ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑިސެމްބަރު މަހު ރިލީޒްކުރާ، ސަލްމާން ޚާންގެ "ދަބަންގް 3" އިން ބޮލީވުޑަށް ތައާރަފުކުރާ ބަތަލާ ސާއީ މުކަރްޖީއާ އެކު ފިލްމުގެ ލޮކޭޝަނުން ނަފާގައިވާ ފޮޓޯއެއް ސަލްމާން ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.


ސާއީ އަކީ ސަލްމާންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅެވެ. "ދަބަންގް 3" އިން އޭނާ ބޮލީވުޑަށް ތައާރަފުކުރާ އިރު ސަލްމާން މިހާރު އަންނަނީ ސާއީ ޕްރޮމޯޓްކުރަން ވެސް މަސައްކަތްކުރަމުންކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ބޭއްވި 20 ވަނަ އައިފާ އެވޯޑްސްގައި ވެސް ސަލްމާނާ އެކީ ސާއީ މީޑިއާތަކާ ބައްދަލުކުރި އެވެ.

"ދަބަންގް 3" އިން އޭނާ އަށް ފުރުސަތު ލިބުނު އިރު، އެ ފިލްމުގެ ރޯލަކުން ބައްޕަ މަހޭޝް ވެސް ފެންނާނެ އެވެ. އޭނާ ވަނީ 2010 ގައި ރިލީޒްކުރި "ދަބަންގް" ގައި ވެސް ރޯލެއް ކުޅެފަ އެވެ.

View this post on Instagram

On location #dabangg3 . . . @saieemmanjrekar

A post shared by Salman Khan (@beingsalmankhan) on

ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ދަބަންގް 3" ސިނަމާތަނަށް އަންނާނީ ޑިސެމްބަރު 20 ގަ އެވެ. މި ފަހަރު ވެސް ފިލްމުން ކުރީ ދެ ފިލްމުގެ ބަތަލާ ސޮނާކްޝީ ސިންހާ ފެންނާނެ އެވެ.

"ސްޓްރީޓް ޑާންސާ" ގެ ޕްރޮމޯޝަންތައް ފަށައިފި

އަންނަ އަހަރު ރިލީޒްކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޕްރޮމޯޝަންތައް ތަފާތު ގޮތަކަށް ފަށައިފި އެވެ.

އެގޮތުން ސިލްސިލާކޮށް ހާއްސަ ވީޑިއޯތަކެއް ގެނެސްދޭން ނިންމައި، އޭގެ ފުރަތަމަ ބައި މިހާރު ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. ކޮންމެ ވީޑިއޯއެއްގައި ވެސް ކިޔައިދޭނީ އިންޑިއާގެ ކޮންމެވެސް ހިސާބަކަށް ނިސްބަތްވާ ނެށުންތެރިއެއްގެ ވާހަކަ އެވެ.

"ސްޓްރީޓް ޑާންސާ" ގެ ލީޑް ރޯލް ކުޅެފައި ވަނީ ޝްރަދާ ކަޕޫރާއި ވަރުން ދަވަންގެ އިތުރުން ނޯރާ ފަތެހީ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ ޖެނުއަރީ 24، 2020 ގަ އެވެ. "ސްޓްރީޓް ޑާންސާ" ބެލުންތެރިންނަށް 3ޑީ ފޯމެޓްގައި ގެނެސްދޭން ނިންމާފައިވާ އިރު، ފިލްމު ޕްރޮމޯޓްކުރަނީ އިންޑިއާގެ އެންމެ ވަރުގަދަ ޑާންސް ފިލްމުގެ ގޮތުގަ އެވެ.

"ކޮމާލީ" ގެ ރިމެކަށް އަރުޖުން

މިދިޔަ މަހު ރިލީޒްކުރި ތަމަޅަ ފިލްމު "ކޮމާލީ" ގެ ރިމެކިން ރައިޓްސް ހޯދައި އެ ފިލްމު ހިންދީ އޯޑިއަންސަށް ދަރިފުޅު އަރުޖުން ކަޕޫރާ އެކު ގެނެސްދޭން ބޯނީ ކަޕޫރް ނިންމައިފި އެވެ.

ބޯނީ ބުނިގޮތުގައި އޭނާގެ ފިލްމު ކުންފުނި ބޭވިއު ޕްރޮޖެކްޓްސް އިން ހޯދީ ހަމައެކަނި ފިލްމުގެ ހިންދީ ރިމެކިން ރައިޓްސްއެއް ނޫނެވެ. އެ ފިލްމުން އެހެން ބަސްބަހުން ހެދުމުގެ ފުރުސަތު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

އޮގަސްޓް މަހުގެ 15 ގައި ރިލީޒްކުރި "ކޮމާލީ" އަކީ ޕްރަދީޕް ރަންގަނާނަތަން ޑައިރެޓްކުރި ކޮމެޑީ ފިލްމެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅުނީ ޖަޔަރާމް ރަވީ އާއި ހިންދީ ފިލްމުތަކުން ވެސް ދޭތެރެ ދޭތެރެ އިން ފެންނަ ކާޖަލް އަގަރްވާލެވެ. "ކޮމާލީ" ގައި ކިޔައި ދެނީ 16 އަހަރު ފަހުން ކޯމާއެކުން ހޭއަރާ މީހަކަށް ދިމާވާ ހެއްޖާ މަޖާ ހާދިސާތަކެކެވެ.

މީގެ ހިންދީ ހިންދީ ވާޝަން ބޯނީ ގެނެސް ދޭނީ ޕްރޮޑިއުސަރު/ޑައިރެކްޓަރު ނިކިލް އަަދުވާނީއާ ގުޅިގެންނެވެ. އަދި ފިލްމު ޑައިރެކްޓްކުރާނީ ކާޝިވް ނައިރެވެ.

އަރުޖުން މިހާތަނަށް ކުޅުނީ ބައްޕަ ޕްރޮޑިއުސްކުރި އެންމެ ފިލްމެކެވެ. އެއީ 2015 ގެ "ތޭވަރު" އެވެ.

"ދަ ސްކައި އިޒް ޕިންކް" ގެ ފުރަތަމަ ލަވަ

އަންނަ މަހުގެ 11 ގައި ރިލީޒްކުރާ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާގެ ލަވަތަކުގެ ތެރެއިން ބެލުންތެރިިންނަށް ދައްކައިލި ފުރަތަމަ ލަވައަކީ "ދިލ، ހީ ތޯ ހޭ" އެވެ.

ޕްރިތަމްގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި އަންތަރާ މިތުރާ އެވެ. އަދި ލަވައިގެ ޅެން ހަދާފައި ވަނީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރެވެ.

"ދަ ސްކައި އިޒް ޕިންކް" އަކީ އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އައިޝާގެ ރޯލް ކުޅުނީ ފިލްމު ކުޅުން ހުއްޓާލިކަން ދާދި ފަހުން އިއުލާންކުރި ޒާއިރާ ވަސީމެވެ. އެހެންވެ މިއީ "ޑަންގަލް" އިން އެކްޓިން އަށް ނުކުތް ބަތަލާގެ ފަހު ފިލްމެވެ.

"ދަ ސްކައި އިޒް ޕިންކް" ގައި އަިއޝާގެ މައިންބަފައިންގެ ރޯލް ކުޅެފައި ވަނީ ފަރްހާން އަޚްތަރާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.