16 ނޮވެމްބަރ 2019 - 00:25
ދިވެހި ފިލްމު އެވޯޑްސްގައި ޖުމްލަ ހަތް އެވޯޑާ އެކު އެންމެ މޮޅު ފިލްމަކަށް ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" ހޮވިއްޖެ އެވެ.
އޮލިމްޕަހުގައި މިރޭ ބޭއްވި ނުވަ ވަނަ ފިލްމު އެވޯޑު ހަފުލާގައި، އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔައީ ވެސް "ވިޝްކާ" އިން އައިޝަތު ރިޝްމީ އެވެ. ސާކް ފިލްމު ފެސްޓިވަލުގައި ވެސް ރިޝްމީ ވަނީ މި ފިލްމުން އެންމެ މޮޅު ބަތަލާގެ މަގާމަށް ހޮވިފަ އެވެ.
ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ރިޝްމީ ވަނީ އެންމެ މޮޅު ބަތަލާ އަށް ހޮވިފަ އެވެ. އޭގެއިތުރުން ފިލްމަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ (މަރިޔަމް ރިފްގާ)، އެންމެ މޮޅު އާޓް ޑައިރެކްޝަން (އަހުމަދު މުހައްމަދު އިމާދު)، އެންމެ މޮޅު ކޮސްޓިއުމް (ނޫރާ/ ރިއްފަތު/ވިޝާމް)، ބެސްޓް ސައުންޑް ޑިޒައިން (މުހައްމަދު އިކްރާމް) އަދި އެންމެ މޮޅު ސިނަމަޓޯގްރަފީ (މަދޮށިޕް ސްޓޫޑިއޯ) ހިމެނެ އެވެ.
މިރޭ އެވޯޑް ހަފުލާގައި ދެން އެންމެ ގިނަ އަދި އެންމެ ވަރުގަދަ އެވޯޑްތައް އުފުލައިލީ ޔޫސުފް ޝަފީއު (ޔޫއްޕެ) މިދިޔަ އަހަރު ގެނެސްދިން ސަސްޕެންސް ތުރިލާ "ދެވަންސޫރަ" އެވެ. އެ ފިލްމުން އެންމެ މޮޅު އެކްޓަރު، ސްކްރީންޕްލޭ، އެޑިޓިން އަދި ޑައިރެކްޓަރުގެ އެވޯޑް ވެސް ޔޫއްޕެ ވަނީ އުފުލާލައިފަ އެވެ.
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ)
* އެންމެ މޮޅު ސަޕޯޓިން ބަތަލު: އަލީ އާޒިމް (ހައްދު)
* އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: ނަބީލް (ބޮސް)
* އެންމެ މޮޅު އޮރިޖިނަލް ލަވަ: ހިތް އަވަސް (ބޮސް-ފަތުހުﷲ އަބްދުލް ފައްތާހް)
* އެންމެ މޮޅު ޅެން: ހިތް އަވަސް (ބޮސް)
* އެންމެ މޮޅު ބެކްސްކޯ: އިލް ނޮއިސް (އިސްމާއީލް އަދީލް)
"ދެވަންސޫރަ" ގެ ޕޯސްޓަރެއް.
ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ ފިލްމީ ދާއިރާގައި 38 އަހަރު ހޭދަކޮށްފައިވާ މަޝްހޫރު އެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އަށެވެ. އަށްޑިހައިގެ އަހަރުތަކުގައި ވިދާލި ދަރާގެ ކެރިއަރުގައި މިހާތަނަށް 32 ފީޗާ ފިލްމެއްގެ އިތުރުން އެތައް ޑްރާމާއެއްގައި މަސައްކަތްކޮށްފައިވެ އެވެ.
އޭނާ ފިލްމީ ދާއިރާ އަށް މިހާތަނަށް ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކޮށް، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
މިރޭގެ އެވޯޑް ހަފުލާގައި ދެ ފަންނާނަކަށް ޖޫރީ ސްޕެޝަލް ޕްރައިޒް އެވޯޑް ވެސް ދީފައިވެ އެވެ. އެއީ މިދިޔަ އަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދިން ފެމިލީ ޑްރާމާ "ވަކިން ލޯބިން" ގައި ކުޑަކުއްޖެއްގެ ރޯލް ކުޅުނު، ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ އަންހެން ދަރިފުޅު މަރިޔަމް ޔާލާ ޝިފާއު އަށެވެ.
އެ އެވޯޑް ދެން ލިބުނީ އެންމެ މޮޅު ސަޕޯޓިން ބަތަލުގެ އެވޯޑް ވެސް ލިބުނު އަލީ އާޒިމް (ދޮން އައްޔަ) އެވެ. އޭނާ އަށް އެވޯޑް ލިބުނީ "ހައްދު"" އާއި ދެވަންސޫރަ" ގެ އިތުރުން "މަލިކާ" ގައި ކުޅުނު ރޯލްތަކުންނެވެ.
އޮލިމްޕަހުގައި ބޭއްވި އެވޯޑް ހަފުލާގައި އެކްޓަރު އަހުމަދު ނިމާލަށް ޓްރިބިއުޓެއް ވެސް ދީފައިވެ އެވެ. ސްޓޭޖްމަތީގައި ޓްރިބިއުޓް އައިޓަމް ހުށަހަޅައި ދިނީ ނިމާލްގެ ދަރިފުޅު އަދި މިހާރު އެންމެ ވިދާ އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މި އަހަރު ތައާރަފުވި ބަތަލާ އާޝާ އެވެ.
މި އަހަރުގެ ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2017-2018 ގެ ފިލްމުތައް ބައިވެރިކޮށްގެންނެވެ. އެގޮތުން 12 ފީޗާ ފިލްމު އެވޯޑަށް ވާދަކުރި އެވެ.
އެވޯޑްސް އަށް ވާދަކުރި ފިލްމުތަކަކީ ދެވަންސޫރަ (2018)، ވަކިން ލޯބިން (2018)، ރޭވުމުން (2018)، ތިޔަ ލޯތްބާ ދުރަށް (2018)، މަލިކާ (2017)، ނޯޓީ 40 (2017)، ބޮސް (2017)، މީ ލޯތްބަކީ (2017)، ހައްދު (2017)، ވިޝްކާ (2017)، ނޭދެން ވަކިވާކަށް (2017) އަދި އިލް ނޮއިސް (2017) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައި
16 November 2019
އެއް މެ ވަރުގަދަ އެވޯޑުތަށް ލިބުނީޔޫއްޕެއަށް ނަ މަވެސް އެއް މެ މޮޅު ފިލް މަކީ ވިސްކާ
ނާހިދު
16 November 2019
ޔޫއްޕެއަކީ މޭންއެއް.
ޝަނޫން
16 November 2019
ހިތާމަ އަކީ ކޮޕީ ފިލްމަށްވެސް އެވޯޑް ދޭތީ