"ގޭންގް އޮފް ވަސޭޕޫރް"ގެ ޕޯސްޓަރެއް.
16 ސެޕްޓެމްބަރ 2019 - 08:33
އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް ދަ ގާޑިއަން އިން 21 ވަނަ ގަރުނުގެ އެންމެ މޮޅު 100 ފިލްމުގެ ލިސްޓެއް އެކުލަވައިލި އިރު، އޭގައި އިންޑިއާގެ ފިލްމެއް ވެސް ހިމެނިއްޖެ އެވެ.
މުޅިންހެން ގޮތަކަށް ހޮލީވުޑްގެ ފިލްމުތައް ހިމެނޭ ލިސްޓުން ޖާގަ ލިބުނު ހިންދީ ފިލްމަކީ 2012 ގައި ޑައިރެކްޓަރު އަނޫރާގެ ކެޝަޕް ދެ ބަޔަކަށް ގެނެސްދިން ކްރައިމް ފިލްމު "ގޭންގް އޮފް ވަސޭޕޫރް" އެވެ. މިއީ ލިސްޓުން ޖާގަ ލިބުނު ހަމައެކަނި ހިންދީ ފިލްމު ވެސް މެ އެވެ.
"ގޭންގް އޮފް ވަސޭޕޫރް" މައިގަނޑު ކާސްޓުންނަކީ މަނޯޖް ބަޖްޕާއީ، ހުމާ ގްރޭޝީ، ނަވާޒުއްދީން ސިއްދީގީ، ރިޗާ ޗައްޑާ އަދި ޓިގްމާންޝޫ ދޫލިއާ އެވެ.
ގާޑިއަން އިން އެކުލަވައިލި އެންމެ މޮޅު 100 ފިލްމުގެ ތެރޭގައި "ގޭންގް އޮފް ވަސޭޕޫރް" ހިމެނުމާ ގުޅިގެން އަނޫރާގް ވަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. ލިސްޓްގެ 59 ވަނަ އިން ޖާގަ ލިބުނު އެ ފިލްމަކީ "ހޮލީވުޑް" ގެ ކަލްޓް "ގޯޑްފާދާ" އަށް އިންޑިއާ އިން ދިން ރައްދެއްގެ ގޮތުގައި ވެސް ލިސްޓް އެކުލަވައިލި ޓީމުން ސިފަކޮށްފައިވެ އެވެ.
އަބަދު ވެސް ތަފާތު ސްޓައިލްތަކެއްގެ ފިލްމުތައް ހަދާ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަނޫރާގް ބުނިގޮތުގައި "ދާ ޑާކް ނައިޓް" ފަދަ ފިލްމުތައް ވެސް ހިމެނޭ ލިސްޓްގައި އޭނާގެ "ގޭންގް އޮފް ވަސޭޕޫރް" ހިމެނުނަސް އެ ފިލްމަކީ އޭނާ އަށް އެންމެ މޮޅު ފިލްމު ނޫން ކަމަށެވެ. "ދޭވް ޑީ" އާއި "މުއްކަބާޒް" އަދި "ގުލާލް" އާއި "ރާމަން ރަގަވް" ފަދަ ފިލްމުތައް ގެނެސްދިން އަނޫރާގް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "މަންމަރުޒިޔާ" އެވެ.
ގާޑިއަން އިން 21 ވަނަ ގަރުނުގެ އެންމެ މޮޅު 100 ފިލްމުގެ ލިސްޓެއް އެކުލަވަލައިވީ 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރިލީޒްކުރި ފިލްމުތައް ހިމަނައިގެންނެވެ.
ލިސްޓްގެ އެއްވަނައިގައި އޮތީ ޑައިރެކްޓަރު ޕޯލް ތޯމަސް އެންޑަސަން 2007 ގައި ގެނެސްދިން "ދެއާ ވިލް ބީ ބްލަޑް" އެވެ. ލިސްޓް 100 ވަނައިގައި އޮތީ މިދިޔަ ޖުލައި މަހު ރިލީޒްކުރި ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯގެ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy