08 އޮކްޓޯބަރ 2019 - 07:09
ދަރިއަކު ހޯދައި މަޔަކަށްވާން ވަރަށް ބޭނުން ކަމަށާއި އެކަމާ ދޭތެރޭ މިހާރު ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް، 26، އާ މިދިޔަ އަހަރު ކައިވެނިކުރި 37 އަހަރުގެ ބަތަލާ ޕްރެސް ޓްރަސްޓް އޮފް އިންޑިިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ބުނީ ދަރިއަކު ހޯދުމަކީ މިހާރު އެންމެ ބޮޑަށް ތަޖުރިބާކުރަން ބޭނުންވާ ކަންތައް ކަމަށެވެ.
"މަޔަކަށްވާން ވަރަށް ބޭނުން. އެ ތަޖުރިބާކުރަން އަހަރެން ވަރަށް ބޭނުން. އެކަން ކޮންމެ ދުވަހަކުން ވާނެ. އެކަމަކު މިހާރަކު ބުނާކަށް ނޭނގޭ ސީދާ ކޮން އިރަކު ކަމެއް،" ކުރީގެ ރީތީގެ ރާނީ ބުންޏެވެ.
ޕްރިޔަންކާ ބުނިގޮތުގައި ފިރިމީހާ ނިކް ވެސް އަންނަނީ އާއިލާއެއް ފެށުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަމުންނެވެ. އެކަމަކު އޭގެ ކުރިން ހަޔާތުގައި ފުރިހަމަކުރަން ބޭނުންވާ ކަންކަން ވެސް އަދިވެސް އެބަހުރި ކަމަށް ބުންޏެވެ.
"އަހަރެން ބޭނުން އަމިއްލަ ގެއެއް ގަންނަން. މިކަމާ ނޫޅެވޭތާ ވެސް ވަރަށް ދުވަސްވެއްޖެ،" ޕްރިޔަންކާ ބުންޏެވެ. "ކޮންމެ ކަމަކީ ވެސް ބުރަ މަސައްކަތުން ހާސިލުވާނެ ކަމެއް. ފްރީ ލަންޗަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން. ކޮންމެ ކަމެއް ވެސް ހާސިލުވާނީ އަމިއްލަ އަށް ކުރާ ބުރަ މަސައްކަތުން. އަދި އެއްޗެއް ހާސިލުކުރެވެނީ އެހެން އެއްޗެއް ގުރުބާން ވެސް ކޮށްގެން. އެކަމަކާ އަހަރެން ޖެހިލުމެއް ވެސް ނުވޭ."
ހޮލީވުޑާއި ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ކާމިޔާބު ބަތަލާ ބުނިގޮތުގައި ކައިވެންޏަށް ފަހު ކޮންމެ މީހަކު ވެސް ބޭނުންވާނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އަދި އެކަމަށް ދެމަފިރިން އެއްވަރަކަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.
"އަހަރެންގެ ނެތް ބަކެޓްލިސްޓެއް. އަދި އަހަންނަކީ ދުރާލައި އެހާ ބޮޑަށް ޕްލޭންކޮށްގެން ދިރިއުޅޭ މީހެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއް ވެސް އެކަމެއްގެ ވަގުތު ޖެހުނީމަ ވާނެ،" ޕްރިޔަންކާ ބުންޏެވެ.
އޭނާ މިހާރު އަންނަނީ ހުކުރު ދުވަހު ރިލީޒްކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ޕްރޮމޯޓްކުރަމުންނެވެ. އެ ފިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ ޒުވާން ދެ ކުދިންގެ މައެއްގެ ރޯލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނީތާ
08 October 2019
އަމަޔަކަށް ވާން މަވެސް ބޭނުން.