭ ފިލްމުތައް ހެދުމަކީ ވަރަށް އާންމު ކަމެކެވެ. މިހާތަނަށް އެކަހަލަ ކިތަންމެ ފިލްމެއް ގެނެސްދީފައިވާ އިރު، ކުރިއަށް ވެސް ކުޅިވަރު ޝަހުސިއްޔަތުގެ ބައޮގްރަފިކަލް ޑްރާމާތަކެއް އަންނަން އެބަ ހުއްޓެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ސްވިޓްޒަލެންޑްގައި ބޭއްވި ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ވިމެންސް ސިންގަލްސް އިން ރަން މެޑަލް ހޯދައި އޮލިމްޕިކްސްގައި ވެސް ރަންވަނަތަކެއް އިންޑިއާ އަށް ހޯދައި ދީފައިވާ ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިޔާ ޕީވީ ސިންދޫގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައި، އޭގެ ރައިޓްސް އެކްޓަރު ސޯނޫ ސޫދު ވަނީ ހޯދައިފަ އެވެ.
އެ ފިލްމުގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު ސިންދޫގެ ކޯޗް ޕުލޭލާ ގޯޕީޗަންދުގެ ރޯލް އަކްޝޭ ކުމާރަށް ހުށަހަޅާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ދެން އޮތް ސުވާލަކީ އެ ފިލްމުގައި ސިންދޫގެ ރޯލް ކުޅޭނީ ކޮން ބަތަލާއެއްތޯ އެވެ؟ އެ ފިލްމު ހަދާ ޓީމުން އެކަން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ސިންދޫ ބުނަނީ މިހެންނެވެ؛ އޭނާގެ ރޯލް ސްކްރީނުގައި ކުޅެން އެންމެ ފައްކާވާނީ ދީޕިކާ ޕަދްކޯނެވެ.
"އަހަރެން ހަމަ ގައިމުވެސް ނަމެއް ރިކަމެންޑްކުރާ ނަމަ ދީޕިކާ ނޫން ބަތަލާއެއްގެ ނަމެއް ނުދޭނަން. ފިލްމާ ބެހޭ ގޮތުން ސޯނޫއާ ވެސް އަހަންނާ ދާދި ފަހުން ވާހަކަ ދެއްކި. އެކަމަކު އޭގެ ބަތަލާއަކާ ބެހޭ ގޮތުން އޭރަކު ވާހަކައެއް ނުދެވޭ،" ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސިންދޫ ބުންޏެވެ.
އޭނާ ބުނިގޮތުގައި ފިލްމަށް ކާސްޓުން ހަމަޖެއްސުމަކީ އެ ފިލްމެއްގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރެއްގެ އަތްމަތީގައި އޮތް ކަމަކަށް ވިޔަސް، އޭނާގެ ބައޮޕިކުން ދީޕިކާ ފެނުމަކީ ވަރަށް އުންމީދުކުރާ ކަމެކެވެ. އަދި އެކަން އެގޮތަށްވުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށް ބުންޏެވެ.
ދީޕިކާ އަކީ ވެސް ކުރިން ގައުމީ ފެންވަރުގައި ބެޑްމިންޓަން ކުޅުނު ބަތަލާއެކެވެ. އޭނާގެ ބައްޕަ ޕްރަކާޝް ޕަދްކޯނަކީ އިންޑިއާގެ ކުރީގެ ވަރަށް ކުޅަދާނަ ބެޑްމިންޓަން ތަރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy