ކްރިތީ ކަރްބަންދާ.
09 ނޮވެމްބަރ 2019 - 08:34
މިހާރު ޝޫޓިން ކުރިއަށްދާ، ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ މައި ވިލަންގެ ރޯލަށް ސައުތު އެކްޓަރަކު ސޮއިކޮށްފި އެވެ.
އަންނަ މަހު ރިލީޒްކުރާ، ސަލްމާންގެ "ދަބަންގް 3" ގެ ނުބައިބައި ރޯލް ވެސް ސައުތުގެ އެކްޓަރު ސުދީޕް ލައްވައި ކުޅުވާފައިވާ އިރު، "ރާދޭ" ގެ މައި ވިލަންގެ ރޯލަށް ނަގާފައި ވަނީ ސައުތުގެ އެކްޓަރު ބާރަތެވެ. ނަމަވެސް މި ފިލްމަކީ އޭނާގެ އަލަތު ބޮލީވުޑް ފިލްމެއް ނޫނެވެ.
"ބާރަތު" ވަނީ 2013 ގައި ސަނީ ލިއޯނީ އާއި ސަޗިން ޖޯޝީ ކުޅުނު "ޖެކްޕޮޓް" ގެ ރޯލެއް ވެސް ކުޅެފަ އެވެ.
"ރާދޭ" އަށް އޭނާ ސޮއިކުރިކަން ބާރަތު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ސަލްމާނާއި ފިލްމުގެ ޑައިރެކްޓަރު ޕްރަބޫދޭވާއާ އެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބާރަތު ބުނީ "ރާދޭ" ގައި ހިއްސާވުމަކީ ބޮޑު އުފަލެއް ކަމަށެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ރަންދީޕް ހޫޑާ، ޖެކީ ޝްރޮފް އަދި ޒަރީނާ ވައްހާބް ހިމެނެ އެވެ.
އަމީތާބް ބައްޗަން އާއި އިމްރާޝް ހާޝިމީ މުހިއްމު ރޯލްތަކެއް ކުޅެފައިވާ މިސްޓްރީ ތުރިލާ "ޗެހެރޭ" އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
New release date... Amitabh Bachchan and Emraan Hashmi... #Chehre to release on 24 April 2020... Directed by Rumi Jafry... Produced by Anand Pandit Motion Pictures and Saraswati Entertainment P Ltd... Presenting the first look of the actors: pic.twitter.com/QHV2dboMpg
— taran adarsh (@taran_adarsh) November 8, 2019
ރޫމީ ޖެފްރީ ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒްކުރަން ކުރިން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގަ އެވެ.
"ޗެހެރޭ" ގެ ކާސްޓުންގެ ތެރޭގައި ކްރިތީ ކަރްބަންދާ އާއި ރިއާ ޗަކްރަބަތީ އަދި އައްނޫ ކަޕޫރް ހިމެނެ އެވެ. މި ފިލްމަކީ އަމީތާބާއި އިމްރާން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.
އިމްރާން ހާޝިމީ ލީޑް ރޯލް ކުޅެފައިވާ "ދަ ބޮޑީ" އަންނަ މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
This December, join the search to find #TheBody. Unravel the mystery on Friday the 13th@chintskap, @Vedhika4u, @sobhitaD,@jeethu007 @TheBodyMovie, #Viacom18Studios, @iAmAzure, @AndhareAjit, @SunirKheterpal, @TSeries pic.twitter.com/GY0HbLaDJR
— Emraan Hashmi (@emraanhashmi) November 8, 2019
އެ ތާރީހުގައި ފިލްމު ރިލީޒްކުރަން ނިންމުމާ އެކު، "ދަ ބޮޑީ" ބޮކްސް އޮފީހުގައި ވާދަކުރަން ޖެހޭނީ ރާނީ މުކަރްޖީގެ "މަރުދާނީ 2" އާ އެވެ.
ވަޔަކޮމް 18 ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށްފައިވާ "ދަ ބޮޑީ" އަކީ ސުނިރު ކެތަރުޕާލް ޑައިރެކްޓްކޮށްފައިވާ ތުރިލާއެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ރިޝީ ކަޕޫރް، ވެދިކާ އަދި ސޮބީތާ ދުލިޕާލާ ހިމެނެ އެވެ.
މި އަހަރު ރިލީޒްކުރި އިމްރާންގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "ވާއި ޗީޓް އިންޑިއާ؟" އެވެ. އޭގެ ފަހުން ނެޓްފްލިކްސްގެ ވެބް ސީރީޒް "ދަ ބާޑް އޮފް ބްލަޑް" އިން ވެސް އޭނާ ފެނިފައިވެ އެވެ.
ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ ކުރީގެ އަންހެން ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ބައޮގްރަފިކަލް ޑްރާމާގެ ރޯލަކަށް އަމިތު ސާދު ސޮއިކޮށްފި އެވެ.
— Amit Sadh (@TheAmitSadh) November 8, 2019
ވިދިޔާ ބާލަން ޓައިޓްލް ރޯލް ކުޅޭ ފިލްމުގައި އަަމިތު ކުޅޭނީ ޝަކުންތަލާގެ އަންހެން ދަރިފުޅު އަނޫޕަމާ ބެނަޖީގެ ފިރިމީހާ ރޯލެވެ. އަނޫޕަމާގެ ރޯލް ކުޅެނީ ސާނިޔާ މަލްއުތުރާ އެވެ.
އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ އަމިތު "ޝަކުންތަލާ ދޭވީ" ފިލްމާ ބެހޭ ގޮތުން ބުނީ އޭނާ ފިލްމަށް އެއްބަސްވީ އޭގެ ސްކްރިޕްޓް ކިޔާފައި އެ ކަމުދިޔަލެއް ބޮޑުކަމުން ކަމަށެވެ. އަދި އިންޑިއާގެ ވަރުގަދަ ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ފިލްމެއްގައި ހިއްސާވެވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.
އަމިތު ސާދު، 36، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ގޯލްޑް"، ސަލްމާންގެ "ސުލްތާން" އަދި ރިތިކް ރޯޝަންގެ "ސުޕަ 30" ހިމެނެ އެވެ.
އަނޫ މެނަން ޑައިރެކްޓްކުރާ "ޝަކުންތަލާ ދޭވީ" އަކީ އަންނަ އަހަރު ރިލީޒްކުރާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy