29 ނޮވެމްބަރ 2019 - 07:06
އިންޑިއާގެ ވީހާ ވެސް ގިނަ ފިލްމީ ތަރިން ހޮލީވުޑްގައި މަސައްކަތްކުރާ ތަން ދެކެން ވަރަށް ބޭނުންވާ ކަމަށާއި ވީ ވަރަކުން އަމިއްލަ އަށް އެފަދަ ފުރުސަތުތައް ހޯދައިދޭން ވެސް މަސައްކަތްކުރާނެ ކަމަށް ހޮލީވުޑްގައި މިހާރު މަސައްކަތްކުރާ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ތަރި ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
ހޮލީވުޑަށް ނިސްބަތްވާ މީހަކާ ކައިވެނިކޮށްގެން އުޅޭ ބަތަލާ ބުނިގޮތުގައި އިންްޑިއާގެ ފިލްމީ ތަރިންނަކީ ވަރަށް ހުނަރުވެރި ބައެކެވެ. އެހެންވެ އެ މީހުންގެ ހުނަރުތައް އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ދައްކައިލަން ފުރުސަތު ލިބުމަކީ ހައްގު ކަމެއް ކަމަށް ބުންޏެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އިންޑިއާގެ ފިލްމީ ތަރިއެކޭ ބުނެފި ނަމަ ހުޅަނގުގައި އެ މީހަކު އެންމެ ފުރަތަމަ ލޭބަލް ކުރެވެނީ ނަށަން ދަންނަ މީހެއްގެ ގޮތުގަ އެވެ.
"އެގޮތަށް ލޭބަލްކުރާ މީހުންނަށް އަހަރެން އަބަދު ވެސް ދޭ ޖަވާބަކީ ނަށަން އެނގޭ، ލަވަކިޔަން އެނގޭ އަދި އެހާ މޮޅަށް އެކްޓްކުރަން އެނގޭ ޓްރިޕްލް ތުރެޓެކޭ އަހަރެމެންނަކީ،" ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ވިދައިލުމުގެ ކުރިން އިނގިރޭސި ލަވަތަކެއް ކިޔައިގެން ހުޅަނގުގެ ސަމާލުކަން ހޯދި ބަތަލާ ބުންޏެވެ.
ޕްރިޔަންކާ ބުނިގޮތުގައި އޭނާ ހޮލީވުޑްގައި މަސައްކަތްކުރަން ފެށި ދުވަސްވަރާ އަޅާބަލާ އިރު، އިންޑިއާގެ ފަންނާނުންނަށް މިހާރު ހުޅަނގުން ދޭ ސަމާލުކަން ބޮޑެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ވީހާ ވެސް ގިނަ އިންޑިއާގެ ފަންނާނުން އިންޓަނެޝަނަލް ޕްރޮޖެކްޓްތަކުގައި ހިއްސާވާތަން ދުށުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމެއް ކަމަށް ބުންޏެވެ.
" އަހަރެން އަމިއްލަ އަށް ވެސް މިހުރީ އެފަދަ ފުރުސަތުތައް ހޯދައިދޭން ތައްޔާރަށް،" ބަތަލާ މިންޑީ ކޭލީ އާއި ޔުނިވާސަލް ޕިކްޗާޒްއާ ގުޅިގެން ފިލްމެއް ޕްރޮޑިއުސްކޮށް، އެކްޓްކުރަން ވެސް މިހާރު ތައްޔާރުވަމުން އަންނަ ޕްރިޔަންކާ ބުންޏެވެ. "އަދި އަހަރެން ދެކެން ބޭނުންވޭ އިންޑިއާގެ ސިނަމާ އާއި ފިލްމީ ތަރިންނަކީ މެއިންސްޓްރީމް ގްލޯބަލް އެންޓަޓައިނާތަކަށްވާން."
ޕްރިޔަންކާ ފިރިމީހާ ނިކް ޖޯނަސް އާ އެކު.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކުރީގެ ރީތީގެ ރާނީ ބުނި ގޮތުގައި އޭނާ އަށް ހޮލީވުޑްގައި ފައިސާބިތުކޮށްލެވުނީ ހިތްވަރާ އެކު ކުރި މަސައްކަތުންނެވެ. އެހެންވެ ކޮންމެ މީހަކަށް ވެސް އަޒުމެއް އޮވެގެން މަސައްކަތްކޮށްފި ނަމަ ހާސިލުނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ބުންޏެވެ.
ޕްރިޔަންކާ މިހާތަނަށް ހޮލީވުޑްގެ ތިން ފިލްމެއް ކުޅެފައިވެ އެވެ. އެއީ "ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" ގެ އިތުރުން "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ. ޔުނިވާސަލްއާ ގުޅިގެން ހަދާ ރޮމޭންޓިކް ކޮމެޑީގެ އިތުރުން ޕްރިޔަންކާގެ އަތުގައި ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ވީ ކޭން ބީ ހީރޯޒް" ގެ އިތުރުން އިންޑިއާގެ އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު ކުޅޭ ނެޓްފްލިކްސްގެ ފިލްމު "ދަ ވައިޓް ޓައިގާ" ހިމެނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނީތާ
29 November 2019
ހޮލީވުޑްގަ މިހާތަނަށް ކުޅެވުނީ ފްލޮޕް މަސައްކަތްތަކެއް.
ތަރާ
29 November 2019
ސުނިޔަންކާ އަށް ބޮލީވުޑުން ފުރުސަތެއް ހޯދަދީބަލަ.
އަހުމޭ
29 November 2019
ހޮލީވުޑުން ފުރުސަތު ހޯދައިދޭން ފުރަތަމަ އަމިއްލަ ފުރުސަތު ހޯދަބަލަ