އަންގާރަ ދުވަހު ސީޒަންގެ "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަނީ

މި މަހުގެ 22 ގައި އަޅުވާ ފިލްމު "އަނދިރިކަން" ގެ ޝޫޓިން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައި، ފިލްމުގެ ޓިކެޓް އަންނަ އަންގާރަ ދުވަހު ވިއްކަން ފަށާނެ ކަމަށް ޑައިރެކްޓަރު އަލީ ސީޒން ބުނެފި އެވެ.


އޭނާގެ ފިލްމު ސްޓޫޑިއޯ އެސް ޕްރޮޑަކްޝަނާއި މަޝްހޫރު ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފެމިލީ ޑްރާމާ "އަނދިރިކަން" އަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅޭ ފިލްމެކެވެ. މީގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.

"އަނދިރިކަން" ގެ މައިގަނޑު މަންޒަރުތައް ނަގާފައި ވަނީ މ. މަޑުއްވަރީގަ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމާ ބެހޭ ގޮތުން ސީޒަން ބުނީ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ. އަދި ފިލްމަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"އަންގާރަ ދުވަހު ފިލްމުގެ ޓިކެޓް ވިއްކަން ފަށާ އިރު ފިލްމުގެ ޓްރެއިލާ ވެސް ރިލީޒްކުރާނަން،" ސީޒަން ބުންޏެވެ.

އޭނާ ބުނީ އޮލިމްޕަސް ނަގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރެއިން ފެށިގެން އެތަނުގައި 11 ޝޯ ދައްކާ ގޮތަށް ކަމަށެވެ.

"އަތޮޅުތެރެއިން އެންމެ ފުރަތަމަ ފިލްމު އަޅުވާ ރަށަކަށްވާނީ މީގެ މަންޒަރުތައް ނެގި މަޑުއްވަރީ،" ސީޒަން ބުންޏެވެ. "ދެން އެހެން ރަށްރަށުގައި ފިލްމު އެޅުވުމުގެ ކަންކަން ފަށާނީ އޮލިމްޕަހުން ފިލްމުގެ ޓިކެޓް ވިއްކަން ފަށާ ހިސާބުން."

"އަނދިރިކަން" އަކީ މި އަހަރު ސިނަމާ އަށް އަންނަ 10 ވަނަ ފިލްމެވެ. އެންމެ ފަހުން އޮލިމްޕަހުގައި އެޅުވީ ބިރުވެރި ފިލްމު "ކާކު؟" އެވެ. މި އަހަރު ދެން އެޅުވި ފިލްމުތަކަކީ ނިވައިރޯޅި، ގޮށްރާޅު، +40، ނަފުރަތުވުމުން، މާމުއި، ދައުވަތު، ލީނާ އަދި ބަވަތި އެވެ.