އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަކީ ބޮކްސް އޮފީހުގައި އަމީތާބް ބައްޗަން އާއި ރާނީ މުކަރްޖީގެ ކުރިމަތިލުމަކަށް ވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ، މި މަހުގެ 20 އަށް ތާވަލުކުރި އަމީތާބްގެ "ޖުންދު" މިހާރު ވަނީ ރާނީގެ "މަރުދާނީ 2" ރިލީޒްކުރަން ނިންމާފައި އޮތް ދުވަހަށް ތާވަލުކޮށްފަ އެވެ. ރާނީ ފުލުހެއްގެ ރޯލް ކުޅޭ ފިލްމު "މަރުދާނީ 2" އަކީ އޭނާގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފިލްމެކެވެ.
އެ ފިލްމު ޑިސެމްބަރު 13 ގައި ރިލީޒްކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
އަމީތާބްގެ "ޖުންދު" އަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ނާގްރާޖް މަންޖްލޭ ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ޖުންދް" އަކީ އިންޑިއާގެ ސްލަމް ސޮކާސްގެ ބާނީގެ ގޮތުގައި މަޝްހޫރުވި ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާއަކީ ނާގްޕޫރްގެ މަގުމަތީގައި ފުޓްބޯޅަ ކުޅެން އުޅުނު ކުދިންތަކެއް ނަގައިގެން ވަރުގަދަ ފުޓްބޯޅަ ޓީމެއް އެކުލަވައިލި މީހެކެވެ.
"ޖުންދު" ޑިސެމްބަރު 13 ގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏަސް، އެ ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
"އަ ސޫޓަބަލް ބޯއި" ގެ ޝޫޓިން ފަށައިފި
އިންޑިއާގެ ލިޔުންތެރިޔާ ވިކްރަމް ސޭތުގެ ވާހަކަ "އަ ސޫޓަބަލް ބޯއި" އަށް ބިނާކޮށް ހަމަ އެ ނަމުގައި މީރާ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ލަކްނޫގައި ފަށައިފި އެވެ.
މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެނީ އިޝާން ޚައްތަރާއި ތައްބޫ އާއި ޓީވީ ބަތަލާ ތާނިޔާ މަނިކްތާލާ އެވެ.
"އަ ސޫޓެބަލް ބޯއި" ގައި ކިޔައި ދެނީ އަންހެން ދަރިއަކަށް ފިރިއަކު ހޯދަން މަޔަކު ކުރާ މަސައްކަތެއްގެ ތެރޭގައި ދިމާވާ ހާދިސާތަކެކެވެ.
މި ވާހަކަ އަށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޕްރައިޑް އެންޑް ޕްރެޖްޑައިސް އާއި ލެޒް މިޒެރެބަލް (2012) ފަދަ ސިލްސިލާތަކުގެ ސްކްރީން ރައިޓަރު އެންޑްރޫ ޑޭވިސް އެވެ.
އިޝާން މީރާގެ ފިލްމުން ފެނިގެން ދާނީ "އަ ސުއިޓެބަލް ބޯއި" ގެ މާން ކަޕޫރްގެ ކެރެކްޓާއިންނެވެ. ތައްބޫގެ ރޯލަކީ ސައިދާ ބާއީ އެވެ. އަދި ތާނިޔާގެ ކެރެކްޓާއަކީ ލަތާ އެވެ.
"ތައްޕަޅު" ގެ ޝޫޓިން ފަށައިފި
ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އަނޫބަވް ސިންހާ ހަދާ ފިލްމު "ތައްޕަޅު" ގެ ޝޫޓިން ފަށައިފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ބަތަލާއަކީ ތާޕްސީ ޕައްނޫ އެވެ. އޭނާއަކީ އަނޫބަވް މިދިޔަ އަހަރު ގެނެސްދިން "މުލްކް" ގެ ވެސް ބަތަލާ އެވެ.
"ތައްޕަޅު" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯ ފިލްމުގެ ޓްވީޓްކޮށްފައިވެ އެވެ.
މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މާޗް 8 ގަ އެވެ.
އަނޫބަވްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖޫން މަހުގެ 28 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާވެރިއެއް ކުރި އަޔޫޝްމަން ކުރާނާގެ "އާޓިކަލް 15" އެވެ.
ޝާހްރުކަށް މި ވަގުތު ފިލްމެއް ނެތް
މިދިޔަ އަހަރު ރިލީޒްކުރި ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު، ޝާހްރުކް ޚާން އެކްޓިން އިން ބްރޭކެއް ނަގައިގެން ހުއްޓަސް، އޭނާ ކޮންމެވެސް ޑައިރެކްޓަރެއްގެ ފިލްމަކަށް ސޮއިކުރި ކަމަށް އަޑު ނުފެތުރޭ ދުވަހެއް ނާދެ އެވެ.
މިހާރު އެންމެ ގަދައަށް ދެކެވެނީ ޝާހްރުކް، ޑައިރެކްޓަރު އަލީ އަައްބާސް ޒަފަރުގެ ފިލްމަކަށް ސޮއިކުރި ވާހަކަ އެވެ. އަދި ފިލްމަކީ އަންނަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް 50 އަހަރު ފުރޭތީ އެ މުނާސަބަތާ ދިމާކޮށް ގެނެސްދޭ "ދޫމް 4" ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް ޝާހްރުކް ވަނީ އެއްވެސް ފިލްމަކަށް ސޮއިނުކުރާކަން ޓްވިޓާގައި ބުނެފަ އެވެ.
އާދީއްތަ ދުވަހު އޭނާ ކުރި ޓްވީޓްގައި ބުނީ ފިލްމަކަށް ސޮއިކުރި ނަމަ އޭނާ އެ ފިލްމެއްގެ މަސައްކަތްކުރަމުން ދާނެ ކަމަށެވެ. އެކަމަކު މި ވަގުތު އެއްވެސް ފިލްމެއް ނެތް ކަމަށް ބުންޏެވެ. އެ ޓްވީޓްގައި އޭނާ ވަނީ ފޭނުންގެ އޭނާގެ މަތިން މިސްވާކަން އެނގުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށް ބުނެފަ އެވެ.