ސާރާ އާއި ވަރުން "ކޫލީ ނަމްބަރު 1" ގެ ލަވައެއްގެ ރިހާސަލްގައި.
11 ސެޕްޓެމްބަރ 2019 - 08:21
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބުނު ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް ފިލްމެއްގައި ކުޅުނު ރޯލެއް ކުޅެން ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ސާރާ އަލީ ޚާން ބުނެފި އެވެ.
އޭނާ އާއި ވަރުން ދަވަން މިހާރު އަންނަނީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން، ކަރިޝްމާ އާއި ގޯވިންދާއާ އެކު ގެނެސްދިން 1995 ގެ ފިލްމު "ކޫލީ ނަމްބަރު 1" ކުޅެމުންނެވެ. އެ ފިލްމުގައި ސާރާ ކުޅެނީ ކުރީގެ ފިލްމުގައި ކަރިޝްމާ ކުޅުނު ކެރެކްޓާ އެވެ.
"ކަރިޝްމާ ކުޅުނު ރޯލެއް ކުޅުމަކީ ހަގީގަތުގައި ބޮޑު ޕްރެޝަރެއް. އޭނާ އަކީ ވަރަށް މޮޅު ބަތަލާއެއް. އަހަރެން ގަބޫލުކުރަން ކަރިޝްމާ ކުޅުނު ރޯލެއް އެ ފެންވަރުގައި ކުޅެން އަހަންނަށް ފަސޭހަ ނުވާނެކަން،" ކަރިޝްމާގެ ކޮއްކަ ކަރީނާ ކަޕޫރްގެ ދޮންދަރި ބުންޏެވެ. "އެކަމަކު އަހަރެން މަސައްކަތްކުރަނީ އެންމެ ރަނގަޅަށް ވޭތޯ. އުންމީދުކުރަން ބެލުންތެރިންނަށް އަހަރެންގެ ރޯލް ކަމުދާނެ ކަމަށް."
ސާރާގެ ބައްޕަ ސައިފް އަލީ ޚާނާ އެކު ފިލްމެއް ވެސް ކުޅުނު ކަރިޝްމާއާ ބެހޭ ގޮތުން ސާރާ ބުނީ އޭނާ އާއި ވަރުން ދަވަން "ކޫލީ ނަމްބަރު 1" އިން ގޯވިންދާ އާއި ކަރިޝްމާ ދެއްކި ކެމިސްޓްރީ ވެސް ދެއްކޭތޯ ވަރަށް މަސައްކަތްކުރާނެ ކަމަށެވެ.
"ކޫލީ ނަމްބަރު ވަން ކަހަލަ ފިލްމަކަށް ބެލުންތެރިންގެ އެކްސްޕެކްޓޭޝަން ވެސް ވަރަށް ހައިވާނެކަން އެނގޭ. އެހެންވެ މުޅި ޓީމް ވެސް މަސައްކަތް ކުރަނީ ވީހާ ވެސް ފުރިހަމަ އަދި ރީތި ފިލްމެއް ގެނެސްދޭން،" ދާދި ފަހުން ތައިލެންޑްގައި ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލި ފިލްމާ ބެހޭ ގޮތުން ސާރާ ބުންޏެވެ.
ކުރީގެ "ކޫލީ ނަމްބަރު 1" އަށް ވުރެ މާ ބޮޑަށް ވެސް މަޖާވާނެ ކަމަށް ބުނާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި 1 ގަ އެވެ.
ޑޭވިޑް ބުނިގޮތުގައި އާ ފިލްމުން ބޮޑު ތަފާތެއް ގެނެސްދޭނެ އެވެ. އަދި ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް އާ "ކޫލީ ނަމްބަރު 1" ފުރިހަމަވާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy