މިދިޔަ މަހުގެ 19 ވަނަ ދުވަހު ޝޫޓިން ފެށި، އަޖޭ ދޭވްގަންގެ ފުޓްބޯޅަ ފިލްމު "މައިދާން" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.
މިއީ މިދިޔަ އަހަރު "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކުރާ ބައޮގްރަފިކަލް ޑްރާމާއެކެވެ. "މައިދާން" ގައި އަޖޭ ކުޅެނީ އިންޑިއާގެ ފުޓްބޯޅަ އަށް އިންގިލާބެއް ގެނައި ކުރީގެ ފުޓްބޯޅަ ތަރި ސައީދު އަބްދުލް ރަހީމުގެ ރޯލެވެ. މި ފިލްމުގެ ބަތަލާއަކީ ތެލެގޫ ފިލްމު "މަހާނަތީ" އިން މި އަހަރު އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުވެފައިވާ ކީރުތީ ސްރޭޝް އެވެ.
ބޯނީ ކަޕޫރް ޕްރޮޑިއުސްކުރާ "މައިދާން" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލުމަށް ފަހު، ދެވަނަ ޝެޑިއުލް މި މަހުގެ ފަހުކޮޅު ފަށަން ވަނީ ނިންމައިފަ އެވެ.
މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ނޯރާގެ އާ ވީޑިއޯ ލަވައެއް 9 ގައި
ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތެހީގެ އާ ވީޑިއޯ ލަވައެއް މި މަހު 9 ގައި ރިލީޒްކުރަން ނިންމައި އޭގެ ޓީޒާއެއް ދައްކާލައިފި އެވެ.
އިންޑިއާ އިން ބޭރުގެ ފަންނާނުންތަކަކާ އެކު ނޯރާ ފެނިގެންދާ ލަވައިގެ ނަމަކީ "ޕެޕީޓާ" އެވެ. މި ލަވަ ކިޔާފައި ވަނީ ނޯރާ އާއި ޓެންޒޭނިއާގެ މިއުޒިޝަން ރޭވެނީ އެވެ. ލަވައިގެ ވީޑިއޯ އިން ވެސް ނޯރާއާ އެކު އޭނާ ފެންނާނެ އެވެ.
"ދިލްބަރު" ލަވައިން ބޮޑު މަޝްހޫރު ކަމެއް ހޯދި ނޯރާ އެންމެ ފަހުން ފެނިފައިވާ ވީޑިއޯ ލަވައަކީ ވިކީ ކޯޝަލްއާ އެކު ކުޅުނު "ޕަޗްތާއޯގޭ" އެވެ.
"ޒޯޔާ ފެކްޓާ" ގެ ލަވައެއް
މި މަހުގެ 20 ގައި ރިލީޒްކުރާ ސޯނަމް ކަޕޫރްގެ އާ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.
"ކާޝް" ގެ ނަން ދީފައިވާ މި ލަވައިން ސޯނަމާއި ދަލްގޫރް ސަލްމާންގެ ލޯބި ފެނިގެންދާ އިރު ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި އެލީސާ މެންޑޯންސާ އެވެ.
"ދަ ޒޯޔާ ފެކްޓާ" އަކީ އިންޑިއާގެ ކްރިކެޓް ޓީމެއްގެ ނަސީބާ ޒުވާން އަންހެނަކު ގުޅިފައި އޮންނަ ގޮތް ކިޔައިދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރުމާ އެވެ.
"ވޯ" ގެ "ގުނގުރޫ" ދައްކާލައިފި
އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެކްޝަން ތުރިލާ "ވޯ" ގެ ފުރަތަމަ ލަވަ "ގުނގުރޫ" ދައްކާލައިފި އެވެ.
ރިތިކް ރޯޝަނާއި ވާނީ ކަޕޫރް ފެނިގެންދާ ބީޗް ޕާޓީ ސްޓައިލްގެ ލަވަކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ޝިލްޕާ ރާއޯ އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް-ޝޭކަރެވެ.
ޔޫރަޕްގެ އެކި ގައުމުތަކުގެ ހިތްގައިމު ސިޓީތަކުގައި ބޮޑުބައި ޝޫޓްކޮށްފައިވާ "ވޯ" އަކީ ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މީގެ ކާސްޓުންގެ ތެރޭގައި ޓައިގާ ޝްރޮފާއި ދިޕާތިނާ ޝަރުމާ ވެސް ހިމެނެ އެވެ. ވައިއާރްއެފުން މި ފިލްމު ޕްރޮމޯޓްކުރަނީ ރިތިކާއި ޓައިގާގެ ވަރުގަދަ ކުރިމަތިލުމެއްގެ ގޮތުގަ އެވެ،