28 އޮކްޓޯބަރ 2019 - 06:13
މިދިޔަ ޖުލައި މަހުގެ ތެރޭގައި އިއުލާންކުރި ޖޯން އަބްރަހަމްގެ އެކްޝަން ފިލްމު "އެޓޭކް" ގެ ބަތަލާއަކަށް ޖެކްލިން ހަމަޖައްސައިފި އެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި ފިލްމަށް ބަތަލާއަކު ހޯދަން އަތްފުނާ އަޅާތާ ދުވަސްތަކެއް ފަހުން، ޖެކްލިން ހަމަޖައްސައި ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. "އެޓޭކް" އަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ލަކްޝަޔާ ރާޖް އާނަންދު ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ޕްރޮޑިއުސަރަކީ މިދިޔަ އެޕްރީލް މަހު ރިލީޒްކުރި ޖޯންގެ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޕްރޮޑިއުސަރު އަޖޭ ކަޕޫރެވެ.
ޖޯން ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "އެޓޭކް" އިއުލާންކުރި އިރު، ބުނެފައި ވަނީ ފިލްމުގެ ޝޫޓިން އަންނަ ޑިސެމްބަރު މަހުގެ 19 ގައި ފަށާނެ ކަމަށެވެ.
އަންނަ މަހުގެ 22 ގައި ޖޯންގެ އެންމެ ފަހުގެ ފިލްމު "ޕާގަލްޕަންތީ" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނާ މިހާރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "މުމްބާއީ ސާގާ" ގެ މަސައްކަތްކުރަމުންނެވެ.
ޖޯންއާ އެކު ޖެކްލިން ވަނީ ކުރިން ވެސް ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ "ރޭސް 2" އާއި "ހައުސްފުލް 2" ގެ އިތުރުން "ޑިޝޫމް" ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy