23 ނޮވެމްބަރ 2019 - 09:47
ބައްޕަ އާމިރު ޚާން ހިމަނައިގެން ކޮންމެވެސް ދުވަހަކުން ފިލްމެއް ޑައިރެކްޓްކުރަން ބޭނުންވާ ކަމަށާއި އެކަމަކު އެކަން ކުރެވޭނީ ޑައިރެކްޓަރެއްގެ ގޮތުގައި ވަކި ހިސާބަކަށް ދެވުމުން ކަމަށް އަންހެން ދަރިފުޅު އިރާ ޚާން ބުނެފި އެވެ.
އަންނަ މަހު ގެނެސްދޭން ނިންމާފައިވާ ތިއޭޓަ ޕްލޭ "އުރިޕިޑެސް މިޑިއާ" އިން ޑައިރެކްޝަށް ނުކުންނަ 22 އަހަރުގެ އިރާ ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއެއްގައި ބުނީ ފިލްމެއްގައި ބައްޕަ ޑައިރެކްޓްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"ވަކިން ހާއްސަކޮށް އެ މީހަކާ މާ ގާތް ގުޅުމެއް އޮންނަ މީހަކާ އެކު މަސައްކަތްކުރުމަކީ ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެ. މިއީ ހަމައެކަނި ބައްޕައާ ބެހޭ ގޮތުން އެކަނި އަހަރެން ބުނާ އެއްޗެއް ނޫން. ހުރިހާ އެންމެންނަށް އެޕްލައިވާނެ ކަމެއް މިއީ،" އިރާ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ބައްޕަ ހިމަނައިގެން ފިލްމެއް ޑައިރެކްޓްކުރެވޭނީ މިކަމުގެ ތެރެއަށް ވީހާ ވެސް ބޮޑަށް ވަދެވި ތަޖުރިބާތަކެއް ވެސް ކުރެވުނީމަ. އެ ދުވަަހަކުން އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނަން."
އޭނާ ބުނީ ބައްޕަ އަކީ ކިޔުންތެރިކަމަށް ވެސް ވަރަށް ބޮޑަށް ލޯބިކުރާ މީހަކަށްވެފައި، ކޮންމެ ކޮންމެ ސްކްރިޕްޓަކަށް ވެސް އެއްބަސްވާނެ މީހެއް ނޫން ކަމަށެވެ. އެހެންވެ ބައްޕަ ހިމަނައިގެން ފިލްމެއް ހަދާ ނަމަ އޭގެ ސްކްރިޕްޓަކީ ބައްޕަ އާމިރު ގަބޫލުކުރާ ފެންވަރުގެ އެއްޗަކަށް ފުރަތަމަ ކަމަކަށްވާން ޖެހޭނެ ކަމަށް ބުންޏެވެ.
އިރާ ބުނިގޮތުގައި އޭނާ އަކީ ވެސް ބައްޕައާ އެއްގޮތަށް އެ ވަގުތަކު ކުރާ ކަމަކަށް އަބަދުވެސް ވަރަށް ބޮޑަަށް ފޯކަސްކޮށްގެން މަސައްކަތްކުރާ މީހެކެވެ. އަދި ތިއޭޓަ ޕްލޭއެއް ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެއީ ޝައުގުވެރި އަދި ފުރިހަމަ އެއްޗަކަށް ހެދޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު މި ވަގުތު އަންނަނީ އަންނަ އަހަރު ރިލީޒްކުރާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްކުރަމުންނެވެ. އެއީ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy