ޚުޝީ ބޮލީވުޑަށް ނުނިކުމެ އެމެރިކާ އަށް

ކުރިން ބެލެވެނު ގޮތުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރް މި އަހަރު ބޮލީވުޑަށް ތައާރަފުވާނެ އެވެ. ޚުޝީގެ ދައްތަ ޖާންވީ ކަޕޫރް މިދިޔަ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުކުރި ކަރަން ޖޯހަރު ވެސް އެކަހަލަ އިޝާރާތެއް ދީފައިވެ އެވެ.


އެކަމަކު އުމުރުން މިހާރު 18 އަހަރުގެ ޚުޝީ ބޮލީވުޑަށް ނުކުންނަން އަދި ތައްޔާރެއް ނޫނެވެ. އެހެންވެ ކުރިއަށް އޮތް ދެ އަަހަރު ވެސް އެކަން ވާނެ ކަމަކަށް ނުބެލެވެ އެވެ.

އެކްޓިން ކިޔަވަން އޭނާ ވަނީ މިދިޔަ ހަފުތާގައި އެމެރިކާގެ އަށް ނިއު ޔޯކަށް ފުރައިފަ އެވެ. އެގޮތުން ނިއު ޔޯކް ފިލްމު އެކެޑެމީގައި ޚުޝީ ދެ އަހަރުގެ ކޯހެއް ފުރިހަމަކުރާނެ އެވެ.

ހުޝީ ފުރުމާ ދިމާކޮށް ދައްތަ ޖާންވީ އާއި އާއިލާގެ ބައެއް މީހުން ވެސް އޭނާ މަތިން ވަރަށް ހަނދާންވާނެ ކަމަށް ބުނެ އިންސްޓަގްރާމްގައި ފޮޓޯއާ އެކު ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

ޖާންވީ އަށް ފަހު، ޚުޝީ އަކީ ބެލުންތެރިން ބޮޑު ސްކްރީނުން ވަރަށް ދެކިލަން ބޭނުންވާ ބަތަލާއެކެވެ. ފުރަތަމަ ފިލްމު "ދަޅަކް" އިން ޖާންވީ ވެސް ބެލުންތެރިންގެ ލޯބްތާއި ތައުރީފު ހޯދާފައިވާ އިރު، އޭނާގެ އަތުގައި މި ވަގުތު ގިނަ ފިލްމުތަކެއް ވެސް އެބަ ހުއްޓެވެ.

އޭގެ ތެރޭގައި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް"، "ދޯސްތާނާ 2"، "ރޫހީ އަފްޒާ"، "ތަހުތު" އަދި "ގޯސްޓް ސްޓޯރީޒް" ހިމެނެ އެވެ.

ޚުޝީ ކިޔަވަން އެމެރިކާ އަށް ފުރައިގެން ދިޔަ އިރު، މިދިޔަ މަހު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ވެސް ވަނީ އެމެރިކާގެ ނިއު ޔޯކް ޔުނިވަސިޓީގައި ކިޔަވަން ފަށައިފަ އެވެ. އޭނާ ކިޔަވަން އެމެރިކާ އަށް ދިޔައީ އިނގިރޭސިވިލާތުގެ އާޑިންލީ ކޮލެޖުން މިދިޔަ ޖުލައި މަހު ގްރެޖްއޭޓްވުމަށް ފަހު އެވެ.

ޝާހްރުކްގެ ފިރިހެން ދަރިފުޅު އާރިޔަން ޚާން ވެސް އަންނަނީ އެމެރިކާގައި ކިޔަވަމުންނެވެ.