މުނިފޫހިފިލުވުން / ބިގް ބޮސް

ބިގް ބޮސް 13: ބައިވެރިން ގެއަށް، ކުޅިގަނޑު ފެށޭނީ މިރޭ

30 ސެޕްޓެމްބަރ 2019 - 09:42

ކަލާޒް ޗެނެލުން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ރޭ ފަށައިފި އެވެ.

މި ޝޯގެ 13 ވަނަ ސީޒަން ފެށީ ފޯރިފަދަ އައިޓަމްތަމަކާއި ތަފާތު އެކި ކަހަލަ ވާހަކަތަކާއި ޝޯ އިން މި ފަހަރު ފެންނާނެ ބައެއް ބަދަލުތަކާ އެކު އެވެ.

"ބިގް ބޮސް 13" ގެ ފަސްޓް ޑޭ ފަސްޓް ޝޯގެ ނަމުގައި ހޯސްޓް ސަލްމާން ޚާނާ އެކު ގެނެސްދިން އެޕިސޯޑްގެ މައިގަނޑު ކަމަކަށްވެފައި އޮތީ ބެލުންތެރިންނަށް މި ފަހަރުގެ ބައިވެރިން ތައާރަފުކޮށްދިނުމެވެ. އެގޮތުން ރޭ ވަނީ ޝޯގެ ބައިވެރިންނަކީ ކޮބައިކަން ދައްކާލައިފަ އެވެ.

މި ފަހަރުގެ ޝޯ އިން ފެންނާނެ އެންމެ ބޮޑު އެއް ތަފާތަކީ މީގެ ތިން އަހަރު ކުރިން ގެނައި ބަދަލެއް، ޝޯ އިން މި ފަހަރު އުނިކޮށްފައި އޮތުމެވެ. އެއީ ސެލެބްރިޓީންނާ އެކީގައި ގެއަށް ވައްދާ އާންމުންގެ ތެރެއިން ހޮވައިލެވޭ ބަޔަކު މި ފަހަރު ޝޯގައި ނުހިމެނެވެ.

އެހެންވެ "ބިގް ބޮސް 13" އަކީ ކުރިއްސުރެ ވެސް ޝޯ ގެނެސްދޭ ގޮތަށް މުޅިން ވެސް މަޝްހޫރު މޫނުތަކެއް ބައިވެރިކޮށްގެން ގެނެސްދޭނެ ޝޯއެކެވެ.

ބައިވެރިން މިހާރު ތިބީ ގޭގަ އެވެ. ޝޯގެ ހަގީގީ ފޯރިގަނޑާއި ކުޅިގަނޑު ފެށޭނީ މިރެ އެވެ. ޝޯއިން މި ފަހަރު ފެންނާނީ 13 ބައިވެރިންނެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފަހަރުގެ ޝޯގައި ބައިވެރިވާ ފިރިހެން ބައިވެރިންގެ އަދަދު އަންހެން ބައިވެރިންނަށް ވުރެ މަދުކަމެވެ. ފިރިހެން ބައިވެރިންގެ އަދަދަކީ 5 އެވެ. އަންހެން ބައިވެރިންގެ އަދަދަކީ 8 އެވެ.

* ޝޯގެ ފިރިހެން ބައިވެރިން

ޓީވީ އެކްޓަރު ސިދާތު ޝުކްލާ، އެކްޓަރު/މޮޑެލް ޕަރަސް ޗަބްރާ، މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކްގެ ބޭބެ އައްބޫ މަލިކް، ލިޔުންތެރިޔާ ސިދާތު ޑޭ، މޮޑެލް އާސިމް ރިއާޒް

* ޝޯގެ އަންހެން ބައިވެރިން

ބޮލީވުޑްގެ ކުރީގެ ބަތަލާ ކޮއެނާ މިތުރާ، ޓީވީ ބަތަލާ ޑެވޮލީނާ ބަޓަޗަރްޖީ (ގޯޕީ ބަހޫ)، ޓީވީ ބަތަލާ ރާޝްމީ ދެސާއީ، ޓީވީ ބަތަލާ މާހިރާ ޝަރުމާ، ޓީވީ ބަތަލާ ދަލްޖީތު ކޯރް، ޕަންޖާބީ ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލް، ޓީވީ ބަތަލާ އާރްތީ ސިންގް، ޓީވީ އެންކަރު ޝެފާލީ ބައްގާ

"ބިގް ބޮސް 13" އަށް ވެސް މި ފަހަރު ވަރަށް ހިތްގައިމު ރީތި ގެއެއް ބިނާކޮށްފައިވާ އިރު، ކުރިއެކޭ އެއްގޮތަށް މި ފަހަރު ވެސް ބައިވެރިން ގޭގައި ހޭދަކުރާނީ ޖުމްލަ 15 ހަފުތާ ނުވަތަ 105 ދުވަހެވެ. އެކަމަކު މި ފަހަރު ޝޯއިން ފެންނާގެ މައިގަނޑު އެއް ބަދަލަކީ ފުރަތަމަ 4 ހަފުތާގެ ތެރޭގައި ފިނާލޭއަކަށް ދިއުމެވެ.

ސަލްމާން ބުނިގޮތުގައި އެކަހަލަ ބަދަލެއް ގެންނަން ނިންމި ސަބަބަކީ ގެއަށް ބައިވެރިން ހޭނިފައިވާ މިންވަރާއި ޝޯގެ ތެރެއިން ބައިވެރިން ހޯދާ ކުރިއެރުންތައް ވަޒަންކުރުމެވެ.

މީގެ އިތުރުން މި ފަހަރު ސީދާ "ބިގް ބޮސް" ގެ ބަރު އަޑުން ދޭ އިރުޝާދާއި އިންޒާރުގެ އިތުރަށް، ޝޯގެ ވަރަށް ހާއްސަ ރޯލެއް ބޮލީވުޑްގެ ބަތަލާ އަމީޝާ ޕަޓޭލް ކުޅޭނެ އެވެ. އޭނާއަކީ މި ފަހަރު "ބިގް ބޮސް" ގޭގެ ވެރިމީހާ އެވެ. އެހެންވެ ގޭގެ ވާނުވާ ވަރަށް ކައިރިން އޭނާ ބަލާނެ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަބަދު ވެސް ލިބޭ "ބިގް ބޮސް 13" މިރެއިން ފެށިގެން ކޮންމެ ހޯމަ ދުވަހުގެ ރެއަކުން ހުކުރު ދުވަހުގެ ރެއަށް ރާއްޖެ ގަޑިން 10:00 ގައި ގެނެސްދޭނެ އެވެ. އަދި ސަލްމާން ބައިވެރިވާ ވީކެންޑް ޝޯތައް ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ގެނެސްދޭނެ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454