ޕްރިޔަންކާ އާއި ރާޖް ނެޓްފްލިކްސްގެ "ދަ ވައިޓް ޓައިގާ" އަށް ސޮއިކޮށްފި

ނެޝަނަލް އެވޯޑް ހޯދާފައިވާ އިންޑިއާގެ ހުނަރުވެރި ދެ ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ރާޖްކުމާރު ރާއޯ ނެޓްފްލިކްސްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.


ދެހާސް އަށެއްގެ ފިލްމު "ފެޝަން" އިން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދި ޕްރިޔަންކާ އާއި 2012 ގެ ފިލްމު "ޝާހިދު" އިން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ހޯދި ރާޖްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަކީ "ދަ ވައިޓް ޓައިގާ" އެވެ.

މިއީ އިންޑިއާގެ ލިޔުންތެރިޔާ އަރްވިންދު އަދިގާގެ އެވޯޑް ހޯދާފައިވާ 2008 ގެ ވާހަކަ "ދަ ވައިޓް ޓައިގާ" އަށް ބިނާކޮށް، ރަމިން ބަހްރާނީ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާއަކީ "ފެރެންހައިޓް 451" އާއި "99 ހޯމްސް" އަދި "ޗޮޕް ޝޮޕް" ފަދަ ފިލްމުތައް ގެނެސްދިން އިރާނު ދަރިކޮޅުގެ އެމެރިކާގެ ޑައިރެކްޓަރެކެވެ.

"ދަ ވައިޓް ޓައިގާ" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު އިންޑިއާގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާގެ މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައި މިހާރު ދިރިއުޅޭ ޕްރިޔަންކާ ބުނީ އޭނާ ފިލްމަށް އެއްބަސްވި ސަބަބުތަކުގެ ތެރޭގައި "ދަ ވައިޓް ޓައިގާ" ގެ ވާހަކަ ވަރަށް ވެސް ކަމުދިއުމާއި ނެޓްފްލިކްސްގެ ފިލްމަކަށްވުމުގެ އިތުރުން ރަމިން ޑައިރެކްޓްކުރާ ފިލްމަކަށްވުން ހިމެނެ އެވެ.

ޑައިރެކްޓަރު ރަމީން.

"އަހަރެން މިހާރު މި ހުންނަނީ މި ފިލްމުގެ ޝޫޓިން ފަށަން ވެސް ކެތްމަދުވެފައި،" އަންނަ މަހު ރިލީޒްކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ގެ ބަތަލާ ބުންޏެވެ. "އަދި އަހަރެން ވަރަށް އުފާކުރަން ރާޖް ކަހަލަ ހުނަރުވެރި އެކްޓަރަކާއެކު މަސައްކަތްކޮށްލަން ފުރުސަތު ލިބޭތީ ވެސް."

ޕްރިޔަންކާ މިހާރު ވެސް އަންނަނީ ނެޓްފްލިކްސްގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ރޮބަޓް ރޮގްރިގޭޒް ކުޑަކުދިންނަށް ހާއްސަކޮށްގެން ޑައިރެކްޓްކުރާ ސުޕަހީރޯ/ފެންޓަސީ ފިލްމު "ވީ ކޭމް ބީ ހީރޯސް" އެވެ.

ރާޖަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލެވެ.