މަނީ ރަތުނަމްގެ ފިލްމަށް ސޮއިކުރިކަން އައިޝްވާރިޔާ ރާއީ ކަށަވަރުކޮށް ދީފި

ޑައިރެކްޓަރު މަނީ ރަތުނަމްގެ އާ ފިލްމަށް ސޮއިކުރިކަން ބަތަލާ އައިޝްވާރިޔާ ރާއީ ކަށަވަރުކޮށް ދީފި އެވެ.


އައިޝްވާރިޔާ ހިންދީ ބަހުން އަަޑުއަޅައިދީފައިވާ ހޮލީވުޑްގެ ފިލްމު "މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލް" ގެ ޓްރެއިލާ ލޯންޗްކުރަން ހޯމަ ދުވަހު ބޭއްވި އިވެންޓްގައި ބުނީ އޭނާ ހުރީ މަނީއާ އެކު ފިލްމެއްގެ މަސައްކަތްކުރަން ކެތްމަދުވެފައި ކަމަށެވެ.

"އެހެންވީމަ އާއެކޭ ބުނާކަށް އަހަންނަށް ވިސްނާކަށް ވެސް ނުޖެހޭނެ. އޭނާ އަކީ އިންޑިއާގެ އެންމެ މޮޅު އެއް ޑައިރެކްޓަރު. އަދި އަހަރެންގެ ގުރޫ ވެސް މެ،" އައިޝްވާރިޔާ ބުންޏެވެ.

އޭނާ އެކްޓިން އަށް ނުކުތީ ވެސް މަނީގެ ފިލްމަކުންނެވެ. އެއީ 1997 ގެ "އިރުވަރު" އިންނެވެ. އޭގެ ފަހުން މަނީގެ "ގުރޫ" އާއި "ރާވަން" ގެ ބަތަލާގެ ރޯލް ވެސް އައިޝްވާރިޔާ ކުޅެފައިވެ އެވެ.

"އަހަރެން މި ފަހަރު މި ފިލްމަށް ސޮއިކުރީ ވަރަށް ގިނަ ސަބަބުތަކާ ވެސް އެކު. ވަރަށް ކުޅެލަން ބޭނުންވާ ކަހަލަ ރޯލެއް ލިބުން އެއް ކަމަކީ. އަނެއްކާ ކަމަކީ އޭނާއާ އެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އަބަދު ވެސް ހުރުން. އަދި ވަރަށް ފަަސޭހަ އެކީގައި މަސައްކަތްކުރަން،" ފިލްމާ ބެހޭ އެއްވެސް ތަފުސީލަކަށް ނުގޮސް އައިޝްވާރިޔާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ މި ފަހަރު ސޮއިކުރި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ ޕީރިއަޑް ޑްރާމާ "ޕޮނިޔިން ސެލްވަން" އެވެ. މިއީ ލިޔުންތެރިޔާ ކަލްކީ ކްރިޝްނަމުރުތީ ހަމަ އެ ނަމުގައި 1950 ގައި ގެނެސްދިން ތާރީހީ ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ. "ޕޮނިޔިން ސެލްވަން" ގައި އައިޝްވާރީއާ ކުޅޭނީ ޑަބަލް ރޯލެެއް ކަމަށްވެ އެވެ. އެއީ ދަރިއަކާއި މަންމައެއްގެ ރޯލެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސައުތުގެ އޭ ލިސްޓް ތަރިންތަކެއް ވެސް ހިމެނޭ ކަމަށް މީޑިިއާތަކުން ބުންޏެވެ އެވެ. އޭގެ ތެރޭގައި ވިޖޭ ސެތުޕަތީ، ވިކްރަމް ކަރްތީ، ޖަޔަމް ރަވީ އަދި މި އަހަރުގެ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުކުރި ކީރްތީ ސުރޭޝް ހިމެނެ އެވެ.

އައިޝްވާރިޔާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ފަނޭ ޚާން" ގެ ކުޑަކުދަ ރޯލަކުންނެވެ. އޭނާ އަޑު އަޅައިދީފައިވާ އެންޖެލީނާ ޖޮލީގެ "މެލަފިޝަންޓް: މިސްޓްރެސް އޮފް އީވިލް" އަކީ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމެކެވެ.